ރައްޔިތުންގެ ވޯޓަކުން ދާއިރާގެ މެމްބަރު ވަކިކުރެވޭގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ބިލެއް

ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާގެ ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ އާބާދީގެ ވަކި އިންސައްތައެއްގެ މީހުންގެ ސޮޔާއެކު ހުށަހަޅާ ޕެޓިޝަނަކުން އެ މެމްބަރަކު ވަކިކުރެވޭގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ބިލެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު ހަސަން ލަތީފެވެ. މި ބިލުގައި ވަނީ، ގާނޫނު އަސާސީގެ 27ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރު ކޮށްދިނުމަށް އެދިފައެވެ.

މަޖިލީހަށް އިންތިޚާބުވާ މެމްބަރުންގެ މެމްބަރުކަން ގެއްލޭ ހާލަތްތަކެއް މި އަކުރުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން މެމްބަރުކަމުން ވަކިވާ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ:

  1. ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިޚާބުވީ ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން.
  2. އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
  3. އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުންކަމަށްވެފައި، ޕާޓީގެ ނިންމުމާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން އެޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އެމީހަކު އެޕާޓީގެ މެންބަރުކަމުން ވަކިކުރުން.
  4. އެމީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ޙައިސިއްޔަތުން ކަމަށްވެފައި އިންތިޚާބުވީ ޕާޓީގެ ނިންމުމާ ޚިލާފަށް ވޯޓު ދިނުން ފިޔަވައި އެ ނޫން ސަބަބަކަށްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ޙާލަތުގައި، އޭނާ އިންތިޚާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުން.
  5. މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިޚާބުވެފައިވާ ދާއިރާއަކަށް ވޯޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް
    ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމުން.

މެންބަރުންނާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ގޮނޑި ގެއްލޭ ކަންކަން ތަފްސީލުކުރާ އެންޓި ޑިފެކްޝަން ބިލެއް، ދަ ޑިމޮކްރެޓްސްއާއެކު މަޖިލީހުގައި މަސައްކަތްކުރާ އެމްޑީޕީން ވަނީ މިދިޔަ މަހުގެ 14ގައި މަޖިލީހަށް ހުށަހަޅާފައެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް އަލުން ހަދަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

ކުރިން 18 ވަނަ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރިއެވެ. އެކަމަކު، އެމްޑީޕީ ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި އެ ގާނޫނު އުވާލީއެވެ.

comment ކޮމެންޓް