އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ބިލު ބައިޑަން ތަސްދީގު ކުރައްވައިފި

އެމެރިކާގެ ރައިސް ޖޯބައިޑެން -- ފޮޓޯ: ގެޓީއިމޭޖްސް

ޗައިނާގެ ބައިޓްޑާންސް ކުންފުނިން ޓިކްޓޮކްގެ މިލްކުވެރިކަން ވިއްކާނުލައިފި ނަމަ، އެ އެޕްލިކޭޝަން މުޅި އެމެރިކާގައި މަނާކުރެވޭނެ ބިލެއް ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވައިފިއެވެ.

"ޕްރޮޓެކްޓިން އެމެރިކަންސް ފްރޮމް ފޮރިން އެޑްވަސަރީ ކޮންޓްރޯލް އެޕްލިކޭޝަންސް އެކްޓް"ގެ ނަމުގައި މިދިޔަ ހަފުތާގައި ކޮންގްރެސްއިން ފާސްކުރި މި ބިލަކީ ޚާރިޖީ ސިޔާސަތުގެ ފިޔަވަޅުތަކުގެ ބޮޑު ޕެކޭޖެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ބައިޑަން ތަސްދީގު ކުރެއްވި ބިލެކެވެ.

އާ ގާނޫނުގެ ދަށުން ބައިޓްޑާންސަށް ޓިކްޓޮކްގެ ހިއްސާ އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެމެރިކާގެ 150 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްލިކޭޝަންގެ ޑޭޓާ ހަވާލުކުރުމަށް ޗައިނާ ސަރުކާރުން ބައިޓްޑާންސަށް މަޖުބޫރުކޮށްފާނެކަމުގެ ކަންބޮޑުވުން އެމެރިކާގެ އެކި އޮފިޝަލުން ދަނީ ފާޅުކުރަމުންނެވެ. އަދި ޓިކްޓޮކްގެ ކޮންޓެންޓް ރެކޮމެންޑޭޝަން އަލްގޯރިދަމްތައް އޮޅުވާލައިގެން ބައެއް ވާހަކަތައް ފަތުރަން މަގުފަހިކުރާ ކަމުގެ އިންޒާރު ވެސް އެބޭފުޅުން ވަނީ ދީފައެވެ.

ޓިކްޓޮކުން އާ ގާނޫނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު ސީއީއޯ ޝޯ ޗޫގެ ވީޑިއޯ މެސެޖެއްގައި އޭނާ ވަނީ މިއީ އެމެރިކާއިން އެގައުމުގެ ރައްޔިތުންގެ އަޑު ކަނޑުވާލުމުގެ ގޮތުގައި ސިފަކޮށްފައެވެ. އެ ކުންފުނިން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ޓިކްޓޮކްގެ ތަރުޖަމާނު ވިދާޅުވީ އެ އެޕަށް ފިޔަވަޅު އެޅުމުން ހަތް މިލިއަން ވިޔަފާރިއަށް ގެއްލުންވެ، 170 މިލިއަން މީހުންގެ ޚިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަނެވޭ ކަމަށެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާ މެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، ކޮންގްރެސްގައި މި ބިލަށް ވަނީ ބޮޑު ތާއީދެއް ލިބިފައެވެ. މީގެ ކުރިން ޓްރަމްޕާއި ބައިޑަންގެ ސަރުކާރުން ވެސް ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލަން ބައިޓްޑާންސަށް މަޖުބޫރު ކުރުމަށް ކުރި މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

އަލަށް ތަސްދީގު ކުރި އެ ގާނޫނުގައި ބުނާގޮތުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ބައިޓްޑާންސްއަށް ޑައިވެސްޓްމަންޓް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެޕް ސްޓޯރުތަކާއި އޮންލައިން ހޯސްޓިންގެ ޚިދުމަތްތަކުން ޓިކްޓޮކް ނަގައި އެ އެޕް ބޭނުންނުކުރެވޭ ގޮތް ހެދުމުގެ ބާރު ސަރުކާރަށް ލިބެއެވެ.

އެމެރިކާގައި ޓިކްޓޮކްގެ މައްސަލަ ބޮޑުވެފައިވާއިރު، އެގައުމުގެ ދައުލަތުގެ ގިނަ އިދާރާތަކުގައި ބޭނުންކުރާ ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓޮކް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް