46 އަހަރު ކުރިން ހިނގާފައިވާ މަރުގެ މައްސަލައެއްގައި އެމެރިކާގެ ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ޖަރުމަނިވިލާތުގައި ތިބޭ އެމެރިކާ ސިފައިން. ފޮޓޯ/ޔޫރޯ ނޫސް

މީގެ ގާތްގަނޑަކަށް 46 އަހަރު ކުރިން އެމެރިކާ ސިފައިންގެ މީހެއްގެ ގޮތުގައި ޖަރުމަނުވިލާތުގައި މަސައްކަތް ކުރި މީހަކު، އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ޖަރުމަނުވިލާތުގެ އުސޫލުތަކުގެ ދަށުން އޭނާގެ ނަން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެއީ 66 އަހަރުގެ މީހެއްކަން ވަނީ ހާމަ ކޮށްފައެވެ.

އެފްބީއައިއާއި ނިއު ޔޯކް ސްޓޭޓް ފުލުހުންގެ އެހީތެރިކަމާއެކު މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ މީހާ ހިފަހައްޓައިފައިވާއިރު، އޭނާ މިހާރު ހުރީ އެމެރިކާގެ ޖަލެއްގައި ބަންދުކޮށްފައެވެ. ޖަރުމަނުވިލާތުގެ ފުލުހުން ވަނީ މީހަކު މަރާލިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދުމަށް އެދިފައެވެ.

އެ މީހާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ އަންހެނަކަށް 30 ށް ވުރެ ގިނަ ފަހަރު ވަޅިން ހަމަލާދީ މަރާލިކަމުގެ ތުހުމަތެވެ. 1978 ވަނަ އަހަރު ހިނގައިފައިވާ އެ ހާދިސާގައި ޝާމިލުވާ މީހާ އޭރު ފުލުހުންނަށް ހޯދިފައެއްނުވެއެވެ.

އެ ހާދިސާގެ ތަހުގީގު ޖަރުމަނުވިލާތުން އަނެއްކާވެސް ފެށީ 2020 ވަނަ އަހަރުއެވެ. މައްސަލަ ތަހުގީގުކުރަން ގިނަ އަދަދެއްގެ ހެކިތައް އަލުން ދިރާސާކުރި ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައިވެއެވެ. އޭގެފަހުން ޝައްކުކުރެވޭ މީހާއާ ހަމައަށް ދެވުނީ އިނގިލީގެ ނިޝާނެއްގެ ސަބަބުން ކަމަށް ފުލުހުންނާ ހަވާލާދީ އޭބީސީ ނޫހުން ބުނެއެވެ. އެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެންނެވެ.

comment ކޮމެންޓް