އިދިކޮޅު ލީޑަރުން ފުލުހަށް ހާޒިރުކުރަން ފެށުމާއެކު އިއާދަވަނީ އަނިޔާވެރިކަމުގެ ހިތި ސިލްސިލާ: ޞާލިހު

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މި ސަރުކާރުގައި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުހަށް ހާޒިރުކުރަން ފެށުމާއެކު އަނެއްކާ ވެސް އިއާދަވާން ފަށައިފައި މިވަނީ ކުރިން އޮތް އަނިޔާވެރިކަމުގެ ސިލްސިލާކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގައި އިސްކޮށް އުޅުއްވާ އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީ؛ް ފުލުހަށް ހާޒިރުވާން އެންގުމުންނެވެ. އޭނާ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުލުހަށް ހާޒިރުވާން އަންގައި ފޮނުވާފައިވާ ޗިޓު ހިއްސާކުރައްވައިފައެވެ.

އެ ޗިޓުގައި އޭނާއަށް ކުރެވޭ ތުހުމަތުގެ ގޮތުގައި އޮތީ، އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ ޗިޓު ހިއްސާކުރައްވައި ފައްޔާޒު ވިދާޅުވީ އެއީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކުރުމުގެ ސިލްސިލާ ފެށުން ކަމަށެވެ. އަދި އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ފައްޔާޒުގެ ޓްވީޓު ހިއްސާކުރައްވައި، ރައީސް ޞާލިހު ވިދާޅުވީ، "އަނިޔާވެރިނުވެ ވެސް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ" ކަމަށެވެ. އަދި މިއީ ގާނޫނީ މުއައްސާސަތުގެ ބާރު ކަނޑުވައިލައި އަނިޔާވެރިވުމުގެ މާޒީ އިއާދަވުން ކަމަށް ވެސް ވިދާޅުވިއެވެ.

ޞާލިހުގެ ކަންބޮޑުވުން ފާޅުކުރެއްވިއިރު މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ މި ސަރުކާރުން ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭނެކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ.

އާރްޑީސީގެ ޚިޔާނާތާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އާރްޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި، އެ މީހުންގެ އެކައުންޓުތަކަށް ވެސް ފައިސާ ވަދެފައިވެއެވެ. އޭގެ ތެރޭގައި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހިނގާފައިވާ އިރު، އެއީ އެތައް ބަޔަކާ ގުޅުންހުރި ޓްރާންސެކްޝަންތަކެއް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް