ރޯދަ ވީއްލާ ގޮތަށް ނިދެނީތަ؟

ރޯދަ މަހުގެ ބިޒީ ދުވަހަށް ފަހު ރޯދަ ވީއްލާ ނިމޭއިރު ގިނަ ފަހަރަށް ހުންނަނީ ވަރުބަލިވެފައެވެ. ރޯދަ ވީއްލާ ނިމޭ ގޮތަށް މީހާ ނިދި އައުމަކީ ވަރަށް ގިނައިން ވާ ކަމެކެވެ. އެއާއެކު ގިނަ ބަޔަކު ކައި ނިންމާ ގޮތަށް އެނދަށް އަރައި ނިދަނީއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

މެޑިކަލް ނިއުސް ޓުޑޭއިން ހާމަކުރި ރިޕޯޓެއްގައި ބުނާގޮތުގައި ކެއުމަށްފަހު އާންމު ގޮތެއްގައި ވަރުބަލިވެ ކަންނެއްވުމަކީ އެކަށީގެންވާ ކަމެކެވެ. މީހާ ހަމަޖެހިލައި ވަރުބަލި ފިލުވާލަން ވަގުތު ލިބުމަކީ މީހާ ނިދިއައުމަށް މެދުވެރިވާ ކަމެކެވެ.

ރޯދައަށް މުޅި ދުވަހު ހުރެ އެއް ވަގުތެއްގައި ކެއުމަކީ މީހާގެ ވަރުބަލިކަން އިތުރުވެ ބޮޑަށް ނިދިއައުން އެކަށީގެންވާ ކަމެކެވެ. ރޯދަ ވަރުބަލީގައި ހުރެ ކެއުމާއެކު މީހާގެ ހަށިގަނޑުގައި ސެރޮޓޯނިން އުފައްދާ މިންވަރު އިތުރުވެއެވެ. ނަތީޖާއަކަށް ވަނީ މީހާ ރިލެކްސްވާ މިންވަރު އިތުރުވުމެވެ. ނިދި އަންނަނީ އެހެންވެ ކަމަށް ވެދާނެއެވެ.

ނަމަވެސް ރޯދަ ވީއްލުމަށްފަހު ނިދުމަކީ ސިއްހަތަށް އެންމެ ރަނގަޅު އާދައަށް ނުވެދާނެއެވެ. އެއިން އެއް ސަބަބަކީ ކާ ގޮތަށް ނިމުމާ އެކު ކާއެއްޗެހި ހަޖަމުކުރުމުގައި ދަތިތައް ވާތީއެވެ. އެގޮތުން ނިދާއިރު ހަށިގަނޑު ހަޖަމުކުރާ ސްޕީޑް އަވަސްކުރުމަށް މަސައްކަތް ކުރެއެވެ. އެއާއެކު ބަނޑުގައި އެސިޑް އުފައްދާ މިންވަރު ވެސް އިތުރުވެއެވެ. މިއީ ބަނޑުގައި ރިއްސުމާއި ބަނޑުގެ އެކި ކަހަލަ މައްސަލަތައް ދިމާވުމަށް އެކަށީގެންވާ ކަމެކެވެ.

އެހެންވީމާ ރޯދަ ވީއްލުމަށްފަހު ނިދުމާ ދުރުވުމަށް މަސައްކަތް ކުރަން ޖެހެއެވެ. މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ރޯދަ ވީއްލުމަށްފަހު ނިދި އައުން ކުޑަ ކުރުމާއި ޑައިޓާ ބޮޑު ގުޅުމެއް އެބަ އޮތެވެ. އެންމެ ފުރަތަމަ ކުރެވިދާނެ އެއް ކަމަކީ ރޯދަ ވީއްލާއިރު ފޮނި އެއްޗެހި ބޭނުންކުރާ މިންވަރު ކުޑަކުރުމެވެ. ފޮނި އެއްޗެއްސާއެކު ލޭގެ އިންސިއުލިންގެ މިންވަރު އިތުރުވެއެވެ. އެއާއެކު ނިދި އައުން ވެސް އިތުރުވެދާނެއެވެ.

ރޯދަ ވީއްލުމުގެ އާދަ ބަދަލުކުރުމަކީ ވެސް ނިދި އައުން ކުޑަ ކުރެވިދާނެ ކަމެކެވެ. އާންމު ގޮތެއްގައި ގިނަ ފަހަރަށް ރޯދަ ވީއްލާ ވަގުތު ގިނަ އަދަދަކަށް ކަނީއެވެ. އޭގެ ބަދަލުގައި ކަދުރު ނުވަތަ ފެން ފޮދަކުން ރޯދަ ވީއްލުމަށްފަހު ނަމާދު ކޮށްލާށެވެ. އަދި، ކާން ވަގުތު ހުސްކުރާނީ އެއަށްފަހެވެ. ކާއިރު ވެސް ހަށިގަނޑަށް ރަނގަޅު އެއްޗެހި، މިސާލަކަށް ތަރުކާރީގެ ސޫޕް ފަދަ ޕްރޮސެސް ކާނާ މަދު ކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. މިއީ މީހާ އިތުރަށް ވަރުބަލިވުމުގެ ފުރުސަތު ކުޑަކޮށްލަދޭނެ ކަމެކެވެ.

ރޯދަ ވީއްލައިގެން ނިދި އައުމުން ދެން މުޅި ރޭގެ ޝެޑިއުލް ހަލާކު ވެއެވެ. އެއާއެކު މިއީ ބަދަލު ކުރަން ރަނގަޅު އާދައެކެވެ.

މަސްދަރު : ކެވިން ޒަހްރީ

comment ކޮމެންޓް