ކޮޕާ އެމެރިކާ: ވެނެޒުއޭލާއިން ފަހަތުން އަރައި އެކުއެޑޯ ބަލިކޮށްފި

މެޗު ވެނެޒުއޭލާއިން ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު ޖަހައިގެން -- ފޮޓޯ/ ބިއިން ސްޕޯޓްސް

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ވެނެޒުއޭލާއާއިން ފަހަތުން އަރައި އެކުއެޑޯ ބަލިކޮށްފިއެވެ.

ކެލިފޯނިއާގެ ލިވައިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވެނެޒުއޭލާއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެނެޒުއޭލާއިންނެވެ.

ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ އެކުއެޑޯއިންނެވެ.

އެކުއެޑޯގެ ކުޅުމަށް ހުރަސް އެޅުނީ 22 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް އެނާ ވެލެންސިއާ ވެނަޒުއޭލާގެ ހޯޒޭ މާޓިނޭޒަށް ކުރި ފައުލަކާ ގުޅިގެންނެވެ. އޭނާއަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ވަނީ އެ ކާޑު ރަތަކަށް ބަދަލުކޮށްފައެވެ.

އެހެންވެ، މެޗުގެ ބޮޑުބައި އެކުއެޑޯއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ކުޅުންތެރިއަކު މަދު ނަމަވެސް ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި އޮއްވައި އެ ޓީމަށް ލީޑު ނަގައިދިނީ ޖެރެމީ ސާމިއެންޓޯއެވެ.

އެކަމަކު، 64 ވަނަ މިނެޓްގައި ވެނެޒުއޭލާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޮންޑާ ކަޑީޒެވެ. އޭގެ 10 މިނެޓު ފަހުން އެޑުއާޑޯ ބެލޯ ޖަހައިދިން ލަނޑުން ވެނެޒުއޭލާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ.

މި ގްރޫޕުގައި ދެން ކުޅޭ މެޗުތަކުގައި އަންނަ ބުރާސްފަތި ދުވަހު އެކުއެޑޯ ބައްދަލުކުރާނީ މެކްސިކޯ އަތުން ބަލިވި ޖެމެއިކާއާއެވެ. އަދި، ވެނެޒުއޭލާ ބައްދަލުކުރާނީ ހަމަ އެ ދުވަހު މެކްސިކޯއާއެވެ.

comment ކޮމެންޓް