މިއީ ފަޔާގެ ޓިކްޓޮކް ލައިވެއް ނޫން، މިއީ މާ ޕާސަނަލް ވާހަކަތަކެއް

ހުސައިން ފަޔާޒް: އޭނާގެ ޓިކްޓޮކް ލައިވްތަކުން އެތައް ބަޔަކަށް އުފާވެރިކަން ގެނުވާ

އަބަދު ވެސް ހުންނަނީ ބޮޑު އައިނެއް އަޅައިގެން ހެވިފައެވެ. ކޮންމެ ރެއަކު މީހުންގަނޑު އެއްކޮށްގެން އޭނާ ކުރާ ކަމަކީ މީހުން ހެއްވުމާއި ސަކަރާތްޖެހުމާއި މަޖާ ވާހަކަތައް ދެއްކުމެވެ. މިއީ ޅ. ހިންނަވަރަށް އުފަން ހުސައިން ފަޔާޒް (ފަޔާ)ގެ މިޒާޖެވެ. ނަމަވެސް މި ހުރިހާ ކަމަކީ ކުރިން އޭނާ މާ ރަނގަޅަށް ދަންނަ ކަންކަމެއް ނޫނެވެ. ޓިކްޓޮކުން އޭނާ ކަންކަމެއް ދަސްކޮށްފިއެވެ. މިހާރު ކުރާ ކަމަކީ ލައިވް މެދުވެރިކޮށް މީހުންގެ ހިތް އުފާކޮށްލަދީ ސަރަކާތް ޖަހާލުމެވެ.

ކޮންމެ ރެއަކު ވަކި ވަގުތެއް ފަޔާ ހޭދަކުރަނީ ޓިކްޓޮކް ލައިވްގައި އޭނާގެ ޓިކްޓޮކް އާއިލާއާ އެކުއެވެ. ދުވާލުގެ ގިނަ ވަގުތު ވެސް ލައިވްގައި ހޭދަކުރާ އިރު މިއީ ގިނަ ބަޔަކަށް ވަރަށް ޝައުގުވެރި މަޖާ އަދި ވަރަށް "ޕޮޒިޓިވް" ލައިވް ތަކެކެވެ. ފަޔާއާއެކު ހިއްސާ ކުރާ ވަގުތު ގިނަ ބަޔަކަށް ޚާއްސައެވެ. އެ ވަގުތު އުފާވެރިއެވެ. ރާއްޖޭގެ އެހެން ޓިކްޓޮކް ހޯސްޓުންނާ ފަޔާ ވަރަށް ތަފާތެވެ. ނަމަވެސް އެ ތަފާތަކީ ކޮބައި ހެޔެވެ؟ އެހެން މީހުންނާ ފަޔާ ތަފާތުވެ ފަޔާދެކެ މީހުން މާ ގަޔާ ވަނީ މި ކޮން ސަބަބަކާ ހެދި ހެއްޔެވެ؟

ޓިކްޓޮކް ކުޅެންފެށީ އަޖުމަ ބަލާލަން، މިހާރު އެއީ ދިރިއުޅުމުގެ އެއްބައި

ފަޔާ މަސައްކަތް ކުރަނީ އަޔާޑާ މޯލްޑިވްސްގެ ވޯޓާ ސްޕޯޓްސްގައެވެ. މި ވަޒީފާއި މިހާރު އޭނާ މަސައްކަތް ކުރާތާ 15ވަރަކަށް އަހަރު ވަނީއެވެ. ފަޔާގެ މަސައްކަތް ވެސް އޭނާގެ ފޮލޯވަރުންނަށް ޓިކްޓޮކް މެދުވެރިކޮށް ވަރަށް ގާތުން ދައްކައެވެ.

ހުސައިން ފަޔާޒް ފަޔާ -- އޭނާގެ ޓިކްޓޮކް ލައިވްތަކުން އެތައް ބަޔަކަށް އުފާވެރިކަން ގެނުވާ

ފަޔާއަށް ޓިކްޓޮކަށް ވަދެވުނީ އޭގެ އަޖުމަ ބަލާލުމަށެވެ. އެކި ޒާތްޒާތުގެ ވީޑިއޯ ހަދަހަދާފައި 1000 ފޮލޯވަރުން ފުރަތަމަ ލިބުނު ދުވަހު އޭނާ ލައިވްއަކަށް އެރީ މިއީ ކިހިނެތް ވާކަމެއްތޯ ބަލާލުމުގެ ނިޔަތުގައެވެ.

"10ވަރަކަށް މީހުން އޭރު ލައިވަށް އަރަނީ. ދެން އެއްޗިސް ކިޔާތީ ހުއްޓާލީ. ހުއްޓާލާފަ ހިތަށް އެރީ ވެއްޖެއޭ ތަންކޮޅެއް ގަޔާވެގެން މިކަން ކުރަން. ދެން ވަރަށް ބައިވަރު ކަންކަން ކޮށްގެން މިހިސާބަށް މި އާދެވުނީ،" މިއަދު ފަޔާ އެހުރީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގެ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

މިހާރު އެތައް ފޭނުންނެއް، އެތައް ބައެއްގެ ލޯބި

މިހިސާބަށް އައުމަށް ހަގީގަތުގައި ވެސް އޭނާ ވަރަށް ގިނަ ކަންކަން ކޮށްފިއެވެ. ޚާއްސަކޮށް އެތައް ބައެއްގެ ލޯބި ހޯދުމަށް އޭނާ ވަކިން ގިނަ ކަންކަން ކޮށްފިއެވެ. އެގޮތުން، ވިއުވާސް އެންމެ ގަޔަވާ ކަހަލަ ކަންކަން ބަލާ އެކަންކަން ފަޔާ ކުރެއެވެ.

"ދެން ގިވްއަވޭ ތަކެއް ދީގެން ބަޔަކަށް އޭގެ ފައިދާ ވާކަހަލަ ގޮތަކަށް ގެންދިޔަނީ. ވަރަށް ދުވަހު އެހެން އުޅެފަ ބޭރު މީހުން މި ކުޅޭ ގޭމްތައް ކުޅެންފެށީ،" ފަޔާ ބުންޏެވެ.

އެގޮތުން ރާއްޖޭގައި ގިނަ ބަޔަކަށް ފެންނާނޭހެން ފުރަތަމަ ގޭމްތައް ކުޅެންފެށީ ފަޔާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވެއްގައި އެއް މިލިއަން ލައިކްސް ވެސް ލިބުނީ ފަޔާއަށެވެ.

ފަޔާގެ ލައިވްތައް ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީއަށް ޚާއްސަވާކަމަށް ފަޔާ ގަބޫލުު ކުރަނީ އޭނާގެ ލައިވްއިން މީހުންނަށް ހިތްހަމަޖެހުމެއް ގެނެސްދޭތީއެވެ. ނުވަތަ ސަކަރާތް ޖަހާލުމުގައި ވަގުތު ހޭދަކުރެވި އެންމެ ބިޒީ ދުވަސްތައް ހާސްކަމާ މަސައްކަތުގެ ބުރައިގައި އުޅެފައި ވެސް ސަކަރާތާ މަޖަލުން ނިންމާލެވޭތީއެވެ.

"މިހާރު ކުޑަކުދިން ވެސް އެބަ އަރާ ޕޭރެންޓުންނާ އެކީ މަދަހަ ކިޔައިދޭން. އެއީ އެހެން ލައިވްތަކުގައި ނުފެންނަ މަންޒަރެއް. ބައިވަރު ކުދިން މިހެން ހަދިޔާ ހޯދާ،" ފަޔާ ބުންޏެވެ.

މިހެން ގޮސް އޭނާއަށް އެތައް ކާމިޔާބީއެއް ލިބިއްޖެއެވެ. އެތައް ފޭނުންނެއް ލިބިއްޖެއެވެ. ފޭނުންގެ ތެރެއިން ވެސް ފަޔާއަށް އެންމެ ޚާއްސައީ އެ މީހުންގެ ފަރާތުން ލިބޭ ލޯތްބާއި ހެޔޮ ބަސްތަކެވެ.

"އެއްދުވަހަކު މާލޭ މަގުމަތިން މީހަކު ބުނަނީ އިނގޭހޭ ތިމަންނަ ބޭސްކުރި މީހެކޭ މީ (މެންޓަލް ހެލްތައް). އެކަމަކު ލައިވް ބެލީމަ ރިއަލިޓީން ސަލާމަތް ވެފައި ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަ ޖެހުން ލިބެއޭ ބުނީ ލައިވް ބަލައިގެން،" ފަޔާ އެންމެ އުފާ ވަނީ އޭނާގެ ސަބަބުން އެހެން މީހުންނަށް އުފާވެރިކަމެއް ގެނުވާތީއެވެ.

ފަޔާގެ ފޭނުންގެ ފަރާތުން ފަޔާއަށް ވެސް ވަރަށް ގިނަ ހަދިޔާތައް ލިބެއެވެ. އެގޮތުން ސެންޓުފަދަ ތަކެތި ކޮންމެ ދުވަހަކު ވެސް ލިބޭ ކަމަށް ފަޔާ ބުންނެވެ.

"...ފަޔާގެ ފޭން އެއް އެހެން އުޅެމުން ވަރަށް ކްލޯސް ވެގެން އޭނާ ދިނީ އުފަންދުވަސް އައުމުގެ ކުރިން ފަޔާއަށް ލަންކާ ދެކޮޅު ޓިކެޓު. ދެންގޮސް ތިން ދުވަސް މަޑުކޮށްލާފަ އައީ،" މީހެއްގެ ފަރާތުން ފަޔާއަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ ކޮބައިތޯ އެހުމުން ފަޔާ ކިޔައިދިނެވެ.

އެންމެ ލޯބިވަނީ މަންމަދެކެ، ފަޔާއަށް ލިބޭ ލޯބި މަންމައަށް ވެސް ލިބޭ

ފަޔާގެ ލައިވްތައް ބަލާ މީހަކު ނަމަ ފަޔާއާއި އޭނާގެ މަންމަގެ ލޯބި ގުޅުން ފާހަގަ ވާނެއެވެ. ކޮންމެ ރެެއަކު މީހުންގަނޑު އެއްކޮށް ލައިވް ފަށައިގަތުމުގެ ކުރިން ފަޔާ ލައިވްގައި އިނދެ އޭނާގެ މަންމައަށް ގުޅައެވެ. އަދި ލައިވްގައި ތިބޭ ކުދިންނާއެކު މަންމައާ ވާހަކަ ދައްކަ ސަކަރާތް ޖަހައެވެ.

ފަޔާގެ ފޭނުން ފަޔާދެކެވާ ލޯބި އޭނާގެ މަންމަ ދެކެ ވެސް ވެއެވެ.

"ފޭނުންނާ ފަޔާ މަންމައާ ވެސް ވަރަށް ކްލޯސް ވާނެ. ކޮންމެ ރެއަކު ލައިވް ފަށަނީ މަންމައަށް ގުޅައިގެން. ދެން ކުދިން ވެސް މަންމަގެ ހާލު ބަލާ ހަދާނެ،" ފަޔަ ބުންޏެވެ.

އޭނާ ބުނީ، މަންމަމެން ބުނާ ބަސް ނޭހުމުން އޭގެ ދެރަ ލިބޭ ކަމަށެވެ. ނަމަވެސް މަންމަގެ ބަސް އަހައިގެން އުޅުމުން އޭގެ ސަބަބުން ދިރިއުޅުމަށް އެއްވެސް ދެރައެއް ނުލިބޭނެ ކަމަށް ފަޔާ ބުންޏެވެ.

ހުސައިން ފަޔާޒް އޭނާގެ މައިންބަފައިންނާއެކު: އޭނާގެ ޓިކްޓޮކް ލައިވްތަކުން އެތައް ބަޔަކަށް އުފާވެރިކަން ގެނުވާ

"މީގެ ކުރީގަ އަސްލު އަހަރެމެން އަމިއްލައަށް ކަންކަން ނިންމައިގެން އުޅުނީމަ ދެރަތައް ލިބޭ. އެކަމު ހަގީގަތުގައި މަންމަމެން ބުނާގޮތަށް ހެދީމައި އެއްވެސް ދެރައެއް އެއްވެސް ދަރިއަކަށް ނުލިބޭނެ،" ފަޔާ އޭނަގެ މަންމަދެކެ ވާ ލޯބި ހިއްސާ ކުރަމުން ބުންޏެވެ.

އޭނާގެ އާއިލާގައި ހުންނަނީ އަންހެން ކޮއްކޮއަކާއި ބޭބެއެއް އަދި ފިރިހެން ކޮއްކޮއެކެވެ. ފަޔާއަކީ އާއިލާގެ ދެވަނަ ކުއްޖައެވެ. އޭނާގެ އާއިލާގެ ފަރާތުން ވެސް ޓިކްޓޮކް ލައިވްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. އެގޮތުން ފަޔާގެ ކޮއްކޮމެން ވެސް ބައެއް ފަހަރު ލައިވްތަކުން ފެނެއެވެ.

ޓިކްޓޮކުން ހަޔާތުގެ އެތައް ކަމެއް ދަސްވެއްޖެ

ފަޔާދެކެ ލޯބިވާ އޭނާގެ ސަޕޯޓަރުން ގިނައެވެ. ނަމަވެސް އޭނާ ކަމުނުދާ މީހުން ވެސް ޓިކްޓޮކްގައި އުޅެއެވެ. ފަޔާ ދުވަހަކު ވެސް އޭގެން މީހަކަށް ދެރަ ބަހެއް ނުބުނެއެވެ. އަދި ފަޔާގެ ލައިވްގައި މީހަކާ ދިމާލަށް އެފަދަ އެއްޗެއް ބުނުމުގެ ފުރުސަތު ވެސް އޭނާ ނުދެއެވެ.

ފަޔާ އޭނާގެ "ހޭޓާސް" އާމެދު ކަންތައް ކުރަނީ ވަރަށް ކެއްތެރިކޮށެވެ.

"ވަރަށް މަސައްކަތް ކުރަން ހަޑި އެއްޗިހި ނުކިޔާހާ ހިނދަކު އެމީހުންނާ ވާހަކަ ދައްކައިގެން ރީޗަށް އުޅެން. އެހެން އެތައް ފަހަރަކު އެބަތިބި އެއްޗެހި ކީ މީހުންނާ ވާހަކަ ދައްކައިގެން ފަހުން ސޮރީއޭ ބުނެގެން ވެސް ކޮމެންޓް ސެކްޝަންގަ ވާހަކަ ދައްކަފައި،" ފަޔާ ބުންޏެވެ.

ފަޔާ ދޭންޖެހޭ ޖަވާބެއް ދެނީ އަބަދު ވެސް އެމީހުންނަށް ދެރަ ނުވާނެހެން ހެވިލާފައި ކަމަށް ފަޔާ ބުންޏެވެ. އޭނާ ބުނީ ޓިކްޓޮކް އިން އޭނާއަށް ދަސްވި އެންމެ މުހިންމު ކަމަކީ ހަޔާތުގައި ވެސް "ނެގެޓިވް" ކަންކަމާ ކުރިމަތިލުން ކަމަށެވެ. ނުވަތަ އޭނާގެ ބަހުން ނަމަ "ހަޖަމް" ކުރުމަށެވެ.

ފަޔާ އަޅާ އައިނުގެ ވާހަކަ އަދި މާ ތަފާތު

ފަޔާގެ ލައިވްތައް އަބަދު ވެސް ގެންދަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން މި ރަމަޟާން މަހު ވެސް އޭނާ ވަރަށް ތަފާތު ގޭމެއް ކުރިއަށް ގެންގޮސްފިއެވެ. މި ގޭމުގައި ބަޔަކު ފަޔާގެ ލައިވްއަށް އަރުވާ، އޭނާ ބުނާ އެއްޗެއް ގޭތެރެއިން ހޯދައިގެން ގެންނަން ޖެހެއެވެ. މި ގޭމުން މޮޅުވި މީހާއަށް ވެސް ފަޔާ ވަނީ ހަދިޔާއެއް ދީފައެވެ.

ނަމަވެސް ފަޔާގެ ލައިވްތަކުން އެންމެ ފާހަގަ ކުރެވޭ ކަމަކީ އޭނާ އަޅާ ބޮޑު އައިނެވެ. ރޭގަނޑު ނަމަވެސް ފަޔާ ހުންނަނީ އަވި އައިނު އަޅައިގެންނެވެ. އަދި ގޭތެރޭގައި ހުއްޓަސް ފަޔާ ހުންނަނީ އެ އައިނު އަޅައިގެންނެވެ. މި އައިނުގެ ފަހަތުގައިވާ ހަގީގަތަކީ ކޮބައިބާއެވެ؟

ހުސައިން ފަޔާޒް ފަޔާ -- އޭނާގެ ޓިކްޓޮކް ލައިވްތަކުން އެތައް ބަޔަކަށް އުފާވެރިކަން ގެނުވާ

"އަސްލު ވީއެއްޗަކީ ތެދަށް ބުނަންޔާ ސީޒަންއާ ހެދި އައިނު އަޅަން ފެށުނީ. ސީޒަން ބުނަނީ އައިނެއް އަޅައިގެން އިނދެފަ ދެން ޓިކްޓޮކް ކުޅޭ މީހުންނަކަސް ފިލްމެއް ނުކުޅެވޭނެއޭ، އެކަހަލަ އެއްޗެއް. ދެން އެކަން މަޖާވެގެން ފަޔާވެސް ހިތަށް އެރީ އަހަރެން ވެސް އައިނެއް އަޅާނަމޭ ދެން މިކަހަލަ. އޭނައާ ޖެއްސުމަކަށް ނޫން،" އެކަމު މިއަށް ވުރެ މާ ސީރިއަސް ސަބަބެއް ވެސް ފަޔާގެ އައިނުގެ ފަހަތުގައި ވެއެވެ.

"އެއީ ފޯނާއި އިރުގެ އަލިން ސަލަމަތްވާން އަސްލު. ދެން އެއްފަހަރު މީހަކު އަހަނީ ދިމާކޮށްލާފަ ކޮންކަހަލަ އައިނެއްހޭ ފަޔާ އަޅަނީ. އޭގެ ފަހުން ބޭނުންވަނީ ތަފާތު އައިނުތައް އަޅައިގެން ހުންނަން. އޭރުން ބަލާ މީހުންގެ ދުލަށް ދަމާނެ އެންނު. ކޮންމެވެސް އެއްޗެއް ކިޔަން އިންނާނެ އެންނު،" ފަޔާ އޭނާގެ ސަކަ ރާގުގައި ހިނިގަނޑަކާއެކު ބުނެލިއެވެ.

"ފޭވަރިޓް ބްރޭންޑަކީ ގޫޗީ. ދެން ޓީވީއެއްހެން އައިނު އިންނަންޏާ ފަޔާއަށް ވަރަށް ރީތިވޭ،"

އެންމެ ދެކޭހިތްވަނީ އެއްލައްކަ ފޮލޯވަރުން ލިބޭ ދުވަސް

ޓިކްޓޮކުން ބޭރުގައި ވެސް ފަޔާގެ ހުނަރުތައް ބައިވަރެވެ. އެގޮތުން އުފަން ރަށުގައި ބޭއްވި ފުޓުބޯޅަ މެޗެއްގައި ވެސް ފަޔާ ވަނީ ކޮމެންޓްރީ ދީފައެވެ. އެ މުބާރާތުގެ ފައިނަލް މެޗު "ޔެސް ޓީވީ"ން ލައިވް ކުރިއެވެ. ދޫ ފަރިތަ މީހަކަށް ވުމުން ޖެހިލުމަކާ ބިރަކާ ނުލާ ފަޔާއަށް ވަރަށް ފަސޭހައިން އެކަން ކޮށްލެވުނެވެ.

ނަމަވެސް، ކޮމެންޓްރީ ދޭން ޕްރޮފެޝަނަލް ކޮށް ފަށާފާނެތޯ ނުވަތަ ޝޯތައް ހޮސްޓް ކޮށްފާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ އެކަހަލަ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ.

ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީ އާދޭތެރޭ ބައެއް މީހުން ދެކޭގޮތް ތަފާތެވެ. އަދި ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީއާމެދު ފަޔާ ދެކޭގޮތް ވެސް ވަރަށް ތަފާތެވެ.

"އަސްލު ވަޒީފާ ތަކުގައި އުޅޭ ވަރަށް ހަރުދަނާ މީހުން މިއުޅެނީ،" ފަޔާ ބޭނުންވަނީ ޓިކްޓޮކަކީ ވަރަސް "ޕީސްފުލް" އެންމެން ގުޅޭ ތަނެއްގެ ގޮތުގައި ފެނުމެވެ. އަދި އޭނާއަށް އެއްލައްކަ ފޮލޯވަރުން ލިބުމަކީ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސްކަމަށް ފަޔާ ބުންޏެވެ.

ދުވަހަކު ވެސް ޓިކްޓޮކް ހުއްޓާލަފާނެތަ؟

ކޮންމެ ދުވަހަކު ލޯބިވާ ގިނަ ބަޔަކާއެކު ހޭދަކުރާ މި ވަގުތުތަކަކީ މިހާރު ފަޔާގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. އަދި މިއީ ފަޔާގެ ހިތްހަމަޖެހުމާއި އޭނާގެ ސަޕޯޓަރުންގެ އުފަލާ ވެސް ގުޅިފައިވާ ކަމެކެވެ. ނަމަވެސް، ފަޔާ ޓިކްޓޮކް ކުޅުން ހުއްޓާލަފާނެ ހެއްޔެވެ؟

"މިސާލަކަށް މީހަކާ އިނދެގެން އަނބިމީހާ ބުނެފިއްޔާ ޓިކްޓޮކް ހުއްޓާލާނަން. ހަމަ ޓިކްޓޮކް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ހުއްޓާލާނަން،" ފަޔާ ބުންޏެވެ.

ނަމަވެސް ފަޔާގެ ސަޕޯޓަރުންނަށް އޮތް އުފާވެރި ޚަބަރަކީ ޓިކްޓޮކް ހުއްޓާލިކަމުގައި ވީނަމަވެސް، އޭނާގެ ސަޕޯޓަރުންނާ ގުޅުން ނުކެނޑޭނެކަމެވެ.

"މިހާރު ބޭނުންވަނީ އިންސްޓަގްރާމް ބޫސްޓު ކުރަން. އިންސަގްރާމުން ހަމަ ފަޔާއާ ދިމާވާނެ އޭރުން ވެސް. ކޮންމެވެސް އެއްތަނަކުން ފެންނާނެ އަބަދުވެސް،" ފަޔާ ބުންޏެވެ.

އޭނާގެ އުންމީދަކީ އޭނާގެ ސަޕޯޓަރުން އަބަދު ވެސް ދެގޮތެއް ނުވެ ފަޔާއާއެކު ހުރުމެވެ. އަދި ބަދަލެއް ނުވެ އެ އަލިފާނުގެ ހޫނާ ސަކަރާތުގައި އޭނާގެ ލައިވްތައް ކުރިއަށް ގެންގޮސް އެތައް ބައެއްގެ ހިތްތައް އުފާކުރުވުމެވެ.

comment ކޮމެންޓް