ސިޔާސީ ތަބީއަތް ބުނެދެނީ އެމްޑީޕީއަށް ބޭނުމީ އާ މޫނެކޭ!

ސިޔާސީ ތަބީއަތްތަކެއް ހުރެއެވެ. ސިޔާސީ ރަމަލުޖަހާއިރު، އެ ތަބީއަތްތަކަށް ބަލައެވެ. ރާއްޖޭގައި އިއްޔެ ތަކުރާރުވި އެއް ތަބީއަތަކީ ވެރިކަން ހިންގުމުގެ ބާރަށް ރައްޔިތުންގެ މަޖިލީސް ދިނުމެވެ. އޭގެ ފަހަތުގައި އެތައް ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ރައްޔިތުން އެއް ފަހަރު ނޫނެކޭ ބުނި މޫނުތައް އަލުން ދެއްކުމާއި ވެރިކަމުގެ މޫ ރައްޔިތުންގެ ގޭގެއަށް ފޯރާފައި އޮތް މިންވަރު ފެނެއެވެ.

އެންމެ ފުރަތަމަ އަލަށް މަލްޓި ޕާޓީ ޑިމޮކްރަސީ ގެނެސްގެން އުޅުނުއިރު، ފުރަތަމަ އުފެދުނު ޑިމޮކްރަޓިކް ވެރިކަމަށް މަޖިލީހެއް ނުލިބުނެވެ. ތިން ބާރު އޮތީ ހަމައަށް ފެޅިފައެވެ. މަޖިލީހުގެ ކޮންޓްރޯލް އޭރުގެ އިދިކޮޅުގައި އޮތްއިރު، ވެރިކަން ހިންގުމުގެ ބާރު އޮތީ އެމްޑީޕީގައެވެ. އެކަމަކު، އެ ބާރުވެރިކަން ބަހައިގެން، ފޮތިފޮތިކޮށްގެން ގައުމު ހިންގޭވަރުގެ ސިޔާސީ އުރަތްޕެއް މެންބަރުންގެ ނެތެވެ.

މަޖިލީހުގެ ތެރެއިން ސަރުކާރަށް ކުރަނީ ޖެއްސުމެވެ. ވެރިކަން ހިންގިއަކަ ނުދެއެވެ. ދައްކަނީ ބިރެވެ.

https://sun.mv/191127

އެ ސަކަރާތުގެ ތެރެއިން އޭރު ރައްޔިތުން އުފެއްދި ވެރިކަން މަގުމަތިން ނިމުނީއެވެ. އެއީ، ރައްޔިތުން ހިތްދަތިވި ކަމެކެވެ. ފިލާވަޅެއް ހާސިލުކުރި ތަޖުރިބާއެކެވެ. އޭގެ ފަހުން، ސަރުކާރަށް ޖެއްސުންކޮށް، ބިރުދެއްކުމުގެ ކުޑަ ވެސް ފުރުސަތެއް އިދިކޮޅު ޕާޓީތަކަކަށް ނުދެއެވެ.

ރޭ ނަތީޖާތައް ސާފުވެ، ގޮނޑިތަކަށް ކުލައަރަމުންދިޔައިރު ސާފުވީ އެމްޑީޕީގެ ލީޑާޝިޕަށް އެ ތަބީއަތްތައް ދަސްނުވި ކަމެވެ.

މަޖިލީސްތައް ބެހުނުގޮތް:

އެމްޑީޕީގެ ފުރަތަމަ ވެރިކަން:

  • އެމްޑީޕީއަށް 26 ގޮނޑި.
  • އޭރުގެ އިދިކޮޅު ޑީއާރުޕީއަށް 28
  • ޑީއާރުޕީގެ ތެރެއިން އުފެދުނު ޕީޕަލްސް އެލަޔަންސް (ޕީއޭ)އަށް ހަތް ގޮނޑި
  • ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް އެންމެ ގޮނޑިއެއް
  • ދިވެހި ގައުމީ ޕާޓީއަށް ދެ ގޮނޑި

ޕީޕީއެމްގެ ފުރަތަމަ ވެރިކަން

  • ޕީޕީއެމަށް 44 ގޮނޑި
  • ސަރުކާރު ކޯލިޝަންގައި އޭރު އޮތް ޖޭޕީއަށް 10 ގޮނޑި
  • ކޯލިޝަންގައި އޭރު އޮތް އެމްޑީއޭއަށް 5 ގޮނޑި
  • އަމިއްލަ ތިން މެންބަރުން
  • އަދާލަތު ޕާޓީއަށް އެއް ގޮނޑި
  • އިދިކޮޅު އެމްޑީޕީއަށް 22 ގޮނޑި

އެމްޑީޕީގެ ދެވަނަ ވެރިކަން

  • އެމްޑީޕީއަށް 65 ގޮނޑިއާ އެކު ސުޕަމެޖޯރިޓީ
  • ޕީޕީއެމް/ޕީއެންސީއަށް 8 ގޮނޑި
  • ޖޭޕީއަށް 5 ގޮނޑި
  • އެމްޑީއޭއަށް ދެ ގޮނޑި
  • އަމިއްލަ ހަތް މެންބަރުން

ރޭ ރަތްވިލާ އޮއްސެމުންދިޔައިރު މަޑުމަޑުން މަޖިލީހުގެ 93 ގޮނޑިއަށް ކުލައަރަމުންދިޔައެވެ. އަމިއްލަގޮތުން ވާދަކުރި ސަރުކާރު ކެންޑިޑޭޓުންނާ އެކު 70އެއްހައި ގޮނޑީގައި ވިލު ނޫ ކުލަ ޖައްސައިފިއެވެ. އެއީ، ވެރިކަމުގެ ބާރަށް މަޖިލީސް ދިނުމުގެ ތަބީއަތަށް އިތުރުވީ ބޮޅެކެވެ.

އެމްޑީޕީ ދުވަހަކުނުވާވަރުގެ ބައްޔެއް

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ދޮށީ ޕާޓީ، އެމްޑީޕީއަށް މި ވަރުގެ ލަދަކާ ކުރިމަތިލާކަށް އަދި ނުޖެހެއެވެ. މިއީ، އެ މީހުންނަށް އަލަށް ދިމާވި ކަމެކެވެ. އޭގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ ރައްޔިތުން އެއް ފަހަރު ނޫނެކޭ ބުނި ކަންކަން ހިފައިގެން ދެވަނަ ފަހަރަށް ވެސް ނުކުތުމެވެ. މި ފަހަރު ވެސް އެ ޕާޓީން ދެއްކީ ރިޔާސީ އިންތިޚާބުގައި ނުވިކުނު ވާހަކަތަކެވެ.

https://sun.mv/187217

މިދިޔަ 19 ވަނަ މަޖިލީހަށް ކުރިމަތިލީއިރު ޕީޕީއެމް/ޕީއެންސީއަށް ލިބުނުވަރުގެ ކެއްސެއް މި ފަހަރު އެމްޑީޕީއަށް ލިބެން މެދުވެރިވީ ސަބަބަކީ އެއީއެވެ.

"ނަތީޖާއިން މާޔޫސްކޮށްލި ނަމަވެސް އާ ހިތްވަރަކާ އެކު ރައްޔިތުންނާ މިހާރަށް ވުރެ މާ ގާތުން މަސައްކަތްކުރަން ޖެހޭ،" މި ނާކާމިޔާބީއާ ކުރިމަތިލީއިރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އެ ޕާޓީ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ ކަމަށްވާ ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

އިއްޔެގެ ނަތީޖާއިން ރައްޔިތުން އެމްޑީޕީއަށް މަޖުބޫރުކުރަނީ ސިޔާސަތުތައް ބަދަލުކުރާށެވެ. ނުވިކުނު ވާހަކަތައް ހިފައިގެން ދެވަނަ ފަހަރަށް އެނބުރި ނާންނަން ހަރުއަޑުން ބުނާ ކަހަލައެވެ. އާ ލީޑަރުންނާއި އާ ސިޔާސަތުތަކާއި އާ ވާހަކަތައް އަޑުއަހަން ރައްޔިތުން ބޭނުމެވެ. އެ ފުރޮޅުމަށް އެމްޑީޕީގެ ތެރެއިން ޖާގަ ދޭންޖެހެއެވެ. ބާރުވެރިކަމުގައި ނަތީޖާ ނުނެރެވުނު މީހުން ކުރީ ސަފުން އެއްފަރާތްވާން ޖެހެއެވެ.

https://sun.mv/191121

އެ ފޮރުޅުމަށް ރައްޔިތުން އެދޭކަމުގެ ހެއްކަކީ އެމްޑީޕީގެ ބާރުގަދަ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނުމެވެ. މަޖިލީސް ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދާއިރާއިން ވެސް އެމްޑީޕީއަށް ބުނީ ނޫނެކެވެ.

އޭގެ ބަދަލުގައި އެމްޑީޕީން ފެނުނު އާ މޫނުތަކަށް ފުރުސަތު ލިބުނެވެ. އެމްޑީޕީން މަޖިލީހަށް ހޮވުނު މަދު މެންބަރުންގެ ތެރޭގައި ގިނައީ އާ މޫނުތަކެވެ. އެ ނަތީޖާއިން ހެކިދެނީ ރައްޔިތުން އެދެނީ އެމްޑީޕީ ވެސް ބަދަލުވާން ކަމެވެ.

މިއަދު ވެރިކަމުގައި އޮތް ޕީއެންސީގެ ކާމިޔާބީގެ ފަހަތުގައި ވެސް އެ ފޮރުޅުން އެބައޮތެވެ.

ވެރިކަމުގެ ފަލަ މޫ

އިންތިޚާބުތަކަށް ކަޑަޖެހުމާއި އެކިއެކި ނަންނަމުގައި އާ ސިޔާސީ ވަޒީފާތައް ބެހުން އެއީ އެންމެން ދަންނަ ހަގީގަތެވެ. އަބަދު ވެސް ވެރިކަމުގައި އޮންނަ ޕާޓީއަކުން އެ ބައެއްގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ހިތް ލަންބަން އެފަދަ ނުފޫޒުތައް ފޯރުވައެވެ. އެމްޑީޕީން ވެސް ކަންކުރީ އެހެނެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް ކަން ހިނގީ އެ މަގުންނެވެ. މި ފަހަރުގެ އިންތިޚާބުގައި ވެސް ކަންކުރިތަން ފެނުނީ އެހެނެވެ.

އަލަށް ފޮޅޭ ވެރިކަމަކަށް މަޖިލީހުން އެ ވަރުގެ މެޖޯރިޓީއެއް ލެބޭ އަނެއް ސަބަބަކީ މިއީއެވެ.

https://sun.mv/191114

އެއް ބަޔަކަށް ރައްޔިތުން ނޫނެކޭ ބުނުމުން ދެން އުފެދިފައި އޮންނަ ސަރުކާރަކުން އާ ކަންތައްތަކެއް ކުރަން ފަށައެވެ. ރަށްރަށުގެ ތާއީދު އެ ޕާޓީއަކަށް އެނބުރޭނެހާ ގޮތަކަށް ވަޒީފާތައް ބަހައިލައެވެ. މުޅި އަތޮޅާއި ރައްޔިތުންގެ ހިތްލެނބޭހާ ގޮތަކަށް ކަޑަޖަހައެވެ.

އެ ބާރުވެރިކަމާއި ނުފޫޒުން ރައްޔިތުންގެ ނުފޫޒެއް ނެތް، ސިޔާސީ ފާހަގައިގައި ދަމައި ކޫތައެވެ. އެކަން 19 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުން ވެސް ފެނުނެވެ.

ސަރުކާރަށް އިމްތިހާނެއް؟

ރައްޔިތުންނާނުލައި ފަސް އަހަރުގެ ވެރިކަންކުރުމުގެ ބާރު ދިން ސަރުކާރުތަކަށް ކުރަން ޖެހުނީ ހިތި ތަޖުރިބާއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ސަރުކާރާއި ވެރިކަން ހިންގި ޕާޓީއާއި އާންމުންނާ އޮތް ގުޅުން ހީނަރުވީއެވެ. އެ ގުޅުން ކެނޑުމުގެ ނަތީޖާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދެއްކީއެވެ.

އުމްރާނީ ތަރައްގީގައި ދިވެހީން ދުވަހަކު ނުދެކޭ އެތައް ހުވަފެނެއް ހަގީގަތަކަށް ހަދައިދިން ވެރިކަމަށް އޭރު ދިވެހީން ނޫނެކޭ ބުނީ ސަރުކާރާއި ރައްޔިތުންގެ ގުޅުން ގޯސްވުމުންނެވެ.

https://sun.mv/191145

އޭގެ ފަހުން، އެ ބާރު އަނެއްކާ ވެސް ދެން ދިނީ އެމްޑީޕީއަށެވެ. އެ ބާރުވެރިކަމާ އެކު އެ ފަހަރު ވެސް ދިނީ ސުޕަމެޖޯރިޓީއެވެ. އެ ފަހަރު ވެސް ތަކުރާރުވީ ކުރީގެ ހިއްޗެވެ. މެންބަރުން އުޅުނީ ވިޔަފާރީގައެވެ. ސަރުކާރާއި ރައްޔިތުންނާ ގުޅުން ކެނޑުނީއެވެ. އޭގެ ނަތީޖާއަކީ މި ފަހަރު އަނެއްކާ ވެސް ޕީޕީއެމް/ޕީއެންސީއަށް ސުޕަ މެޖޯރިޓީއާ އެކު ވެރިކަން ދިނުމެވެ.

ސަރުކާރަށް އޮތް އިމްތިހާނަކީ ރައްޔިތުން ކުރި އިތުބާރު ދެމެހެއްޓުމެވެ. އެއީ، ކުޑަ ޒިންމާއެއް ނޫނެވެ.

ރައްޔިތުންގެ ބަސް ސާފު

ރާއްޖޭގެ ސިޔާސީ ތަބީއަތަކީ އެއް ފަހަރު ނޫނެކޭ ބުނި ބަޔަކަށް، ރުހުން ލިބުން ދަތިވުމެވެ. އެމްޑީޕީގެ ލީޑާޝިޕަށް ނޭނގުނު ކަމަކީ އެއީއެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނީ އެމްޑީޕީގައި އޭރު ތިއްބެވި ލީޑަރުންނަށެވެ. ބާރުވެރިކަން މުށުތެރެއަށް ލައްވައިގެން ގެންގުޅުއްވި ބޭފުޅުންގެ ނުފޫޒެވެ. ނޫނެކޭ ބުނަނީ ޕާޓީއާއި ފިކުރަކަށް ނޫނެވެ.

ރިޔާސީ އިންތިޚާބަށް ފަހުގައި އެމްޑީޕީން އެ ފުރޮޅުމަށް ޖާގަނުދީ، ކުރީގެ ބޭފުޅުން އަނެއްކާ ވެސް ކުރިއަށް ނެރުއްވައިގެން ނުވިކުނު ސިޔާސީ ވާހަކަތައް ހިއްޕަވައިގެން ނުކުންނެވުމުގެ ނަތީޖާއަކީ އެ ޕާޓީ ލަދުގަންނަވާލުމެވެ. އޭގެ ކުރިން ޕީޕީއެމަށް ވެސް 19 ވަނަ މަޖިލީހުގައި ވީ އެހެންނެވެ.

https://sun.mv/191129

ރައްޔިތުން އެދޭ ފޮރުޅުމަށް ޖާގަ ނުލިބި އެއްވެސް ޕާޓީއެއް ވަރުގަދައެއް ނުވެއެވެ. ބައެއް ފަހަރު އެ ފުރޮޅުން އަންނަނީ މަޖުބޫރުންނެވެ. އެކަމަކު، އެ ފުރޮޅުން ކޮންމެ ފަދަ ގޮތަކަށް ވިޔަސް އައުމުން ނޫނީ ސިޔާސީ ބާރުވެރިކަމަށް އެނބުރި އާދެވިދާނެ ކަމަކަށް ސިޔާސީ ތަބީއަތް ހެއްކެއް ނުދެއެވެ.

ފުރަތަމަ 2013 ވަނަ އަހަރު ޕީޕީއެމަށް ވެރިކަން ލިބުނީ ވެސް އެ ފޮރުޅުމަށް ޖާގަ ލިބުނީމައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު މަޖުބޫރުން ނަމަވެސް އެމްޑީޕީއަށް ވެސް އެ ފޮރުޅުން އައުމުގެ ނަތީޖާއަކަށްވީ އެ ޕާޓީ ދެވަނަ ފަހަރަށް ވެރިކަމަށް އައުމެވެ. ނިމުނު 2023 ވަނަ އަހަރު ޕީޕީއެމްގެ ފިކުރަށް ވެސް ވެރިކަމަށް އާދެވުނީ ގަދަ މަޖުބޫރުކަމުން ނަމަވެސް އެ ޕާޓީގެ ކުރީ ސަފަށް ވެސް އެ ފުރޮޅުން އައުމުންނެވެ.

އެމްޑީޕީގެ ކުރިމަގާ ގުޅިފައި އޮތީ ވެސް އެ ފުރޮޅުމެވެ. ތަބީއަތް ބުނެދެނީ އެ ޕާޓީއަށް އަނެއްކާ ވެސް އާ މޫނެއް ބޭނުމޭއެވެ. ރައްޔިތުން އެ ފުރޮޅުން ބޭނުންވުމުން އޭގައި އަތް ނޭޅޭނެކަން ވެސް މާޒީން ސާފުވެއެވެ.

comment ކޮމެންޓް