ކުރީ ސަރުކާރުގެ ފަރުވާކުޑަކަމުން މިހާރު ކަނޑު ހޯދަން ގޮންޖެހުން ބޮޑު: އޭޖީ އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އޭޖީ އޮފީހުން ބުނީ ކުރީ ސަރުކާރުގެ ފަރުވާކުޑަކަމުގެ ސަބަބުން ކަނޑު އަނބުރާ ހޯދުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރައި ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ނިންމުމަކީ އިޓްލޮސްއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ކަނޑުގެ ގާނޫނުގެ ޚަބީރުން ލަފާދެއްވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ދެކުނުން ފުށުއަރައި ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން މިދިޔަ އަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ. އެކަމަކު، އޭރުގެ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކޮށްފައިނުވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ޕާޓީތަކުން ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރިއެވެ.

އެ މައްސަލަ އިސްތިއުނާފުކޮށް، ގެއްލުނު ކަނޑުގެ ބައި ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

އެ މަސައްކަތުގެ އަދާހަމަ ހިއްސާކުރަން ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނަމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނުގެ ކަނޑުގެ ސަރައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފުކޮށް، ގެއްލުނު ބައި ހޯދަން އައްޔަންކޮށްފައިވާ ނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ ލިބިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި، އެ މަސައްކަތަށް އައްޔަންކޮށްފައިވާ ވިލަރެސް ގްރޫޕުގެ ރިޕޯޓު ވެސް ލިބިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

https://sun.mv/187878

ބަޔާނުގައި ބުނީ ގާނޫނީ ލަފާ ހޯދަން އައްޔަންކޮށްފައިވާ ޚަބީރުންނާއި ވިލަރެސް ކޮމިޓީގެ ރިޕޯޓުން ވެސް ފާހަގަވާ އެންމެ މުހިއްމު އެއް ކަމަކީ އެ މައްސަލައިގައި ނިމުނު ސަރުކާރުން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށްކަން ކަމަށެވެ. އެހެންވެ، ގެއްލުނު ކަނޑުގެ ބައި ހޯދަން މިހާރު ކުރަމުން އަންނަ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ ބަޔާނުގައި ބުނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ނެގެންހުރި މުހިއްމު ގިނަ ދިފާއުތަކެއް ނަގާފައިނުވާ ކަމަށެވެ.

"މި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމެވެ،" ބަޔާނުގައި ވެއެވެ.

އޭޖީ އޮފީހުން ފާހަގަކުރި ގޮތުގައި އިޓްލޮސްއިން އެ މައްސަލަ ނިންމުމުގައި ރިޢާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެއަށް ޢަމަލުކުރުން ލާޒިމުވާ ނިންމުމެއް ނޫން ކަމަށެވެ. އަދި، މިހާރު ވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ނޫންކަމުން ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ޚިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއްކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމާ މެދު ގާނޫނީ ސުވާލުތަކެއް އުފެދޭ ކަމަށް ޚަބީރުން ލަފާދެއްވާފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/186851

"އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫންކަމާއި، އެއީ އިޓްލޮސްއަށް ޤާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ޤާނޫނީ ގޮތުން ސުވާލު އުފެދޭތީ އާއި، މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެއޮތްގޮތަށް ތަންފީޛުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ޚަބީރުން ވަނީ ލަފާދެއްވާފައެވެ،" ބަޔާނުގައި ވެއެވެ.

އޭޖީ އޮފީހުން ބުނީ މި މައްސަލަ ކުރިއަށް ގެންދަން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

comment ކޮމެންޓް