މިދިޔަ ހަފުތާގައި ކުއްލި ނުރައްކަލުގެ ހާދިސާތައް ހިނގައިފައިވާ މިންވަރު މަދުވެފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހާދިސާތަކަކީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިނގާފައިވާ ހާދިސާތަކެވެ.
އެގޮތުން ނިމުނު ހަފުތާގައި ޖުމްލަ 19 ހާދިސާއަކާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެފައިވާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނުރައްކާތެރި ކެމިކަލްތަކާ ގުޅުންހުރި ހެޒްމެޓް އިންސިޑެންޓްތަކާއި އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ހެޒްމެޓް އިންސިޑެންޓްގެ ހަ ހާދިސާއަކާއި އަލިފާނުގެ ފަސް ހާދިސާއެއް ރިޕޯޓުކޮށްފައިވާއިރު، މީހުން ސަލާމަތްކުރުމުގެ ތިން ހާދިސާއަކަށް އެމްއެންޑީއެފްއިން އެޓެންޑްވެފައިވެއެވެ.
https://x.com/MNDF_Official/status/2109197363378377068
ހެޒްމެޓް އިންސިޑެންޓްތަކަކީ އިންސާނާގެ ސަލާމަތާއި މުދަލަށް ނުވަތަ ތިމާވެއްޓަށް ނުރައްކާވާ ފަދަ ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް ނުވަތަ ފިޒިކަލް މާއްދާތައް ކޮންޓްރޯލް ނުކުރެވި ދޫވުމުގެ ހާދިސާތަކެވެ.
އެމްއެންޑީއެފްއިން މިދިޔަ މަހުގެ 27 އިން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން، އެ ހަފުތާގައި ކުއްލި ނުރައްކަލުގެ ޖުމްލަ 24 ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހަފުތާގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 10 ހާދިސާއަކަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މާލެއަކީ ދެ ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ތޮއްޖެހިފައި އޮންނަ ރަށެއް ކަމަށްވާއިރު، ނުރައްކާތެރި ހާދިސާތައް ދޭތެރެއަކުން ހިނގައެވެ.