ބަޖެޓު އޮތް ގޮތުން ގިނަ މަޝްރޫއުތައް ފެށެން އޮތީ އަހަރު ނިމޭކޮޅު: ރައީސް

ރައީސް އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައި އޮތް ބަޖެޓު އޮތް ގޮތުން ގިނަ މަޝްރޫއުތައް ފެށެން އޮތީ އަހަރު ނިމޭކޮޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ލ. އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަޝްރޫއުތައް ހިންގުމުގައި މައިގަނޑު ދަތިތައް ދިމާވަނީ ބަޖެޓުގެ ސަބަބުން ކަމަށެވެ.

އެގޮތުން ބަޖެޓު ފާސްކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި މިހާރު ބޭނުން ކުރާ ބަޖެޓަކީ މި ސަރުކާރުން ފާސްކުރި ބަޖެޓެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިބޭފުޅުން ހަނދުމަފުޅު ހުންނަވާނެ މިދިޔަ އަހަރުގެ އޮކްޓޫބަރު ނޮވެންބަރު ހިސާބުގައި، އޭރުގައި އޮކްޓޫބަރުގެ ތެރޭގައި އޭރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވީ އަޅުގަނޑުމެން ހިމަނަން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ހިމަނާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ތެރޭގައި ފުއްދަން ވައުދުވެވަޑައިގެންފަައިވާ ކަންތަކުގެ ތެރެއިން ފުރިހަމަ ކުރައްވަން ބޭނުންފުޅުވާ ހުރިހާ ކަމެއް އެމަނިކުފާނު ލިސްޓު ކުރެއްވި ކަމަށާއި ނަމަވެސް ބަޖެޓުގައި ހިމެނީ ވަރަށް މަދު މަޝްރޫއެއް ކަމަށެވެ.

މީގެއިތުރުން، ބަޖެޓުގައި ހިމެނި މަޝްރޫއުތަކަށް ކަނޑައަޅާފައި އޮތީ ވަރަށް މަދު އަދަދެއްގެ ފައިސާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިމަހާއި އަންނަ މަހުގެ ތެރޭގައި މަޝްރޫއުތައް ފަށަން ބޭނުން ވިޔަސް ގިނަ މަޝްރޫއުތައް ފެށޭނީ އަހަރުގެ ފަހުކޮޅު ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ލ. މާވަށަށް ވަޑައިގަތުމުން މަރުހަބާ ކިޔުން --- ސަންފޮޓޯ/ އަމަން ލަަތީފް

"އެހެންވީމާ އަޅުގަނޑުމެން ބޭނުންވާ ގޮތަށް މި އަހަރުގެ ތެރޭގައި މިހާރު މި އޮތް މަޖިލީހުން ފާސްކޮށްދީފައި އޮތް ބަޖެޓު އޮތް ގޮތުން ގެންދެވޭކަށް ނެތް. އެހެންނަމަވެސް މި ބަލަނީ ވީހާވެސް އަވަހަކަށް ގިނަ މަސައްކަތްތަކެއް ފެށޭތޯ،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ސަރުކާރާ ހަވާލުވި އިރު ގިނަ ރަށްރަށުގެ މަޝްރޫތަކަށް ފައިސާ ނުދީ ހުރުމުން މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށާއި އެ ހުރިހާ މަސައްކަތްތައް ފެށޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ރަށްރަށުގައި ހުރި ވަރަށް ގިނަ މަޝްރޫއުތައް މިހާރު ފެށިފައިވާ ކަމަށާއި އަލަށް ޓެންޑާކޮށްގެން ފެށެން ހުރި ކަންކަން ވެސް ފެށޭތޯ ބަލަމުންދާ ކަމަށެވެ.

"ގިނަ މަސައްކަތަކެއް ފެށޭ ހިސާބުގައި. އަދި ބައެއް ކަންކަން ފެށިއްޖެ." އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ލ. އަތޮޅުގެ ފަސް ރަށަކަށް މިއަދު ވަޑައިގަތުމަށް ފަހު ރައީސް މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެނބުރި މާލެ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް