ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ޕީއެންސީ ކެންޑިޑޭޓް އެދިއްޖެ

ޕީއެންސީ ޓިކެޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓު މުހައްމަދު އަބްދުލް ގާދިރު (ކޫކު) --

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހްމަދު ޒަމީރު ހޮވައިދިނުމަށް އެދާއިރާގެ ޕީއެންސީ ޓިކެޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓު މުހައްމަދު އަބްދުލް ގާދިރު (ކޫކު) އެދިއްޖެއެވެ.

އޭނާ މިފަދައިން އެދިފައި ވަނީ، މިރޭ ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ކޫކުއަށް ދިނުމުން އޭނާ ވަނީ ޟަމީރަކީ ރައީސްގެ ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.

"ރައީސްގެ ހިކުމަތްތެރި ނިންމެވުމަށް އެއީ، އަހުމަދު ޒަމީރު، ކެންޑިޑޭޓު ނަމްބަރު 1 ހޮވައިދިނުމަށް އަޅުގަނޑު ވެސް ތާއީދުކޮށް ހުރިހާ ރައްޔިތުން ކައިރީގައި ވެސް އަޅުގަނޑު އެދިލަނީ އަހުމަދު ޒަމީރު ހޮވައިދިނުމަށް މިބުރު،" ވަރަށް ކުރުކޮށް މިހެން ވިދާޅުވެ އޭނާގެ ވާހަކަ ނިންމާލީ މިކަމާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަނުކޮށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެސް ވަނީ، މި ދާއިރާގެ ގޮނޑި ޕާޓީއަށް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގައި، އެންމެ ވިސްނުންތެރި މަސްލަހަތު ރަނގަޅު ކެންޑިޑޭޓަށް ތާއީދު ކުރެއްވީތީ، ޕްރައިމަރީ ކާމިޔާބުކުރި ކޫކުއަށް ޝުކުރު އަދާކުރައްވާފައެވެ.

މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ޟަމީރަކީ އެ ދާއިރާގެ ކައުންސިލް މެމްބަރެވެ. އެމްޑީޕީ ޓިކެޓުގައި ކައުންސިލަރުކަމަށް ހޮވިވަޑައިގެން ނަމަވެސް އޭނާ ފަހުން ވަނީ އެ ޕާޓީން ވަކިވެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ޕްރައިމަރީގައި ވާދަކޮށްފައެވެ.

ޕްރައިމަރީން ޟަމީރަށް ލިބިވަފައި ވަނީ 127 ވޯޓެވެ. ޕްރައިމަރީ ކާމިޔާބު ކުރި ކޫކުއަށް ލިބިފައި ވަނީ 174 ވޯޓެވެ. ޕްރައިމަރީން ނާކާމިޔާބުވުމާއެކު ޒަމީރު ވަނީ އަމިއްލަގޮތުން މަޖިލީހަށް ވާދަކޮށްފައެވެ.

ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި ކެންޑިޑޭޓުން ބާކީކޮށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ސަރުކާރުން ތާއީދުކުރާކަމުގެ ވާހަކަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް