އިކުއެޑޯގެ އެންމެ ޒުވާން މޭޔަރަށް ބަޑިން ހަމަލާދީ މަރާލައިފި

އިކުއެޑޯގެ އެންމެ ޒުވާން މޭޔަރު އުމުރުން 27 އަހަރުގެ ބްރިޖިޓް ގާސިއާ، ފޮޓޯ/ސީއެންއެން

އިކުއެޑޯގެ އެންމެ ޒުވާން މޭޔަރު ބްރިޖިޓް ގާސިއައަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

އިކުއެޑޯގެ ފުލުހުން ބުނީ 27 އަހަރުގެ ގާސިއާއި އޭނާގެ ޕްރެސް އޮފިސަރު މަރާލައިފައި އޮއްވައި ފެނުނީ ކާރެއްގެ ތެރެއިން ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، އެއީ ކޮން މަގްސަދެއްގައި ދިން ހަމަލާއެއް ކަމެއް ސާފެއްނުވެއެވެ.

އެ ދެމީހުންގެ ހަށިގަޑު ކާރު ތެރެއިން ފެނުނީ އާދީއްތަ ދުވަހުއެވެ. އަދި ހަމަލާދީފައި ވަނީ ގާސިއާ ކުއްޔަށް ނަގައިފައިވާ ކާރުގެ އެތެރެއަށް ވަދެގެން ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ. ހަމަލާދިން މީހުން ވަނީ ޖީޕީއެސް މެދުވެރިކޮށް ކާރަށް ފާރަލައިފައެވެ.

ކުރިން ނަރުހެއްގެ ވަޒީފާގައި އުޅުނު ގާސިއާ، އިކުއެޑޯ ސަރުކާރުގެ އިދިކޮޅު ސިޓިޒަންސް ރިވޮލިއުޝަން ޕާޓީއިން ސެން ވިސެންޓޭގެ މޭޔަރު ކަމަށް އިންތިހާބު ވެފައިވަ ވަނީ މިދިޔަ އަހަރުއެވެ. އެ ޕާޓީއަކީ އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރެއާގެ ޕާޓީއެވެ.

ސެން ވިސެންޓޭއަކީ މަނާބީ ޕްރޮވިންސްގައި އޮންނަ ސިޓީއެކެވެ.

އިކުއެޑޯއަކީ ހަމަނުޖެހުންތަކާއި، ޑްރަގްގެ މައްސަލަތައް ގިނަ ގައުމެކެވެ. އެފަދަ ހަމަލާތައް އެ ގައުމުގައި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހު އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކުވެސް މަރާލިއެވެ.

މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހު އިކުއެޑޯގެ ޓީވީ ސްޓޭޝަނަކަށް ހަމަލާ ދިނުމާ ގުޅިގެން، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް