މި ރަމަޟާން މަހު ފެނާއި ކަރަންޓަށް ބިލް ކުރާނީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން

ކަރަންޓު ބިލާއި ފެން ބިލުތަކެއް --- ސަން ފޮޓޯ

މި ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރާނީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިއީ ރަމާޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރައްވަން ޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރައްވާ ކަމެއް ކަމަށެވެ.

އެގޮތުން، އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަވީ އެވަރެޖް މިންވަރު ބަލާފައި ވާނީ، ފާއިތުވި 2023 ވަނަ އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑު މަތި މަސްތައް އުނިކުރުމަށް ފަހު ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެހެންކަމުން ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރާއިރު، މި އަހަރުގެ މާޗު މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ހޭދަކުރި އެވްރެޖް އަދަދު ބިލުން ފެންނަ ގޮތަށް ހިމަނަން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ރަމަޟާން މަހު ކަރަންޓާއި ފެން ބިލު އިތުރު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމަވާ ރައީސް އެ ކަން ހާމަކުރެއްވީ، މި މަހުގެ ހަތަރުވަނަ ދުވަހު ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތެއްގައެވެ.

https://sun.mv/189407

"...އާންމު މަހެއްގައި ހުންނަ ރޭޓުގައި ކެޕް ކޮށްފައި، އޭގެ މާނައަކީ އާންމު މަހެއްގައި ހުންނަ ވަރަށް ވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ފެނާއި ކަރަންޓު ބިލު ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ ހަ ރަށަކުން ނަގާ 30 ރުފިޔާގެ ޗާޖު ވެސް އުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް