ރަޝިއާގެ އިންޒާރު: ޒެލެންސްކީ އާއި އޭނާގެ ސަރުކާރުގެ އިސް ވެރިން އަވަހާރަކޮށްލަން ޖެހިދާނެ!

މެޑްވެޑޭވް

މޮސްކޯ (23 ފެބްރުއަރީ 2024): ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކްރޮކަސް ސިޓީ ހޯލަށް ރޭގައި ދިން ޓެރަރިސްޓް ހަމަލާތަކާ ޔުކްރެއިންގެ ސަރުކާރާ ކުޑަވެސް ގުޅުމެއްވާކަން ސާބިތުވެއްޖެނަމަ ޔުކްރެއިންގެ ރައީސް ވްލަދިމިޔަރ ޒެލެންސްކީ އާއި އޭނާގެ ސަރުކާރުގެ އިސް ވެރިން އަވަހާރަކޮށްލާނެކަމުގެ އިންޒާރު ރަޝިއާއިން ދީފިއެވެ.

ރަޝިއާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ވެރިޔާގެ ނައިބު އަދި ރައީސް ޕޫޓިންގެ އަރިސް ބޭފުޅެއްކަމަށްވާ އެގައުމުގެ ކުރީގެ ރައީސް ޑިމިތްރީ މެޑްވެޑޭވް ޔުކްރެއިންގެ ޒައާމަތަށް އިންޒާރު ދެއްވަމުން ވިދާޅުވީ މޮސްކޯގެ ކޮންސެޓް ހޯލަށް ދިން ޓެރަރިސްޓް ހަމަލާތައް ދިންބަޔަކާއި އެކަމުގެ ފަހަތުގައިވާ ފަރާތްތައް އެތަހްގީގުތަކުން ދެނެގަނެވޭނެ ކަމުގައެވެ.

އެހަމަލާތަކުގެ ފަހަތުގައި ޔުކްރެއިން ވާކަމުގެ ހެކި ފެނިއްޖެނަމަ ރަޝިއާއިން ރައީސް ވްލަދިމިޔަރ ޒެލެންސްކީ އާއި އޭނާގެ ސަރުކާރުގެ އިސް ވެރިން އަވަހާރަކޮށްލާނެކަމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި މެޑްވެޑޭވް ވިދާޅުވިއެވެ.

އެމެރިކާގައި ޝާއިއުކޮށްފައިވާ މީޑިއާ ރިޕޯޓެއް ބުނާގޮތުން ރަޝިއާގެ މަގްސަދަކީ މިހަމަލާއާ ގުޅުވައިގެން ރަޝިއާގެ ރައީސް އަވަހާކޮށްލައި އޭނާގެ ބަދަލުގައި ރަޝިއާއަށް ވަފާތެރި ޔުކްރެއިންގެ ޕަޕެޓް ލީޑަރަކު ޔުކްރެއިންގެ ވެރިކަމަށް ގެނައުމެވެ. މިކަމަށްޓަކައި ރަޝިއާއިން ޔުކްރެއިންގެ އިސްވެރިން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެން ކުރިޔަށް އޮތް ދުވަސްތަކުގައި ޔުކްރެއިންއަށް ވަރުގަދަ ހަމަލާތަކެއް ދީފާނެކަމުގެ ކަންބޮޑުވުން އެމެރިކާއާއި ނޭޓޯގެ ގައުމުތަކުގެ ވެރިންގެ މެދުގައި އެބައޮތެވެ.

ރޭ ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދިން ޓެރަރިސްޓް ހަމަލާ

މެޑްވެޑޭވްގެ މި އިންޒާރަކީ މޮސްކޯގެ ވިޔަފާރި މަރުކަޒުގައިވާ ކްރޮކަސް ސިޓީ ހޯލަށް ބަޑިންނާއި އަތުބޮންފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރޭގައި ބަޔަކު ދިން ހަމަލާތަކާ ގުޅިގެން ރަޝިއާގެ އިސް މަސްއޫލުވެރިއަކު ޔުކްރެއިންގެ ވެރިންނަށް އަމާޒުކޮށްގެން ދެއްވި އެންމެ ހަރުކަށި އިންޒާރެވެ.

ޔުކްރެއިންނުންވަނީ މިއީ އެގައުމާ އެއްވެސް ގުޅުމެއްނެތް ހަމަލާތަކެއްކަމަށް ބުނެފައެވެ. ޔުކްރެއިން ސަރުކާރުން ނެރުނު ބަޔާނެއް ސިފަކުރިގޮތުގައި މިއީ އެކަމުގެ ޒިންމާ އެހެންބައެއްގެ ބޮލުގައި އެޅުވުމަށްޓަކައި ރަޝިއާގެ ޖާސޫސީ އިދާރާ އަޑީގައި އޮވެގެން ހިންގި މަކަރުވެރި އަމަލެކެވެ. އެހެންކަމުން މިހަމަލާތަކުގެ މަލާމާތް ރަޝިއާ ރައްދުވަނީ ޚުދު ރަޝިއާ ސަރުކާރަށެވެ.

މޮސްކޯގެ ކްރޮކަސް ކޮންސެޓް ހޯލަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 93 އަށް އަރާފައެވެ. މިހަމަލާތަކުގައި 115 މީހަކު ޒަޚަމްވެފައިވާކަމަށް ރަޝިއާގެ މީޑީއާ ކުރިންވަނީ ބުނެފައެވެ.

ރަޝިއާގެ ބައެއް މަސްއޫލުވެރިންވަނީ މިހަމަލާގެ ފަހަތުގައި ރަޝިއާއާ އާދަޔާ ޚިލާފަށް ދުޝްމަންކަން ގެންގުޅޭ ނޭޓޯގެ ބައެއް ގައުމުތަކުގެ ޖާސޫސީ އިދާރާތައް ވުމަކީވެސް އެކަށީގެންވާކަމެއްކަމަށް ވިދާޅުވެފައެވެ. މިހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުންނެވެ.

މިޖަމާއަތުގެ ހަނގުރާމަވެރިން މިކަން އަމަލީގޮތުން ކުރިކަމަށް ވިޔަސް މިކަމުގެ ފަހަގުގައި ރަޝިއާގެ ދުޝްމަނުން ތިބުމަކީ އެކަށީގެންވާކަމެއްކަމަށް ރަޝިއާ ގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ. ނަމަވެސް އެއްވެސް ގައުމެއްގެ ނަން ރަޝިއާގެ މަސްއޫލުވެރިން ސީދާގޮތެއްގައި އަދި ވިދާޅުވެފައެއް ނުވެއެވެ.

ރަޝިއާގެ އަމަނާބެހޭ އިދާރާތަކުންވަނީ މި ހަމަލާތަކާ ގުޅުންވާކަމަށް ބެލެވޭ 11 މީހަކު ހައްޔަރުކޮށް އެމީހުންނާ ސުވާލުކޮށް ތަހްގީގު ކުރަމުންގެންދާކަން ހާމަކޮށްފައެވެ. މި 11 މީހުންގެ ތެރޭގައި މި ހަމަލާތައްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހުން ހިމެނޭކަން ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.

ހަމަލާދިން މީހުން ފުރަތަމަ ފިލިނަމަވެސް ރަޝިއާގެ އަމަނާބެހޭ އިދާރާތަކުން ހިންގި އަވަސް އޮޕަރޭޝަންތަކުގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމީހުންވަނީ ހައްޔަރުކޮށްފައެވެ. މީގެތެރެއިން ގިނަމީހުން ހައްޔަރުކުރީ ޔުކްރެއިންއާއި ރަޝިއާގެ ސަރަހައްދީ ރޮނގުހުރަސްކޮށް ޔުކްރެއިން އަށް ފިލަން އުޅެނިކޮށްކަމަށް ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

މިހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ރަޝިއާގެ ރައީސަށާއި ރައްޔިތުންނަށް ތައުޒިޔާ އާއި ހަމްދަރުދީގެ މެސެޖްތައް ފޮނުވަމުންދާއިރު އެމެރިކާ މިފަދަ މެސެޖެއް ފޮނުވިކަން އެނގިފައެއް ނުވެއެވެ.

އެމެެރިކާގެ ބުނެފައިވަނީ މިފަދަ ހަމަލާއެއް އައިއެސް ޖަމާއަތުން ރަޝިއާއަށް ދީފާނެކަމުގެ ބިރު އެބައޮތްކަމުގެ މައުލޫމާތު މީގެ ހަފުތާތަކެއް ކުރިން ރަޝިއާގެ ކަމާބެހޭ ފަރާތްތަކަށް ދީފައިވާނެކަމުގައެވެ. ނަމަވެސް ރަޝިއާގެ މަސްއޫލުވެރިން އެމެރިކާގެ މިވާހަކަތައް ދޮގުކުރައްވައެވެ.

ރަޝިއާގެ މަސްއޫލުވެރިންގެ ވާހަކަތައް ހުރިގޮތުން މިއީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާތަކަށް އެނގިގެން ދިން ޓެރަރިސްޓް ޙަމަލާތަކެއްކަން މިހާތަނަށް ކުރި ތަހުގީގުތަކުން ސާފުވެއެވެ.

comment ކޮމެންޓް