ރަޝިއާގެ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓް އީރާނަށް ލިބެނީ

ރަޝިއާގައި އުފައްދާ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓް

މޮސްކޯ (23 އެޕްރީލް 2024): ރަޝިއާއިން ގަތުމަށް އީރާނުން އެދިފައިވާ އެސްޔޫ 35 މަރުކާގެ ފައިޓާ ޖެޓްތަކުގެ ތެރެއިން ފުރަތަމަ ބެޗްގެ ޖެޓްތައް އަންނަ ހަފުތާގައި އީރާނާ ހަވާލުކުރާނެކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ "ނިއުޒް 24"އިން ބުނިގޮތުގައި 2022 ވަނަ އަހަރު ރަޝިއާއާއި އީރާނާދެމެދު ސޮއިކޮށްފައިވާ އަސްކަރީ ޑީލުގެ ދަށުން އީރާނަށް ފޯރުކޮށްދޭންޖެހޭ އެސްޔޫ 35 މަރުކާގެ ފައިޓާ ޖެޓްތަކުގެ ތެރެއިން ފުރަތަމަ ބެޗްގެ ޖެޓްތައް އަންނަ ހަފުތާގައި އެ ގައުމާ ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބެޗްގައި ހިމެނެނީ ކިތައްޖެޓްކަން ރަޝިއާއިން ވެސް އަދި އީރާނުން ވެސް ހާމަކޮށްފައިނުވާކަމަށް "ނިއުޒް 24" ބުނެއެވެ.

އެސްޔޫ 35 މަރުކާގެ ފައިޓާ ޖެޓަކީ ރަޝިއާގައި އުފައްދާ ފަސްވަނަ ޖީލުގެ ހަނގުރާމަ މަތީ ޖެޓްތަކެވެ. މިއީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ޖެޓްތަކެކެވެ. މިއީ އަސްކަރީ ގާބިލުކަމަށް ބަލާއިރު އެމެރިކާގައި އުފައްދާ އެފް 35 މަރުކާގެ ފައިޓާ ޖެޓްތަކާ އެއްވަރުގެ ޖެޓްތަކެއް ކަމަށްވެއެވެ.

ރަޝިއާ ދާދިފަހުންވަނީ އަސްކަރީ ޕައިލެޓުން ތަމުރީން ކުރުމަށް ބޭނުންކުރާ ޔަކް-130 މަރުކާގެ ކޮންބަޓް ޓްރެއިނިންގެ މަތިންދާ ބޯޓުތަކެއް ވެސް އީރާނަށް ވިއްކާފައެވެ. އަދި، އީރާނުގެ އެއާފޯސްއަށް ބޭނުންވާ ގިނަ އަދަދެއްގެ ޕައިލެޓުން ވެސް ގެންދަނީ އަސްކަރީ ޕައިލެޓުން ތަމުރީންކުރާ ރަޝިއާގެ އަސްކަރީ ސްކޫލްތަކުގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންނެވެ.

މިއީ އެސްޔޫ 35 މަރުކާގެ ފައިޓާ ޖެޓަށް ބޭނުންވާ އީރާނުގެ އަސްކަރީ ޕައިލެޓުން ތަމުރީންކުރުމަށް އެ ދެ ގައުމުންވެފައިވާ އެއްބަސްވުމުގެ ދަށުން ދޭ ޓްރެއިނިންތަކެއް ކަމަށްވެއެވެ. ރަޝިއާއިން ގަތުމަށް އީރާނުން ނިންމާފައިވާ އެސްޔޫ 35 ޖެޓްތަކުގެ އަދަދު އެ ދެ ގައުމުންކުރެ އެއް ގައުމަކުން ވެސް ހާމަކޮށްފައެއްނުވެއެވެ.

އީރާނުގެ ވައިގެ ސިފައިން މިހާރު ބޭނުންކުރަނީ ރަޝިއާގެ ސޮޚޮއި 29 އާއި ސޮޚޮއި 23 މަރުކާގެ ފައިޓާޖެޓްތަކެވެ.

މީގެ އިތުރުން، އީރާނުގެ ކުރީގެ ރަސްގެފާނުގެ ޝާހު ރިޒާގެ ރަސްކަމުގެ ދުވަސްވަރު އެމެރިކާއިން ގަނެފައިވާ ފެންޓަމް -14 ގެ ޖެޓްތަކާއި އެދުވަސްވަރު ފަރަންސޭސިވިލާތުން ގަނެފައިވާ މިރާޖް އެފް ވަން މަރުކާގެ ބައެއް ބައު ފައިޓާޖެޓްތައް އަދިވެސް އީރާނުން ބޭނުންކުރެއެވެ.

ނަމަވެސް ސޮޚޮއި 29 އާއި 23 ގެ ޖެޓްތައް ފިޔަވައި އެ ނޫން ޖެޓްތަކަކީ ވަރަށް ބޮޑަށް ބައުވެފައިވާ އަދި ޒަމާނީ ހަނގުރާމައެއްގައި ބޭނުންކުރެވޭ ވަރަށްވުރެ ޓެކްނޮލޮޖީގެގޮތުން ފެންވަރުދަށް ޖެޓްތަކެކެވެ.

އީރާނުން ހަމަލާދިނުމަށް ބޭނުންކުރާ މައިގަނޑު ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ އެކި ބާވަތްތަކުގެ ޑްރޯންތަކާއި ކްރޫޒް މިސައިލާއި ބަލިސްޓިކް މިސައިލެވެ. ދާދި ފަހުން އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައި ވެސް ބޭނުންކުރީ ޑްރޯންއާއި ބަލިސްޓިކް މިސައިލްއާ އަދި ކްރޫޒް މިސައިލެވެ. މިއީ އީރާން އަމިއްލައަށް އުފައްދާ ހަތިޔާރެވެ.

ރަޝިއާގައި އުފައްދާ އެސްޔޫ 35 މަރުކާގެ ޒަމާނީ ޖެޓްތައް އީރާނަށް ލިބުމުން އެ ގައުމުގެ ވައިގެ ގާބިލުކަން އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އީރާނުގެ ރަސްމީ މީޑިއާއިން ވެސް ވަނީ ރަޝިއާއިން ގަތުމަށް ހަމަޖެހިފައިވާ އެސްޔޫ 35 މަރުކާގެ ޖެޓްތަކުގެ ތެރެއިން ބައެއް ޖެޓް އަންނަ ހަފުތާގައި އެ ގައުމަށް ލިބޭނެކަމަށް ބުނެފައެވެ.

comment ކޮމެންޓް