ރޯދައަށް ހުންނައިރު ކެފެއިން މަދުވުމުން ބޮލުގައި ރިއްސާތަ؟

ރަމަޟާން މަހު ކެފެއިން އެކުލެވޭ ބުއިންތަކާ ދުރަށް ދިއުމަކީ ބައެއް މީހުން އުނދަގޫ ކަމެއް-- ފޮޓޯ/ ޕިންޓަރެސްޓް

ރަމަޟާން މަހަކީ ހާރު ކެއުމަށް ފަހު އިރު އޮއްސުމާ ހަމައަށް ކެއުމާއި ބުއިމުން ދުރުހެލިވެ، ފެނާއި ކެފެއިން އެކުލެވޭ ބުއިންތައް ކަމަށްވާ ސައި، ކޮފީ އަދި ސޮޑާ ބުއިންތަކުން ދުރުހެލިވެގެން ތިބޭ މައްސަރެކެވެ.

ރޯދައަށް ހުރުމަކީ ބަރުދަން ލުއިކުރުމާއި މެޓަބޮލިޒަމް ރަނގަޅުވުމާއި ނަފުސާނީ ސާފުކަން ފަދަ ސިއްހީ އެތައް ފައިދާއެއް ލިބޭ ކަމެކެވެ. އެހެންނަމަވެސް އާދައިގެ މަތިން ކޮންމެ ދުވަހެއް ފަށަން ނަގާ ކެފެއިން ޝޮޓު ނުނެގުމުން ގަދައަށް ބޮލުގައި ރިއްސާ ރިއްސުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. މިއީ ރޯދަ މަސް ފެށުމުން ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެއް ވެސް މެއެވެ.

"ރޯދަ މަހާ ދިމާކޮށް ފުރަތަމަ ދުވަސްކޮޅު ހެނދުނު ހެނދުނާ ވަރަށް ގަދައަށް ބޮލުގައި ރިއްސާނެ. އެއީ އެއްކަލަ ކޮފީ ތަށި ހެނދުނު ނުބޮވޭތީ ދިމާވާ ކަމެއް" އޮފީހެއްގައި މަސައްކަތްކުރާ ޒުވާނަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

މި ޒުވާނާ ބުނިގޮތުގައި އެ ކަމަށް ހައްލެއް ހޯދުމަށް އޭނާ އަމަލުކުރާ ގޮތަކީ މިއީއެވެ.

"ހާރުކާ ގަޑީގަ ކަޅު ކޮފީއެއް ނަމަވެސް ބޯލަނީ. އެހެންވެ ކޮންމެ ވެސް ވަރަކަށް ބޮލުގައި ރިއްސާ ރިއްސުން ލުއިވޭ. ވަކި ކޮފީ ބުއިއޭ ކިޔާފައި ނުނިދިގެން އުޅޭކަށް ވެސް ނުޖެހޭ،" އުމުރުން 35 އަހަރުގެ އެ ޒުވާނާ ބުންޏެވެ.

ކެފެއިން މަދު ބުއިމެއް ހިޔާރުކުރަން ބޭނުންވާ ނަމަ ރަގަޅު ލުއި ހާބަލް ސައި ބޭނުންކުރުމުން ހަށިގަނޑަށް ލުޔެއް ލިބޭކަމަށް ސިއްހީ މާހިރުން ބުނެވޭ-- ފޮޓޯ/ޕިންޓަރެސްޓް

ކެފެއިންއަކީ ސިކުނޑީގެ ކެމިސްޓްރީއަށް އަސަރުކުރާ ސެންޓްރަލް ނާވަސް ސިސްޓަމް ސްޓިމިއުލެންޓެކެވެ. ކެފެއިންއަށް ދެވި ހިފާފައިވާ މީހެއް ނަމަ ރަމަޟާން މަސް ފެށުމުގެ ކުރިން ކެފެއިން އެކުލެވޭ ބުއިންތަކުން ދުރުހެލިވުމުން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަކީ މުހިއްމު ކަމެކެވެ.

އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭ:

• ރަމަޟާން މަހާ ދިމާކޮށް ކެފެއިން އެކުލެވޭ ބުއިންތައް ނުވަތަ ކެއުންތައް މަޑުމަޑުން މަދުކުރުން.

މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ކެފެއިންގެ މިންވަރު މަދުވެ ރޯދައަށް ހުންނަ ވަގުތު ދިމާވާ ބޮލުގެ ރިހުމަށް ލުއިއެއް ލިބޭނެއެވެ.

• ވީހާ ވެސް ގިނައިން ފެން ބޮއެ ހަށިގަނޑު ހައިޑްރޭޓްކޮށްފައި ބެހެއްޓުން

ބޮލުގައި ރިހުމުގެ ފުރުސަތު ކުޑަ ކުރުމަށް ވީހާ ވެސް ގިނައިން ފެން ބޮއެ ދިޔާތަކެތި ބޭނުންކުރާ މިންވަރު އިތުރުކޮށްލާށެވެ. ހާއްސަކޮށް ރޯދަ ވީއްލާ ވަގުތު އަދި ހާރު ކެއުމަށް ފަހު ގިނަ ގިނައިން ފެން އަދި ތާޒާ ޖޫސް ބުއިމުން މީހާ ޑީހައިޑްރޭޓްވުމުން ދުރުކޮށްދޭން އެހީތެރިވެދޭނެއެވެ.

• ކޮފީގެ ބަދަލުގައި ކޮންމެ ވެސް ކަހަލަ ސައެއް ބުއިމަކަށް ޚިޔާރުކުރުން

ކޮފީގެ ބަދަލުގައި ޑެކަފް އަލްޓަނޭޓިވްއެއް އިހުތިޔާރު ކުރެވިދާނެއެވެ. މިސާލަކަށް: ކޮންމެ ވެސް ކަހަލަ ހާބަލް ސައެއް ކޮފީގެ ބަދަލުގައި ބޭނުންކުރެވިދާނެއެވެ.

• އަރާމުކޮށްލަން ވަގުތު ކޮޅެއް ހޭދަކޮށްލުން

ރަމަޟާން މަހު ހަށިގަނޑަށް އިހުސާސްވާ ވަރުބަލިކަމާ އެކު އަރާމުކޮށްލަން ނަފުސަށް ވަގުތުކޮޅެއް ހުސްކޮށްލުމަކީ ސިއްހަތާއި ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކޮންމެ ރެއަކު ވެސް މަދުވެގެން 8-7 ގަޑިއިރުގެ ނިދި ހޯދަން މަސައްކަތް ކުރާށެވެ.

• ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ ލަފާ ހޯދުން

ބޮލުގައި ރިއްސުން ނުވަތަ މައިގްރޭން ފަދަ މައްސަލަ ދިމާވާ ފަރާތެއް ނަމަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދު މި ކަމުގައި ހޯދާލުން މުހިއްމެވެ.

comment ކޮމެންޓް