ނޭޓޯއިން ޗައިނާއަށް: ހުޅަނގާއެކު ރަނގަޅު ގުޅުމެއް ބޭނުންނަމަ ރަޝިއާއަށް އެހީވުން ހުއްޓާލާ

ޗައިނާގެ ރައީސް ޒީ ޖިންޕިން(ކ) އާއި ރަޝިއާގެ ރައީސް ވުލަމީޑިއާ ޕުޓިން(ވ). ފޮޓޯ/ސީއެންއެން

ޗައިނާއިން ހުޅަނގާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން ބޭނުންނަމަ ރަޝިއާއަށް އެހީ ފޯރުކޮށްދިނުން ހުއްޓައިލަންޖެހޭ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވެއްޖެއެވެ.

ސްޓޮލްޓެންބާގް އެގޮތަށް ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ހުޅަނގުގެ އަސްކަރީ އިއްތިހާދުގެ ވެރިޔާގެ މަގާމުވެސް އަދާކުރައްވާ ސްޓޮލްޓެންބާގް ވިދާޅުވީ ސެމީކޮންޑަކްޓާ ފަދަ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ފޯރުކޮށްދީގެން ރަޝިޔާގެ ހަނގުރާމައަށް ޗައިނާއިން އެހީ ދޭތީ އެ ހަނގުރާމައިގެ މަސައްކަތަށް ބެއިޖިންގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށެވެ.

"މިދިޔަ އަހަރު ރަޝިޔާއިން މިސައިލް، ޓެންކް އަދި މަތިންދާބޯޓު އުފެއްދުމަށް ބޭނުންކުރާ މައިކްރޯ އިލެކްޓްރޯނިކްސްގެ 90 އިންސައްތަ އެތެރެކުރީ ޗައިނާއިން،" ސްޓޮލްޓެންބާގް ވިދާޅުވިއެވެ.

ޗައިނާއިން ހުޅަނގާއެކު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާ މަމަށް ބުނި ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގައި ހިނގާ އެންމެ ބޮޑު ހަތިޔާރު އެޅި ހަނގުރާމައަށް އެހީ ފޯރުކޮށްދެމުންވެސް ދަނީ ޗައިނާއިން ކަމަށް އޭނާ ބުންޏެވެ. އެފަދަ އެހީ ފޯރުކޮށްދޭހާ ހިނދަކު ގުޅުން ރަނގަޅު ނުކުރެވޭނެ ކަމަށްވެސް ސްޓޮލްޓެންބާގް އިންޒާރުދެއްވިއެވެ.

މިފަހުން ޗައިނާއިން ވަނީ ރަޝިއާއާއެކު އަސްކަރީ އަދި ވިޔަފާރީގެ ގުޅުން ފުޅާކޮށްފައެވެ. އެމެރިކާއިން ވަނީ އެ ދެގައުމަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ޗައިނާއާއި ރަޝިޔާއާއި ދެމެދު މިދިޔަ އަހަރު ކުރި ވިޔަފާރި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 240.1 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރިއިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 26.3 އިންސައްތައިގެ އިތުރުވުމެކެވެ.

comment ކޮމެންޓް