ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ ޕާޓީގެ ސިޔާސަތެއް ނޫން: ޕީޕީއެމް ޕީއެންސީ

ވަކި ފަރުދަކު ފާޅުކުރާ ސިޔާސަތަކީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށް ޕީޕީއެމް ޕީއެންސީން މިއަދު ބުނި -- ފޮޓޯ/ ޕީއެންސީ

ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށް ޕީޕީއެމް ޕީއެންސީން މިއަދު ބުނެފިއެވެ.

ޅ. ހިންނަވަރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރާ މުޙައްމަދު އަބްދުއްރަހުމާންގެ ރޭ އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދެއްކި މީހަކު ވަނީ ޅ. ފެލިވަރުގައި ހިންގާ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލް ކުރުމުގެ ބާރު ޕީއެންސީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓަށް ދޭން ޖެހޭ ކަމަށް ބުނެފައެވެ.

މި ކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީއަށް ފާޑުކިޔުން އަމާޒުވަމުންދާ މި ދަނޑިވަޅުގައި އެ ކޯލިޝަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އަދި ވަކި ފަރުދަކު ފާޅުކުރާ ސިޔާސަތަކީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަ ކަމާއެކު ސިޔާސީ ހަރަކާތް ކުރިޔަށް ގެންދިއުމާއި، އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށް ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް ޕީއެންސީން ރައްޔިތުންގެ ލޯބި ހޯދާނީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ އެދޭ ތަރައްގީ ގެނެސްދީގެން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ އިސްވެރީން ރަށްރަށަށް ކުރއްވާ ދަތުރުތަކުގައި މިހާރު ވެސް ވަޒީފާތަކުގައި ތިބި ފަރާތްތަކުން ބައިވެރިވަމުންދާ ކަމަށެވެ.

ސަރުކާރުން ސަރުކާރުން ފިކުރަށް ބަލައި، މީހުން ވަޒީފާތަކުން ވަކިކޮށް، ސިޔާސީ ގޮތުން ބިރުދައްކައި، އަދި ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ހައްޔަރު ކުރަމުންދިޔަ ގޮތް ތަކުރާރު ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތު ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޅ. ފެލިވަރުގައި ހިންގާ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލް ކުރުމުގެ ބާރު ޕީއެންސީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓަށް ދޭން ޖެހޭ ކަމަށް ބުނި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވެސް މިއަދު ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި ވަނީ އޮތީ ސަރުކާރު ވަޒީފާތައް އަދާކުރަމުންދާ ފަރާތްތައް ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ، އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށެވެ.

އަދި ސަރުކާރުގެ އޮފީސްތަކަށް ކެންޑިޑޭޓުން ނެގުން ވެސް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުންދާ މައްސަލަ، އެމްޑީޕީން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް، މިކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލާފައިވާއިރު، އެކަމުގައި ފިޔަވަޅު އެޅުމަށްޓަކައި ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމަށް އީސީގެ ރައީސް ފުއާދު ވެސް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް