ހެއިޓީގައި 4،000 އަށްވުރެ ގިނަ ގައިދީން ޖަލަކުން ފިލައިފި

ހޭޓިއަންގެ ބޮޑުވަޒީރު އެރިއެލް ހެންރީއާ ދެކޮޅަށް ކުރާ މުޒާހަރާގެ ތެރެއިން މީހުން ސަލާމަތްވާ މަސައްކަތް ކުރަނީ. ފޮޓޯ/ރޮއިޓާސް

ގޭންގުތަކުގެ އެހީގައި ހެއިޓީގެ މައި ޖަލު ފަޅާލައި 4،000 އަށްވުރެ ގިނަ ގައިދީން ފިލުމާ ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ހެއިޓީގެ ވެރިރަށް ޕޯޓް އައު ޕްރިންސްގައި ހުންނަ އެ ގައުމުގެ މައި ޖަލަށް ހަތިޔާރު އެޅި ގޭންގުތަކުން ވަދެ ބޮޑެތި ކުށްވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު މިނިވަން ކޮށްފައި ވަނީ ޖަލު އޮފިސަރުންނަށް ހަމަލާދީގެންނެވެ.

އެތައް ހާސް ގައިދީން ފިލައި، ހަމަނުޖެހުން ހިންގަމުން އަންނައިރު، މި ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް ރޭގަނޑު ކާފިއު ހިންގުމަށް ވެސް ވަނީ ނިންމައިފައެވެ.

ބުދަ ދުވަހުގެ ނިޔަލަށް ކާފިއު ހިންގުމަށް ނިންމައިފައިވާއިރު، ކާފިއުއާއި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިތުރު ކުރަން ޖެހިދާނެ ކަމަށް ހެއިޓީ ސަރުކާރުން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަލު ފަޅާލުމުގެ ތެރޭގައި ހަތަރު ޖަލު އޮފިސަރުން މަރުވެފައި ވާއިރު، ފަސް އޮފިސަރުން ވަނީ ޒަހަމްވެފަ އެވެ. އަދި ތިން ގައިދީއަކު ވަނީ ފިލަން އުޅުމުގެ ތެރޭގައި މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަލުން ފިލި ގައިދީންގެ ތެރޭގައި 2021ވަނަ އަހަރު ހެއިޓީގެ ކުރީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން ވެސް ހިމެނެއެވެ.

ގޭންގުތަކުން ބުނާ ގޮތުގައި އެ މީހުން ބޭނުންވަނީ ބޮޑުވަޒީރު އެރިއެލް ހެންރީ މަގާމުން ދުރުކުރުމަށެވެ.

މޮއިސް އަވަހާރަކޮށްލުމަށްފަހު ހެއިޓީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުން އަންނައިރު، އެ ގައުމުގައި 2016 ވަނަ އަހަރަށްފަހު މިހާތަނަށް އިންތިހާބެއް ބާއްވާފައެއް ނުވެއެވެ.

ހެއިޓީގެ އިންތިހާބު ފެބްރުއަރީ ހަތެއްގައި ބޭއްވުމަށް ތާވާލު ކުރި ނަމަވެސް، ގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއެކު އިންތިޚާބު ބޭއްވިފައެއް ނުވެއެވެ.

comment ކޮމެންޓް