ނަޝީދަށް ދިން ހަމަލާގެ ތަފުސީލާއި ޑްރޯން ގަތް އަގު ހޯދަން ޣައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) -- ފޮޓޯ: މަޖިިލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6، 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި ތުރުކީއިން ރާއްޖެއަށް ގެނައި ޑްރޯންތައް ގަތް އަގު ސާފުކުރަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.

މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ޣައްސާން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އެ ހުށަހެޅުން ހުށަހެޅީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމު، އިއްޔެ ޣައްސާން މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ފާޅުކުރެއްވި ކަންބޮޑުވުންތަކާއެކުގައެވެ.

އެގޮތުން ޑްރޯނު ގަތް އަގު ހޯދުމަށާއި، އިންޑިއާގެ ސިފައިންނަށް ރާއްޖޭގެ ސަރަހައްދުގައި އޮތް މަސް ދޯންޏަކަށް 'މިސް ކޮމިއުނިކޭޝަން"އަކުން އެރުނު ސަބަބު ހޯދަން ވެސް ސުވާލުކުރަން އޭނާ އެދިލެއްވިއެވެ.

އެއާއެކު ހަސަން ވިދާޅުވީ އެ ކަންކަމާ ގުޅޭގޮތުން އޮޅުން ފިލުވަންޖެހޭ ބައިވަރު ވާހަކަތައް އެބަހުރި ކަމަށެވެ.

"ވީހާ ވެސް އަވަހަކަށް މިނިސްޓަރަށް ދަންނަވައިގެން އަޅުގަނޑަށް ވެސް އެނގޭ [މަޖިލީހުގެ] ގަވައިދުގައި އެބައޮވޭ ފަސް ދުވަސް. މިނިސްޓަރަށް ލިބިވަޑައިގަންނަވާނެ. އެހެންނަމަވެސް އޭގެ ކުރިން ވެސް ވަޑައިގެންދެއްވެން އޮތިއްޔާ އެ ކަން ކޮށްދެއްވުމަށް އެދި ދަންނަވަން ކޮމިޓީއަށް އަޅުގަނޑު އެދެން،" ހަސަން ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާއަށް ދިފާއީ ވަޒީރު ޣައްސާން ހާޒިރުވެ ދެއްކެވި ވާހަކައިގައި ވަނީ، ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މަޖިލީހާ ހިއްސާކުރަން ޖެހޭ އިތުރު މައުލޫމާތު ހުރި ކަމަށާއި މެންބަރުން އެދިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، އިތުރު ސުވާލުގެ ވަގުތުގައި މެންބަރުން ވަނީ މި ފަހުން އަސްކަރިއްޔާއަށް ގަތް ޑްރޯންތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

ޑްރޯންތައް ގެނައިކަން ހާމަކުރީ ކީއްވެތޯ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ސުވާލުކުރެއްވުމުން ވަޒީރު ވިދާޅުވީ، ސިއްރުތައް ހިފަހައްޓަންޖެހޭ ކަމަށެވެ.

comment ކޮމެންޓް