އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގެ ދެ ތަމްރީން ޕްރޮގްރާމެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
އައިއެމްސީޓީސީއަކީ، ސަޢުދި ޢަރަބިއްޔާ އިސްވެ، 2015 ވަނަ އަހަރު އުފެއްދި ޖަމާޢަތެކެވެ. އިސްލާމީ ގައުމުތައް އެކުލެވޭ އައިއެމްސީޓީސީއިން ހިންގަނީ، އަސްކަރީ ތަމްރީނު ޕްރޮގްރާމްތަކާއި ސައިބާ ސެކިއުރިޓީ ޕްރޮގްރާމުތަކެކެވެ.
އިއްޔެ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖެއިން ވަނީ މި ޖަމާއަތުގެ ދެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސޮއިކޮށްފައެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގައި އެ ޖަމާޢަތުން ހިންގާނެ ދެ ޕްރޮގްރާމަކީ ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ސައިބާ ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމާއި، އަސްކަރީ ޤަބިލިއްޔަތުކަން ވަރުގަދަކުރުމަށް ހިންގާ އަސްކަރީ ތަމްރީން ޕްރޮގްރާމެކެވެ.
މި ދެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށް ޕްރޮގްރާމް ކުރިއަށް ގެންދަން ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކަކީ، ބޮންތައް ނައްތާލުމުގެ މަސައްކަތަށް ހިންގާނެ ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. ދެން ރާއްޖެއިން ބައިވެރިވުމަށް ސޮއިކުރި ސައިބާ ސެކިއުރިޓީ ޕްރޮގްރާމަކީ، ސައިބާ ހަމަލާތަކުން ދިފާޢުވެ، ރާއްޖޭގެ ވަސީލަތްތައް ރައްކާތެރިކުރާނެ ގޮތާ ގުޅޭ ތަމްރީނު ޕްރޮގްރާމެކެވެ.
އައިއެމްސީޓީސީގައި 43 މެންބަރު ގައުމުތައް މިވަގުތު ހިމެނެއެވެ. އައިއެމްސީޓީސީ އަކީ އަނިޔާވެރި ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކުރާ މަސައްކަތްތައް ކޯޑިނޭޓްކޮށް އެއްބައިވަންތަކުރާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި ހިންގާ އަސްކަރީ އިއްތިހާދެކެވެ. މި ސެންޓަރުގެ ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރު ހުންނަނީ ސައުދީ އަރަބިއްޔާގެ ރިޔާދުގަ އެވެ. މިހާރުވެސް ރިޔާދުގެ އައިއެމްސީޓީސީ އިދާރާގައި ދިވެހި އަސްކަރީ އޮފިސަރުން ތަމްރީންތަކުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އައިއެމްސީޓީސީގެ މެންބަރަކަށްވުމުގެ ސަބަބުން ރާއްޖޭގެ ދިފާއީ ނިޒާމުގެ އިންސާނީ ވަސީލަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާ ކަމަށެވެ. އަދި ނިރުބަވެރިކަމާ ދެކޮޅަށް ގައުމުގެ ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަ ކުރެއްވިއްޖެ ކަމަށް އިޙްސާން ވަނީ ވިދާޅުވެފައެވެ.
"ނިރުބަވެރިކަމުން އޮތް ނުރައްކަލަކީ އެންމެ ގައުމަކަށް އެކަނި ޙައްލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ކައުންޓަ ޓެރަރިޒަމް އެނަލިސިސް އަދި އޮޕަރޭޝަނަލް ކެޕޭސިޓީ މިހާރު ވަނީ ފުޅާކުރެވިފައި. ނިރުބަވެރި ހަމަލާތަކަށް އަޅުގަނޑުމެންގެ ތައްޔާރީ ހާލަތު އިތުރަށް ޒަމާނީ ކުރެވިއްޖެ،" އިޙްސާން ވިދާޅުވެފައިވެއެވެ.

އައިއެމްސީޓީސީ ކޯލިޝަންގެ މިހާރުގެ މެންބަރުންގެ ތެރޭގައި އަފްޣާނިސްތާން، ބަހްރެއިން، ބަންގްލަދޭޝް، ބެނިން، ބްރޫނާއީ، ބުރްކިނާ ފާސޯ، ކެމަރޫން، ޗެޑް، ކޮމޮރޯސް، ކޮޓް ޑި އައިވޯއާ، ޖިބޫޓީ، މިސްރު، ގެބޮން، ގަމްބިއާ، ގިނީ، ގިނީ ބިސާއު، ޖޯޑަން، ކެންޔާ، ކުވައިތު، ލުބުނާން، ލީބިޔާ، މެލޭޝިއާ، ރާއްޖެ، މާލީ، މޮރިޓޭނިއާ، މޮރޮކޯ، ނައިޖަރް، ނައިޖީރިއާ، އޮމާން، ޕާކިސްތާން، ފަލަސްޠީނު، ޤަތަރު، ސަޢުދީ ޢަރަބިއްޔާ، ސެނެގާލް، ސިއެރާ ލިއޯން، ސޯމާލިއާ، ސޫދާން، ޓޯގޯ، ޓިއުނީޝިއާ، ތުރުކީ، ޔުގަންޑާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޔަމަން ހިމެނެއެވެ.