ސިފައިންގެ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ރިޔާސީ ދައުރުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ހަރަކާތްތައް ދައްކައިލުމަށް ބޭއްވި ހަފުލާގައި ހިލްމީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށާއި، ގައުމުގެ ސަރަހައްދު ބެލެހެއްޓުމަށާއި، އަސްކަރިއްޔާ ތަރައްގީ ކުރުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ވައިގެ އުޅަނދުތައް ހޯއްދަވައިދެއްވައި އެއާކޯ އުފެއްދެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އައްޑޫ ސިޓީގައި އެމްއެންޑީއެފްގެ އެއާ ސްޓޭޝަނެއް ގާއިމުކުރައްވައި ށ. ފުނަދޫގައި ވެސް އެއާ ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހިލްމީ ވިދާޅުވިއެވެ. ވައިގެ މަގުން ގާބިލުކަން އިތުރުކުުރުމަށް އިތުރު މަސައްކަތްތައް ރޭވިފައިވާއިރު، އަސްކަރިއްޔާއަށް ހަތިޔާރު އެޅި އުޅަނދުތައް ވެސް ރައީސް ހޯއްދަވައިދެއްވައިފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ސިފައިންގެ ހަރަކާތްތައް ދައްކާލުމުގެ ރަސްމިއްޔާތު: މިއީ ސިފައިންގެ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ ރިޔާސީ ދައުރު ކަމަށް ހިލްމީ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސްމީގެ އިތުރުން ކޯސްޓްގާޑުގެ މަސައްކަތްތަކަށް، ތުރުކީންނާއި އޮސްޓްރޭލިއާއިން މަނަވަރުތައް ހޯއްދަވައިދެއްވިކަން ވެސް ހިލްމީ ފާހަގަކުރެއްވިއެވެ. އަދި ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އަތޮޅުތަކުގައި ފަޔާ ސްޓޭޝަންތައް ގާއިމުކުރާނެކަން އޭނާ ހާމަކުރެއްވިއެވެ.
ހިލްމީ ވިދާޅުވި ގޮތުގައި، އެ މަސައްކަތްތަކާއެކު ސިފައިންގެ ވެލްފެއާ ރަނގަޅު ކުުރުމަށާއި ސިފައިންގެ ހުރިހާ ދާއިރާއެއް ވެސް ތަރައްގީ ކުރުމަށް ރައީސްގެ ހަރުދަނާ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް އަންނަ ކުރައްވަމުންނެވެ.
"އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން، ސިފައިންގެ މީހުންގެ އަދަދު މިވަނީ އިތުރުކޮށްދެއްވައިފައި، މިހާތަނަށް 806 ޒުވާނުންނަށް ސިފައިންގެ ވަޒީފާގެ ފުރުސަތު ވަނީ ހޯއްދަވައިދެއްވައިފައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސިފައިން ދިރިއުޅޭ ތަންތަނުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ އަމަލީ މަސައްކަތް ކުރުމަށް ޓަކައި ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާކަން ހިލްމީ ފާހަގަކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ހިލްމީ ވާހަކަދައްކަވަނީ: މިއީ ސިފައިންގެ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ ރިޔާސީ ދައުރު ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސްއެ އިމާރާތުގެ ސަބަބުން، މާލެ ސަރަހައްދުގައި ސިފައިންގެ އެކޮމޮޑޭޝަނަށް ދިމާވެފައިވާ ދަތިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަނޑޭރިކޮށި އެކެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހިލްމީ ވިދާޅުވިއެވެ.
"މިއީ ސިފައިންގެ ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރުކަމުގައި މި ދަންނަވަނީ ޝުކުރުވެރިކަމާއެކު. މިއީ އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ސިފައިންގެ މީހެއްގެ ވެސް އިހުސާސް،" އޭނާ ވިދާޅުވިއެވެ.
ހިލްމީ ސިފަކުރެއްވި ގޮތުގައި، ސިފައިންގެ އެންމެ އިސްވެރިޔާ ކަމަށްވާ ރައީސްގެ ދިފާއީ އަދި އަސްކަރީ ސިޔާސަތު ބިނާވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށެވެ. އެހެންވެ، އަސްކަރިއްޔާއަށް ބޭނުންވާ ގާބިލުކަން ހޯއްދަވައިދެއްވައި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރެއްވުމަށް ރައީސް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ހިލްމީ ޝުކުރު އަދާކުރެއްވިއެވެ.
ސިފައިންގެ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ އެކި ބަހާތަކުގެ ޔުނިފޯމްތަކާއި، އުޅަނދުތައް ވަނީ ދައްކާލާފައެވެ. އަދި އެއްގަމާއި ކަނޑުމަގުން ޚިދުމަތް ދިނުމަށް ސިފައިން ގެންގުޅޭ އެކިއެކި އުޅަނދުތަކާއި، މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް ވެސް ދައްކާލައިފައިވެއެވެ.