ޖާސޫސްކުރުމުގެ ތުހުމަތުގައި ރަޝިޔާއިން ދެކުނު ކޮރެޔާ ރައްޔިތަކު ހައްޔަރުކޮށްފި

ރަޝިޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވްލަޑިވޮސްޓޮކް ކައިރިން އުޅަނދެއް ދަތުރުކުރަނީ -- ފޮޓޯ/އިންގްލިޝް އަރަބިޔާ

ޖާސޫސްކުރިކަމުގެ ތުހުމަތުގައި ރަޝިޔާއިން ދެކުނު ކޮރެއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

ރަޝިޔާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ހަވާލާދީ ރަޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސްއިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ތަހުގީގުކުރަމުންދާ މައްސަލައެއްގައި ޕާކް ވޮން-ސޫން ކިޔާ ދެކުނު ކޮރެއާގެ ރައްޔިތަކު ހައްޔަރުކޮށްފައިހުރީ ރަޝިޔާގެ އިރުމަތީ ސިޓީއެއްކަމަށްވާ ވްލަޑިވޮސްޓޮކްގައެވެ.

އެއީ އެފަދަ މައްސަލައެއްގައި ދެކުނު ކޮރެއާގެ ރައްޔިތަކު ހައްޔަރުކުރި ފުރަތަމަ ފަހަރު ކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ. ނަމަވެސް އެ ކަމާބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއްނުވެއެވެ.

ރަޝިޔާ ޔުކްރެއިން ހަނގުރާމައާގުޅިގެން ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދެކުނު ކޮރެއާއިން ތާއީދުކުރާތީ، ދެކުނު ކޮރެއާއަކީ ރަޝިޔާއާ "ރަހުމަތްތެރި ނޫން" ގައުމެއްގެ ގޮތުގައި ރަޝިޔާއިން ދެކެއެވެ.

ހަމައެކާއެކު، ރަޝިޔާއިން އަންނަނީ އުތުރު ކޮރެއާއާ ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

އެކަމާ ގުޅިގެން އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެނީ އުތުރު ކޮރެއާއިންނެވެ. ނަމަވެސް އެ ގައުމުން ވަނީ އެކަން ދޮގުކޮށްފައެވެ.

comment ކޮމެންޓް