އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީ ކުރުން ޗައިނާ ކުންފުންޏަކަށް

އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމަށް އެމްއައިޑީއިން ސީއެޗްއީސީއާއެކު ފަހުމުނާމާގައި ސޮއިކުރުން -- ފޮޓޯ/ މޫސާ ނަދީމް

އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ރޭ ހަވާލުކޮށްފިއެވެ.

އެމްއައިޑީއަކީ ދައުލަތުގެ ފަސް ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ. މީގެ ތެރޭގައި ހިމެނެނީ އެސްޓީއޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީގެ އިތުރުން އެމްއޭސީއެލް އަދި އެޗްޑީސީއެވެ.

އެ މަސައްކަތް ހަވާލުކުރުމުގެ ފަހުމުނާމާގައި އެމްއައީޑީގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެމްއައިޑީ ހިންގެވުމުގައި އިސްކޮށް އުޅުއްވާ ޝިމާދު އިބްރާހީމެވެ. އަދި ސީއެޗްއީސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.

އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމަށް އެމްއައިޑީއިން ސީއެޗްއީސީއާއެކު ފަހުމުނާމާގައި ސޮއިކުރުން -- ފޮޓޯ/ މޫސާ ނަދީމް

ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ރާއްޖޭގައި މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ އުފައްދާމިންވަރު އިތުރުކުރުމާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި އިގްތިސާދީ ތަރައްގީ ހޯދައިދިނުމާ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިވެންސްޓްމެންޓް ހޯދުމެވެ.

މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ތަކެތި ޑިސްޓްރިބިއުޓްކުރާ ސެންޓަރެއްގައި ގޮތުގައި ދަނޑުވެރިކަމަށް ޚާއްޞަ ޒޯން ތަރައްގީކުރުމަށްވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން އުތުރުތިލަފަޅުގައި ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލް ގާއިމްކޮށް، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ވެސް ތަރައްގީކުރުމަށް ވަނީ ހިމަނާފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ މޭވާއާއި ތަރުކާރީއަށް އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނުކުރާ ބަޔަކު ވެސް މި މަޝްރޫއު ނިމޭއިރު ތިބޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ސީއެޗްއީސީން ބުނެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ޚަރަދުތައް 40 އިންސައްތައިން ދަށްކުރުމަކީ މި މަޝްރޫއުގެ އަމާޒެކެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވެއެވެ.

comment ކޮމެންޓް