ނޭޓޯއަށް މެސެޖެއް ދިނުމުގެ ގޮތުން ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް ޔުކްރެއިނަށް!

ރަޝިއާގެ މިސައިލް ހަމަލާތަކާއެކު ހަރުކީވްގައި އަލިފާން ރޯވެފައި

ހަރުކީވް (24 މާޗް 2024): ރަޝިއާއިން ޔުކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހަރްކީވްއަށް ވަރުގަދަ ހަމަލާތަކެއްދީ އެސިޓީން ކަރަންޓް ކަނޑާލައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން ރަޝިއާ ހަރްވިކަށް ހަމަލާދިނީ ވަރަށް ބާރުގަދަ މިސައިލް ތަކަކުންނެވެ.

މި ހަމަލާތައް ދީފައިމިވަނީ ޔުކްރެއިންގެ ދިފާއުގައި ނޭޓޯގެ ސިފައިން ޔުކްރެއިންއަށް ވަދެފާނެކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ނޭޓޯގެ އިސް ވަފްދެއްވެސް ޔުކްރެއިންއަށް ކުރާ ދަތުރަކާ ދިމާކޮށެވެ.

ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންވަނީ ނޭޓޯ ޔުކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ރަޝިއާ ފަސްނުޖެހޭނެކަމުގެ އިންޒާރު މިދިޔަ ހަފްތާގައި ދެއްވާފައެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ޕޮލިޓިކޯ" ބުނާގޮތުން ޔުކްރެއިންއަށް ސިފައިން ފޮނުވަން އެންމެ ޝައުގުވެރިވެގެން އުޅެނީ ފަރަންސޭސިވިލާތުންނެވެ. ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވަނީ ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ބަލިވާންތަން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް މިހާރު މިއޮތްހާލުގައި ޔުކްރެއިން ދޫކޮށްލައިފިނަމަ ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ބަލިވާނެކަމަށް ވިދާޅުވެ ނޭޓޯގެ ސިފައިން ޔުކްރެއިންއަށް ފޮނުވުމަށް ގޮވާލައްވާފައެވެ.

ނަމަވެސް ރަޝިއާއާއެކު ހަނގުރާމައަކަށް ދިޔުމަށް ޔޫރަޕްގެ ގިނަ ގައުމުތައްވަނީ ފާޅުގައި ދެކޮޅުހަދާފައެވެ. މިއާއެކުވެސް "ޕޮލިޓިކޯ" ބުނާގޮތުން ފަރަންސޭސި ފައުޖެއް ދާދިފަހުންވަނީ ޔުކްރެއިންއަށް ގޮސްފައެވެ.

ފަރަންސޭސިވިލާތަކީ ނޭޓޯގެ ގައުމަކަށް ވީނަމަވެސް އެގައުމުން ޔުކްރެއިންއަށް ސިފައިން ފޮނުވިކަމަށްވަނީ އަމިއްލަ ހައިސިއްޔަތުންނެވެ. ނޭޓޯގެ ނިންމުމެއްގެ ދަށުންނޫންކަމަށް "ޕޮލިޓިކޯ" ބުނެއެވެ.

ޔުކްރެއިންއަށް ފޮނުވި ފަރަންސޭސި ސިފައިންގެ އަދަދު އެނގިފައިނުވާއިރު އެމީހުން ހަރަކާތްތެރިވަނީ ހަނގުރާމައިގެ މައިދާނުގައި ނޫންކަމަށާ ޔުކްރެއިންގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމާއި ޔުކްރެއިން ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކްސް ގެ ދާއިރާގައި ކަމަށްވެސް "ޕޮލިޓިކޯ" ބުނެއެވެ.

ރަޝިއާ މިދިޔަ ހަފުތާގައިވަނީ ޔުކްރެއިންގައި މިހާރު ކުރިޔަށްދަނީ ހަނގުރާމައެއްކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެފައެވެ. އޭގެކުރިން ރަޝިއާއިން ޔުކްރެއިން ހަނގުރާމަ ސިފަކުރަމުން ގެންދިޔައީ ޔުކްރެއިންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހިމާޔަތުގައާ އަދި ނޭޓޯ ރަޝިއާގެ ދެކުނު ބިތާ ކައިރިވެދާނެތީ އެކަން ހުއްޓުވުމަށް ހިންގާ އަސްކަރީ ޚާއްސަ އޮޕަރޭޝަނެއްގެ ގޮތުގައެވެ.

ނަމަވެސް މިދިޔަ ހަފުތާއިން ފެށިގެން ރަޝިއާވަނީ އެގައުމުން ޔުކްރެއިން އާ ދެކޮޅަށް ކުރަނީ ހަނގުރާމައެއްކަމަށް ސިފަކުރަން ފަށާފައެވެ. ރަޝިއާގެ ވަރުގަދަ މިސައިލް ހަމަލާތައް ހަރްކިވްގެ އިތުރުން ޔޫކްރެއިންގެ އެހެން ބައެއް ސިޓީތަކަށްވެސް ވަނީ އަމާޒުކޮށްފައެވެ. މީގެތެރޭގައި ކްރެވުއީ ރީހާއި ވިއެންނިޓްޗާ ހިމެނެއެވެ.

ޔުކްރެއިންގެ ސަރުކާރުން ވަނީ ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން މިސިޓީތަކުގެ ކަރަންޓް ވިޔުގަފަދަ މަދަނީ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ހާމަކޮށްފައެވެ.

ރަޝިއާ ޔުކްރެއިންއަށް މި ބާރުގަދަ ހަމަލާތައްދީފައި މިވަނީ ނޭޓޯގެ އަސްކަރީ ކޮމިޓީގެ ވެރިޔާ ރޮބަޓް ބައުއަރ ޔޫކްރެއިންގެ ވެރިރަށް ކިޔޭވްއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ރޮބަޓްގެ އަރިހުގައި ނޭޓޯގެ އަސްކަރީ އިސް ވަފުދެއްވެސް ޔުކްރެއިންގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެހެންކަމުން ރަޝިއާގެ މި ހަމަލާތަކަކީ ސީދާ ނޭޓޯއަށްދިން އިންޒާރެއްގެ ގޮތުގައި މުރާސިލުންވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް