މަޖިލިސް ގަވާއިދުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ މެންބަރުން ނުލައި މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ހުކުމް އިއްވުން ފަށާނީ މާދަމާ 9:00ގައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ މިދިޔަ ބުދަ ދުވަހު ފުރަތަމަ އަޑުއެހުން ބާއްވައިފައެވެ.

މި މައްސަލަ ކުރިއަށް ގެންދަނީ ރައްދުވާ ފަރާތެއް ނެތް ގޮތަށެވެ. އެއީ، މަޖިލީސް ތަމުސީލު ކުރާ ފަރާތަކީ ވެސް މައްސަލަ ހުށަހެޅި ބަންޑާރަނައިބުގެ އޮފީހަށް ވެފައި، ރައްދުވާ ފަރާތެއް ނެތް ގޮތަށް މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ވެސް އިއުތިރާޒެއް ނެތުމުންނެވެ.

ގަވާއިދަށް ގެނައި އިސްލާހާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނާނެއެވެ.

އެހެންވެ، މި މަޖިލީހުން ސަރުކާރާ ގުޅިވަޑައިގަންނަވަން އިސްތިއުފާ ދެއްވި ހަތް މެންބަރުން ނުލައި، މި މަޖިލީހުގައި މިހާރު ތިއްބަވަނީ 80 މެންބަރުންނެވެ. އެއީ، މުއްދަތު ކުޑަކަމުން ބައި-އިލެކްޝަނެއް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައްސަލައިގައި ހިމެނޭ މާއްދާތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިންމަނީސް އެ މާއްދާތަކަށް އަމަލުކުރުން މަޑުޖައްސައިލަން ސިޕްރީމް ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކުރި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެ މާއްދާތައް ގަވާއިދުން އުނިކުރަން ފާސްކޮށްފައެވެ. ތަޅުމުން ވެސް ވަނީ ކޮމިޓީން ނިންމި ގޮތަށް ގަވާއިދަށް ބަދަލު ގެންނަން ފާސްކޮށްފައެވެ.

ސަރުކާރުން މަޖިލީހުގެ ގަވާއިދު ބާތިލުކުރަން ސުޕްރީމް ކޯޓަށް ދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި އޮއްވައެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގަވާއިދަށް ގެނައި ބަދަލާ އެކު މި ދައުރު ނިމެންދެން މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލާނަމަ، އެ ދެ ޕާޓީގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.

comment ކޮމެންޓް