ސައުދީން މިއަހަރުގެ މިސް ޔުނިވާސްގައި ވާދަކުރާ ކަމަށް ދެކެވުނު ވާހަކަ ދޮގުކޮށްފި

މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ސައުދީން ވާދަކުރާކަން އަދި ކަށަވަރެއް ނުވޭ. ފޮޓޯ/އިންގްލިޝް އަރަބިޔާ

ސައުދީ އަރަބިއާއިން މި އަހަރުގެ މިސް ޔުނިވާސްގައި ވާދަކުރަން ނިންމައިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރި ޚަބަރު މިސް ޔުނިވާސް މުބާރާތް އިންތިޒާމުކުރާ ޖަމުއިއްޔާއިން ދޮގުކޮށްފިއެވެ.

މިސް ޔުނިވާސް އޯގަނައިޒޭޝަންއިން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މުބާރާތުގައި ބައިވެރިވާނެކަން ކަށަވަރުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އަދި ނުހިމެނޭ ކަމަށެވެ.

"ފައިނަލް ވެގެން އަޅުގަނޑުމެންގެ އެޕްރޫވަލް ކޮމިޓީން ކަށަވަރު ނުކުރާހާ ހިނދަކު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީއަށް ނުލިބޭނެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މިސް ޔުނިވާސް މުބާރާތް އިންތިޒާމްކުރާ ޖަމުއިއްޔާއިން އެގޮތަށް ބުނެފައި ވަނީ، އެ މުބާރާތުގައި ސައުދީ ތަމްސީލުކުރާ މޮޑެލް ރޫމީ އަލް ގަހުތާނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރިތާ ހަފުތާއެއް ފަހުންނެވެ.

ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި އާންމުންގެ މެދުގައި ސަމާލުކަން ހޯދާފައިވާ އުމުރުން 27 އަހަރުގެ މޮޑެލް ރޫމީ އޭނާގެ އިންސްޓަގްރާމްގައި ބުނީ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ސައުދީގެ ފަރާތުން އޭނާ ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާއަކީ މިސް ސައުދީ އަރަބިއްޔާގެ ޓައިޓްލްގެ އިތުރުން މިސް މިޑްލްއީސްޓްގެ ޓައިޓްލް ވެސް ހާސިލުކޮށްފައިވާ މޮޑެލްއެކެވެ. މީގެ އިތުރުން 2021 ގައި ރޫމީއަށް މިސް އަރަބް ވޯލްޑް ޕީސްގެ ޓައިޓްލް ވެސް ލިބިފައިވެއެވެ.

މި އަހަރުގެ މިސް ޔުނިވާސް މުބާރާތް އޮތީ ސެޕްޓެމްބަރު 18 ގައި މެކްސިކޯގައެވެ.

މިސް ޔުނިވާސް މުބާރާތަކީ މިސް ވޯލްޑް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތެވެ. މި މުބާރާތުގައި ސައުދީ ބައިވެރިވާނަމަ، ގަލްފްގެ ގައުމަކުން ދެވަނައަށް ވާދަކުރާ ގައުމަކަށް ސައުދީ ވެގެންދާނެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބަހްރެއިނުން ވާދަކޮށްފައިވެއެވެ.

މި އަހަރު ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި އަލަށް އިރާން ވެސް ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް