އެންޓި ޑިފެކްޝަން ބިލު: ކައުންސިލަރުންނާއި އަންހެނުން ކޮމިޓީ މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅާފައިވަނީ ކައުންސިލަރުން ޕާޓީ ބަދަލުކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލުގައި ޕާޓީ ބަދަލުކޮށްފި ނަމަ، ކައުންސިލަރުންނާއި އަންހެނުން ކޮމިޓީ މެންބަރުންގެ ގޮނޑި ވެސް ގެއްލޭގޮތަށް ހިމަނައިފިއެވެ.

އިންތިޚާބީ މަގާމުތަކުގައި ތިއްބަވައި ބޭފުޅުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އަލުން ހަދަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ބިލެއް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީ 14 ގައެވެ.

އެ ބިލުގައިވަނީ މަޖިލީސް މެންބަރުންނާއި އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުން ވެސް ހިމަނައިފައެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ: އޭނާ ވަނީ އެންޓި ޑިފެކްޝަން ބިލް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ރައްޔިތުން އިންތިޚާބުކުރާ ބޭފުޅުންނަކީ އެ އިންތިޚާބުކުރި ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއި އާންމުންގެ މެދުގައި އެ ބޭފުޅުންނާ މެދު އިތުބާރާއި ޔަގީންކަން ބޮޑުކުރުމެވެ. އެ ބިލުގައިވާގޮތުން ދެ ހާލަތެއްގައި މެންބަރުން މަގާމުން އިސްތިއުފާދޭން ޖެހޭނެއެވެ. އެއީ،

  • އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
  • އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]

އަދި، ދެ ހާލަތެއްގައި މެންބަރުން މަގާމުގައި ބައިތިއްބަން ފެނޭތޯ ބަލަން ރިކޯލް ވޯޓެއް ނަގަންޖެހޭނެއެވެ. އެއީ،

  • އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކުރުން
  • އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން

ބިލުގައިވާގޮތުން ކައުންސިލަރުންނާއި އަންހެނުން ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް:

  • އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
  • އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން
  • އަމިއްލަގޮތުން އިންތިޚާބުވެފައި ޕާޓީއަކަށް ސޮއިކުރުން

ބިލުގައިވާގޮތުން ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެއެވެ. އަދި، ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެއެވެ.

އެގޮތަށް ހުސްވާ ގޮނޑިތަކަށް އަލަށް މެންބަރުންނާއި ކައުންސިލަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ. އެގޮތަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގޮނޑި ގެއްލޭ ބޭފުޅުންނަށް ވެސް ލިބިގެންވެއެވެ.

ކުރިން 18 ވަނަ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރިއެވެ.

އެކަމަކު، ފަހުން ހަމަ އެ މަޖިލީހުން ވަނީ އެ ގާނޫނު އުވާލައިފައެވެ. އޭރު ގާނޫނެއް ހަދާފައި އޮތީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.

ފަހުން ނިމުނު ރިޔާސީ އިންތިޚާބަށް ފަހުގައި އެމްޑީޕީގެ 14 މެންބަރަކު އާ ސަރުކާރާ ގުޅުމުން އެމްޑީޕީން ވެސް ވަނީ އެންޓި ޑިފެކްޝަން ގާނޫނެއްގެ މުހިއްމުކަން ފާހަގަކުރަން ފަށައިފައެވެ. އެމްޑީޕީން އެ ބިލު ހުށަހަޅައި، މިހާރު ވަނީ ފުރަތަމަ ކިޔުން އިއްވައިފައެވެ.

comment ކޮމެންޓް