އިކުއެޑޯގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަލާދީ އަވަހާރަކޮށްލައިފި

އިކުއެޑޯގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވާ ފާނަންޑޯ ވިޖަވިސެންސިއޯ --- ފޮޓޯ/ އީޕީއޭ

އިކުއެޑޯގައި މިމަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކަށް ހަމަލާދީ އަވަހާރަކޮށްލައިފިއެވެ.

ކޮރަޕްޝަނާއި ގޭންގުތަކުގެ މައްސަލަތައް ހުއްޓުވުގެ ވައުދާއެކު ކެމްޕޭން ކުރައްވަމުން ގެންދެވި ކެންޑިޑޭޓު ފާނަންޑޯ ވިޖަވިސެންސިއޯ، 59، އަށް ހަމަލާ ދިނީ ވެރިރަށް ކުއިޓޯގައި ބޭއްވި ކެމްޕެއިން އިވެންޓެއް ނިންމަވާލެއްވުމަށް ފަހު ކާރަށް އަރައިވަޑައިގަތުމާއެކުގައެވެ.

ވިޖަވިސެންސިއޯގެ ކެމްޕޭން އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާ ދިނީ އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ ތެރެއިން ނުކުތް މީހެކެވެ. އޭނާ ވިޖަވިސެންސިއޯގެ ބޮލަށް އަމާޒުކޮށް ތިން ފަހަރު ބަޑި ޖެހި ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެއެވެ.

އެ ހަމަލާއަށް ފަހު ވިޖަވިސެންސިއޯ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރު ވެސް އޭނާ އަވަހާރަވެފަައިވާ ކަމަށް އިކުއެޑޯގެ މީޑިއާތަކުގައިވެއެވެ.

އެ ހާދިސާގައި އިތުރު ނުވަ މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރޭގައި ފުލުހުންގެ ދެ އޮފިސަރުންވެސް ހިމެނެއެވެ.

އިކުއެޑޯގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އެ ހަމަލާއާ ގުޅުން ހުރި މީހާ އާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި، އެ މީހާ ވަނީ މަރުވެފައެވެ.

އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރުން ވިދާޅުވިއެވެ.

އިކުއެޑޯގެ ރިޔާސީ އިންތިޚާބަށް ވިޖަވިސެންސިއޯގެ އިތުރުން ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 20ގައެވެ.

ވިޖަވިސެންސިއޯ އަވަހާރަވުމާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފައެވެ. އަދި އެގައުމުގައި ވަނީ 60 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ނަމަވެސް އިންތިޚާބު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އަތްބަކާއި ފަސް ކުދިން ހުންނަ ވިޖަވިސެންސިއޯ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި އޭނާ ވަނީ އެގައުމުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކާއި ސަރުކާރާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެކަމާ ގުޅިގެން ގޭންގު ލީޑަރެއްގެ ފަރާތުން މަރުގެ އިންޒާރު ލިބިފައިވާ ކަމަށް މިދިޔަ ހަފުތާގައި ވިޖަވިސެންސިއޯ ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް