ޚުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުންދާތަން އެބަފެނޭ: ޞާލިހް

މިރޭ ބޭއްވި ކެންޕޭން ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

ޚުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފަތަކެއް މި ސަރުކާރުގެ ވެރިކަމުގައި ބަރާބަރަށް ހަމަވަމުންދާ ކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގައި އިސްކޮށް އުޅުއްވާ އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެެއްޖެއެވެ.

ޞާލިހް މިފަދައިން ވިދާޅުވީ އެ ޕާޓީގެ ފަރާތުން ރާޅު ގަނޑު ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން މި ސަރުކާރަށް އަމާޒުކުރައްވައި ޞާލިޙް ވިދާޅުވީ މިއަދު ފެންނަމުންދަނީ 'ބާރު ސްޕީޑުގައި ފަހަތަށް ދުވާ ދޯންޏެއް'ގެ ގޮތުގައި ކަމަށެވެ.

އެގޮތުން މީގެ 20 އަހަރު ފަހަތަށް މި ގައުމު ގެންދާ މަންޒަރާއި ޚުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް މި ސަރުކާރުގައި ހަމަވަމުންދާތަން ފެންނަ ކަމަށް ޞާލިހް ވިދާޅުވިއެވެ.

"ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރެއްވީ ކަމަކީ ކޮބައިތޯ. ނޫސްވެރިންނަށް ހުރަސް އެޅުއްވުން. އެހެންނަމަވެސް ނޫސްވެރިންނަށް އަޅުގަނޑުމެންގެ ޚިޔާލު ފާޅުކޮށް މި ޑިމޮކްރެސީ ރާއްޖެއަށް މި ގެނައި ވާހަކަތަކުން އެކަމާ ގޮންޖައްސަވަން ކުރިމަތިލެއްވުމުގެ ސަބަބުން އެކަން ކުރެވޭ ގޮތެއް ނުވި،" ޞާލިހް ވިދާޅުވިއެވެ.

މިރޭ ބޭއްވި ކެންޕޭން ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

"ވަޒީފާގެ ބިރު އިންތިހާއަށް ކުރިމަތި ކުރުވައިފި. ވަޒީފާ ދީފަ ތިބި މީހުންނަށް މަޖުބޫރު ކުރުވައިގެން ސަރުކާރާ އެއްކޮޅަށް ކެންޕޭންކޮށް، ސަރުކާރުގެ ކެންޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށް އެދަނީ ބާރު އަޅަމުން"

އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލު އެއްވެސް އަސާސެއް ނެތް ކަމެއްގައި ފުލުހުންނަށް ހާޒިރުވާން ޗިޓު ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެންމެ ފަހުން މިއަދު ފެނިގެން މިދަނީ ސިޔާސީ ލީޑަރުންނާއި ދިމާކުރާތަން ކަމަށެވެ.

މީގެއިތުރުން، އެ ވާހަކަތައް ހިއްސާ ކުރެއްވީ މީގެ 20 އަަހަރު ފަހުން ދިމާވެދާނެ މަންޒަރުތައް އިހުސާސް ކުރެވޭތީ ކަމަށާއި ރައްޔިތުން ދޫކޮށްލައިގެން ތިބެއްޖެނަމަ އަނެއްކާވެސް "އެ ބިރުވެރިކަމާއި ނަމާންކަމުގެ ތެރެއަށް" މި ރާއްޖެ އެނބުރިދާނެ ކަމަށް ޞާލިހް ވަނީ ވިދާޅުވެފައެވެ.

"ސިޔާސީ ހަރަކާތްތައް ހިންގޭކަށް ނެތް. ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ. ދަންނަވަންތޯ. އަދި އެ ހިސާބަކުން ނުނިމޭނެ. ފަނޑިޔާރުންނާ ހިސާބަށް ވެސް ދާނެ. ޕޮލިސް ކޮމިޝަނަރުން ވެސް ގެންގޮސް ހައްޔަރު ކުރާނެ. މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާނެ،" ޞާލިޙް ފާހަގަކުރެއްވިއެވެ.

އެއާއެކު، މި ހަރަކާތުގައި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ޓަކައި ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް