ރާއްޖެއަށް ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓް މިނިސްޓްރީގެ ވަފްދެއް ޒިޔާރަތްކޮށްފިއެވެ.
މި ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައްޔިދެވެ. މިނިސްޓްރީގެ ވަފްދުގެ އިތުރުން ސައުދީ ސަރުކާރުގެ ޕްރައިވެޓް ސެކްޓަރުގެ ފަރާތްތައް ވެސް މި ދަތުރުގައި ރާއްޖެއަށް ވަޑައިގެންފައިވެއެވެ.
ސާރާއަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ބައްލަވާފައިވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޔަހްޔާ އަލް ޤަހްތާނީއެވެ.
މި ދަތުރުގެ ބޭނުމަކީ ދިވެހި ސަރުކާރާ ސައުދީ ސަރުކާރާ ދެމެދު ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ދެ ގައުމަށް ފައިދާކުރާނެ އިންވެސްްޓްމަންޓްތައް ފަހިކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަކީ މި ދަތުރުގެ އަމާޒެއް ކަމަށް އެ އެމްބަސީން ބުންޏެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖޭގައި އެކި އިންވެސްޓްމެންޓްތައް ކުރިއަށްގެންދާ ގައުމެކެވެ. އެގޮތުން، މިހާރު ވެސް އެގައުމުގެ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން ދަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަމުންނެވެ. އޭގެ ތެރޭގައި ވެލާނާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ހިމެނެއެވެ. އަދި ސައުދީ ސަރުކާރުން ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް އިންވެސްޓްކުރުމަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މީގެ އިތުރުން ވެސް، މިއަހަރުގެ އޮކްޓޯބަރު މަހުގައި ސައުދީ ސަފީރު, ޔަހްޔާ ވަނީ އެޗްޑީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ހުޅުމާލޭގައި އޮތް އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.