ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފަހު ލިސްޓު މިއަދު އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ވޯޓާސް ލިސްޓު އެ ކޮމިޝަންގެ ވެބްސައިޓުގެ އިތުރުން ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 284،663އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 139361 އަންހެނުންނާއި 145302 ފިރިހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު ބާއްވަން މީގެ ކުރިން ނިންމާފައި އޮތީ ރޯދަމަހުގެ ހަތް ވަނަ ދުވަހާ ދިމާވާގޮތަށް، މިމަހުގެ 17ގައެވެ. ނަމަވެސް ރޯދަމަހު އިންތިޚާބު ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހާ ގުޅިގެން، އަންނަ މަހުގެ 21އަށް އިންތިޚާބު ފަސްކުރީއެވެ.
އެއަށް ރީރެޖިސްޓްރީ ވާން ހުޅުވާލުމުން 10،028 މީހުން ރީރެޖިސްޓާވި ކަމަށް އީސީން ވަނީ މީގެކުރިން ބުނެފައެވެ.
މަޖިލީސް އިންތިޚާބުގައި ޖުމުލަ 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި ފަހަރު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ ރާއްޖެއިން ބޭރުގެ އެންމެ ތިން ގައުމުގައެވެ. އެއީ، އަވައްޓެރި އިންޑިއާއިން ޓްރިވެންޑްރަމްއާއި ލަންކާއިން ކޮލޮމްބޯ އާއި މެލޭޝިއާއިން ކުއަލަލަމްޕޫރްގައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282,395 އެވެ. އޭގެ ތެރެއިން އިންތިޚާބުގައި ބައިވެރިވީ 225،486 ނުވަތަ 79.85 ޕަސެންޓް މީހުންނެވެ.
އެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 282,804އަށް އިތުރުވިއެވެ. އޭގެ ތެރެއިން ވޯޓު ދިނީ 246،915 މީހުންނެވެ.