''ނުއިނގިގުން'' އެނގެން އެބަޖެހޭ!

އާ ގްރޫޕު "ނުއިނގިގުން"ގެ ޑެބިއޫ އަލްބަމް ރިލީޒް ކުރުމަށް ބައިސްކޯފުގައި ބޭއްވި ލިސެނިން ޕާޓީ އެއްގެ ތެރޭގައި ގްރޫޕުގެ މެމްބަރުން އެކީގައި --- ފޮޓޯ : ބައިސްކޯފު

ދިވެހީންގެ ތެރޭގައި ހުނަރުވެރި ލަވަކިޔުންތެރިންނާއި މިއުޒީޝަނުން އެއްވެސް ވަރަކަށް މަދެއް ނޫނެވެ. ތަފާތު އެކި ސްޓައިލްގެ މިއުޒިކް އުފައްދާ ގިނަ އަދަދެއްގެ މިއުޒިކު އުފައްދާ ފަންނާނުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެއާއެކު އަމިއްލަ ރާގުގެ މިއުޒިކްތަކަށް ލޯބި ކުރާ އާ ގްރޫޕެއް ކަމަށްވާ "ނުއިނގިގުން" ވެސް މި އޮތީ އާންމުންނާ ހަމައަށް އައިސްފައެވެ.

ހަތަރު މެންބަރުން ހިމެނޭ ގްރޫޕް "ނުއިނގިގުން" އަކީ ދިވެހީންނަށް މުޅީން އާ ގްރޫޕަކަށް ވެދާނެއެވެ. ނަމަވެސް ގްރޫޕުގެ މެންބަރުންގެ ގެތަކާއި އެ ނޫން ވެސް ތަންތަނުގައި މި ގްރޫޕު އެކީގައި ލަވަ ކިޔައި މިއުޒިކް އުފައްދަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެެވެ.

މި މަސައްކަތުގެ ފޮނި ރަހަ އެންމެ ފަހުން ލައްވާލަދީފައިވަނީ ރާއްޖޭގައި ފަންނާނު ކުރިއެރުވުމަށް މަސައްކަތް ކުރާ ސްޓްރީމިން ސާވިސް "ބައިސްކޯފު" އެވެ. އެއީ ގްރޫޕުގެ ފުރަތަމަ އަލްބަމް ނެރެދިނުމަށް އެހީތެރިކަން ފޯރުކޮށްދީގެންނެވެ.

ދާދިފަހުން ގްރޫޕުގެ ފުރަތަމަ އަލްބަމް "ރުނބާ ވޮލިއުމް 1" ވަނީ ޑިޖިޓަލްއަށް ރިލީޒްކޮށްފައެވެ.

މި ގްރޫޕަކީ ކޮން ގްރޫޕެއްކަން ނޭނގުނު ނަމަވެސް މި ގްރޫޕުގެ ބައެއް މެންބަރުންނަކީ ދިވެހިންނަށް އާ ބަޔަކަށް ނުވާނެއެވެ. އެންމެ ހާއްސަކޮށް ގްރޫޕުގެ ލަވަކިޔުންތެރިޔާ ޒައިން އަހުމަދު ޝަހީދެވެ.

ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ 2001 ވަނަ އަހަރުގެ ބައިގައި ކިޔާލި ލަވަ "މަށެއް ނޫން" އާއެކު މުޅި ރާއްޖޭގައި ޒައިން ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. މިއަދާ ހަމައަށް ވެސް ދިވެހީންނަށް މި ލަވަ ވަރަށް ރަނގަޅަށް އެނގެއެވެ. ނުއިނގިގުން ގްރޫޕުގެ ލަވަ ކިޔުންތެރިޔަކީ މި ޒައިނެވެ.

ގްރޫޕުގައި ދެން ހިމެނެނީ ގިޓާރިސްޓު މުހައްމަދު އައްފާން (އައްފާން) އާއި ޑްރަމާ މުހައްމަދު ޖިލްވާޒް (ޖިއްލެ) އަދި ބޭސިސްޓް އަހުމަދު ލަތީފު (އައްމައްކޮ)އެވެ.

އާ ގްރޫޕު "ނުއިނގިގުން"ގެ ޑެބިއޫ އަލްބަމް ރިލީޒް ކުރުމަށް ބައިސްކޯފުގައި ބޭއްވި ލިސެނިން ޕާޓީގެ ތެރެއިން --- ފޮޓޯ : ބައިސްކޯފު

"ބޭރުގައި ކިޔަވަން ހުރެ ޒައިން ރާއްޖެ އައުމުން ބޭނުންވީ މިއުޒިކް ހަދައި އުޅެން. ދެން އެކީގައި މިއުޒިކް އުފައްދާ ހެދުމަށް ބޭނުންވާ އިތުރު ބަޔަކާ އެކި ލަވަ ކިޔައި އުޅެން ފެށީ،" ގްރޫޕު އުފެދުނު ގޮތް އައްފާން ކިޔައިދިނެވެ.

އެއީ މީގެ ދެ އަހަރެއް ކުރިއެވެ. އެއަށްފަހު ގްރޫޕުގެ މެންބަރުން އެކީ ބައްދަލުވެ އަމިއްލައަށް މިއުޒިކް އުފެއްދުމަށް މަސައްކަތްކޮށް އުޅެއެވެ. އެ އުޅުމުގެ ތެރޭގައި އަމިއްލަ ރާގުގެ ތަފާތު ލަވަތައް ލިޔެ، އެ ރެކޯޑު ކުރެވުނެވެ. ނަމަވެސް މި ރިކޯޑުތަކަކީ ލައިވް ރެކޯޑިންތަކެކެވެ.

މި ރެކޯޑިންތަކަށް ބިނާކޮށް ދާދި ފަހުން ވަނީ ރުނބާގެ ފުރަތަމަ ވޮލިއުމް ރިލީޒްކޮށްފައެވެ. ބައިސްކޯފު އޮފީހުގައި ދާދިފަހުން އަލްބަމް ރިލީޒްކުރިއިރު މި އަލްބަމްގައި ޖުމްލަ ހަތް ލަވަ ހިމެނޭނެއެވެ. ނަމަވެސް ބައިސްކޯފުގެ އެހީއާއެކު މި ވަގުތު ރިލީޒްކޮށްފައިވަނީ ފަސް ލަވައެކެވެ.

"އަސްލު މި ލަވަތައް ރިލީޒްކުރުމަށް އެހާ ބޮޑަ ލަސްވެފައިވަނީ ވެސް މިކްސް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ވީމަ. އޯޑިއޯތަކުގެ މިއުޒިކް އާއި ލަވަކިޔުން އެއްވަރުކޮށް ސާފު ކުރުމުގައި ވަރަށް ވަގުތު ހޭދަވި،" އައްފާން އިތުރަށް ކިޔައިދިނެވެ.

ނުއިނގިގުން ގްރޫޕުގެ މެމްބަރުން: (މަތީން ކ-ވ) އަހުމަދު ލަތީފު (އައްމައްކޮ)، ޒައިން އަހުމަދު ޝަހީދު، (ތިރިން ކ-ވ) މުހައްމަދު ޖިލްވާޒް (ޖިއްލެ)، މުހައްމަދު އައްފާން (އައްފާން)

މި މަސައްކަތްތައް ފުރިހަމަ ކުރުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް އައްފާން ފާހަގަކުރިއެވެ. އަލްބަމަށް ބޭނުންވާ ބޮޑުބެރު އިތުރު ކޮށްދީފައިވަނީ ރާފިލް މުހައްމަދު (ރާއްޕެ) އާއި މިކްސިން އަދި މާސްޓަރިންގެ މަސައްކަތް ކޮށްދީފައިވަނީ މުހައްމަދު ނާއިފު (ބާޕު) ކަމުގައި އައްފާން ފާހަގަކުރިއެވެ. އަދި، ވިޝުއަލްސްގެ މަސައްކަތްތައް ކޮށްފައިވަނީ އަހުމަދު އައިމަން ލަތީފު (ޕިކޯ) އާއި ވިޑިއޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު އައިހަމް (ކީނާ) އިތުރުން އާޓްވޯކްގެ މަސައްކަތް ކޮށްދީފައިވަނީ މޫސާ މަމްދޫހު އަހުމަދު (މަމްދު)އެވެ.

ގިނަ ދުވަހެއްގެ މަސައްކަތްތައް ހިމެނޭ އާ އަލްބަމްގެ ބައިތައް ގްރޫޕުގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ފުރިހަމަ އަލްބަމެއްގެ ގޮތުގައި ލަވަތައް ރިލީޒްކުރުމަށް އާންމުން އެދެމުން އަންނާތީ ލަވަތައް އަލްބަމަކަށް ހެދީ ކަމަށް އައްފާން ފާހަގަކުރިއެވެ.

މި އަލްބަމާ އެކު ގްރޫޕުގެ މަސައްކަތްތައް އަދި ހަމަ ފެށުނީއެވެ. ކުރިއަށް އޮތް ތަނުގައި ވެސް މުޅީން އާ އުފެއްދުންތަކެއް އަމިއްލަ ރާގުގައި ފެންނާނެ ކަމަށް އައްފާން ބުންޏެވެ.

comment ކޮމެންޓް