ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާނަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޙަސަން ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޝާއިއުކުރި ސްޓޭޓަސްއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ކުރި ޕޯސްޓުގައި ވަނީ އެފަދަ ޢަމަލެއް ހިންގުމަށް ހިތްވަރުދީފައެވެ. އެގޮތުން އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވެއެވެ. ނަމަވެސް، އެ ސްޓޭޓަސް ޕޯސްޓްކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ފޭސްބުކުން ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭރު އޭނާގެ ގާތް ފަރާތްތަކުން ބުނެފައިވަނީ އޭނާ ސިފައިންގެއިން ވަކިކުރީ އޭރުގެ ސަރުކާރަށް ފާޑުކިޔުމާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދެއްވިއެވެ. ނަމަވެސް ފަހުން އެ މަގާމުން އޭނާ ވަކިކުރުމާ ގުޅިގެން، ޒިހާން އަންނަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޕޯސްޓްތައް ކުރަމުންނެވެ.