އައިއެސްއަށް ފަންޑު ކުރުމުގެ ކުށުގައި އިނގިރޭސި މަންމައަކާއި އަންހެން ދަރިފުޅު ޖަލަށް

އައިއެސްއަށް ފަންޑުކޮށްދިނުމުގެ ކުށުގައި ޖަލު ހުކުމް ކޮށްފައިވާ 53 އަހަރުގެ ސްޓެލާ އޮޔެލާ. ފޮޓޯ/މައި ލަންޑަން

ސީރިއާގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގުމަށް އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ފައިސާ ފޯރުކޮށްދިނުމުގެ ކުށުގައި އިނގިރޭސިވިލާތުގެ މަންމައަކާއި އަންހެން ދަރިއަކު ޖަލަށްލައިފިއެވެ.

އެ މައްސަލައިގައިވާ ގޮތުން، ލަންޑަންގެ ނިއުހަމްއަށް ނިސްބަތްވާ ސްޓެލާ އޮޔެލާ، 53، އާއި ވެނެސާ އާތިމް، 32، ވަނީ އައިއެސް ގްރޫޕާ ގުޅިފައިވާ މީހަކަށް އެތައް ސަތޭކަ ޕައުންޑެއް ފޮނުވައިފައެވެ. އެ މީހާއަކީ، ޖޯސެފް އޮގާބާ ކިޔާ، އޮޔެލާގެ ކޮއްކޮ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

އޮޔެލާ އާއި އާތިމްގެ މައްޗަށް ސާބިތުވެފައި ވަނީ 2017 ވަނަ އަހަރުގެ މާޗު މަހާއި އޮކްޓޯބަރު މަހާ ދެމެދު އޮގާބާއަށް ފައިސާ ދިނުމުގެ ދައުވާއެވެ. އެ މައްސަލައިގައި އާތިމްގެ މައްޗަށް ތިން އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފައިވާއިރު، އޮޔެލާ ތިން އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

އައިއެސްއަށް ފަންޑުކޮށްދިނުމުގެ ކުށުގައި ޖަލު ހުކުމް އިއްވި 32 އަހަރުގެ ވެނެސާ އާތިމް. ފޮޓޯ/މައި ލަންޑަން

ކޮމްޕިއުޓާ ޕްރޮގްރާމާއެއްގެ ގޮތުގައި މަސައްކަތްކުރި އޮގާބާ އައިއެސްއާ ގުޅި، ސީރިއާއަށް ގޮސްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އޭރު އޭނާގެ އުމުރުން 30 އަހަރެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި އޮޔެލާއާއި އާތިމަކީ އައިއެސްގެ ހަރުކަށި ގަބޫލުކުރުންތައް ގަބޫލުކުރާ އަދި އެކަންކަން ކުރުމަށް ބާރުއަޅާ ބައެއް ނޫނެވެ. އެ މީހުން އޮގާބާއަށް ފައިސާ ފޮނުވީ އޭނާއަށް އެހީތެރިވާން ބޭނުންވެގެން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް އޮގާބާއަކީ އައިއެސްއާ ގުޅިފައިވާ މީހެއްކަން އެނގި ތިބެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށާއި އެކަމުގެ ސަބަބުން އިތުރު ތަކުލީފަކާ ކުރިމަތިލާން ޖެހިދާނެކަން ވެސް އެނގެން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

comment ކޮމެންޓް