ރަޝިޔާގައި ދިން ބަޑީގެ ހަމަލާގައި 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ރަޝިއާއަށް ދިން ބަޑީގެ ހަމަލާއެއްގައި 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި. ފޮޓޯ/ދަ ނިއު ޔޯކް ޓައިމްސް

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުރި ކޮންސެޓް ހޯލަކަށް ދިން ބަޑީގެ ހަމަލާގައި 60 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގައިފައެވެ.

އަސްކަރީ ޔުނީފޯމެއް އަޅައިގެން ހުރެ ބަޑީގެ ހަމަލާދީފައިވާއިރު، އެ ސަރަހައްދުގައި ވަނީ އަލިފާންވެސް ރޯވެފައެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ރަޝިޔާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި އިތުރު މީހުން އެތަނުގައި ތާށިވެފައި ތިބެދާނެއެވެ.

ރަޝިޔާގެ މީޑިއާތަކުން އާންމުކުރި ވީޑިއޯތަކުގައި ގިނަ އިރުތަކަކަށް ބަޑިޖަހާ އަޑު އިވޭއިރު، ރައިފަލް ހިފައިގެން ތިބި ބަޔަކު ހޯލް ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ތަން ފެނެއެވެ. ހަމަލާދިން މީހުން ވަނީ ގޮވާތަކެތި އުކައިފައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެކަމުގެ ސަބަބުން ކަމަށްވެސް މީޑިއަތަކުން ރިޕޯޓުކުރެއެވެ.

ހަމަލާދިން މައްސަލައަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ، ރަޝިޔާ ސަރުކާރުން އަންނީ މައްސަލަ ތަހްގީގު ކުރަމުންނެވެ. އެ ހަމަލާއަކީ މި ފަހަކުން ރަޝިޔާގައި ދިން އެފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް