އިންޓަނޭޝަނަލް ފިއުލް ފާމް އިހަވަންދިއްޕޮޅަށް ބަދަލު ކުރަނީ

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން 'ވިޓޯލް'އާއެކު އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގައި މިނިސްތަރު ވާހަކަ ދައްކަވަނީ -- ފޮޓޯ: އެސްޓީއޯ

މިހާރު ތިލަފުށީގައި ހުރި މޯލްޑިވްސް އިންޓަނޭޝަނަލް ފިއުލް ފާމް އިހަވަންދިއްޕޮޅަށް ބަދަލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަދި ނެދަލޭންޑްސް ގެ ކުންފުންޏެއް ކަމަށްވާ ވިޓޯލް އިން އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު ތިލަފުށީގައި ހުރި އިންޓަނޭޝަނަލް ފިއުލް ފާމް އިހަވަންދިއްޕޮޅަށް ބަދަލު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އިހަވަންދިއްޕޮޅުގައި ފަށަން ބޭނުންވާ ވަރަށް ބައިވަރު ޕްރޮޖެކްޓުތަކެއް އެބަހުރިކަން ވެސް ސައީދު މިއަދު ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ބޯޓު ފަހަރުގެ ޚިދުމަތްތަކުގެ ތެރެއިން ޝިޕް ރިޕެއާ އެންޑް މެއިންޓެނެންސާއި، ރީއެކްސްޕޯޓިންގެ މަސައްކަތާއި މިހާރު އޮތް ހޯރަފުށީ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުން ހިމެނޭކަމަށް މިނިސްޓަރުވަނީ ފާހަގަ ކުރައްވައިފައެވެ. އެއާއެކު ކާގޯ ޚިދުމަތް ފަސޭހަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް ރާއްޖޭގެ 33 ކިލޯމީޓަރުގެ ދިގު ފަޅެއް އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލްޕޮމްންޓް ފްރީޒޯން ގެ އެސެޓެއްގެ ގޮތުގައި މިހާރު އޮންނާނެ ކަން ވެސް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

އިހަވަންދިއްޕޮޅު މަޝްރޫއަކީ މި ސަރުކާރުން ވެސް ޚާއްސަ އިސްކަމެއް ދޭ މަޝްރޫއެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެ މަނިކުފާނު އިއުލާނުކުރެއްވި ކަމެކެވެ.

މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހު ހަތަރެއްގައި އިފުތިތާހުކުރެއްވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ވަނީ ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކުރާނެކަން އިއުލާންކުރައްވާފައެވެ.

އަދި ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ފިއުލް ފާމް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ ތެޔޮ ޓޭންކުތަށް ބަދަލު ކުރަން ނިންމައިފައިވަނީ ތިލަފުށިކައިރީ އޮންނަ މާގިރިފަޅަށް ކަމަށް އިންފްރާންޓަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެ ތެޔޮ ޓޭންކުތައް ބަދަލުކުރުމަށް ފަހު، އެ ރަށުގައި ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެ ކަމަށާއި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެ ކަމަށް ވެސް އެ މަޝްރޫއުގެ ޕްލޭންގައިވެއެވެ.

comment ކޮމެންޓް