ރާއްޖެއާއި ރާއްޖޭން ބޭރުގެ "އަދާވާތްތެރީން" ވަނީ މި ސަރުކާރު ވައްޓައިލަން ބައިއަތު ހިފާފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގެން މިއަދު ހެނދުނު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ދެއްކެވި ވާހަކަފުޅުގައި "ރާއްޖޭގައި ގާއިމްވެގެން ދިޔަ ސަރުކާރުތަކުގެ ތެރެއިން، އެ ސަރުކާރެއް އެހާ އަވަހަށް ފުރޮޅައިލަން މަސައްކަތްކުރި ސަރުކާރެއް މި ނޫނީ ނާންނާނެ،" ކަމުގައި ވިދާޅުވިއެވެ.
"އެހެންމާ މިއީ ދިވެހި ލޮބުވެތި ރައްޔިތުން މި ކަމާ ދެކޮޅަށް ބަދަހިކަމާ އެކު ތިބެންޖެހޭ ވަގުތު. މިއިން އެނގެނީ މި ސަރުކާރަކީ ދިވެހީންގެ ސަރުކާރެއްކަން، ބޭރު މީހުންގެ ސަރުކާރެއް ނޫންކަން،" ޝަހީމް ވިދާޅުވިއެވެ.
"ބޭރުގެ މީހުންގެ ސަރުކާރަކަށް ނުވާތީ މި ސަރުކާރު ފަންޑުކޮށްގެން، މި ސަރުކާރު ބަލިކަށިކޮށްލަން، މި ސަރުކާރު އިނދަޖައްސާލަން މަސައްކަތް ކުރަމުން އެދަނީ،"
މީގެ އިތުރުން، މި ޖަލްސާގައި ޝަހީމް ދެއްކެވި ވާހަކަފުޅުގައި ވަނީ މި ސަރުކާރު ގެނައުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑުކަމުގައި ވިދާޅުވެފައެވެ. އަދި، އެ ރަށުގެ ރައްޔިތުންނަށް ތައުރީފު ކުރައްވައި މިނިސްޓަރު ވިދާޅުވީ ރަށުގައި ބައިބައިވުން އުފެދެން ވެއްޖެ ނަމަ، ތާރީހުގައި ލިބިފައި އޮތް އިއްޒަތާއި ޝަރަފު ފިލައިގެން ހިނގައިދާނެ ކަމަށެވެ.
ވިލިނގިލީގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ މިނިސްޓަރު ޝަހީމަށް ރުހުން ނުދީފައެވެ. އެކަމަކު، އޭނާ ހިމެނޭހެން މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން ވަނީ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ. އެ ވަޒީރުންނަށް އަދިވެސް މަޖިލީހުން ރުހުން ލިބިފައެއް ނުވެއެވެ.
ޝަހީމް އިޝާރާތްކުރެއްވީ ރައީސް މުއިއްޒު އަޒުލުކުރަން އިދިކޮޅު އެމްޑީޕީން ސޮއިހަމަކުރި ކުރުމަށެވެ.
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އެކުވެގެން ވަނީ ރައީސް އަޒުލުކުރަން ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފައެވެ. އަދި، ހަމައެކަނި އެ ދެ ޕާޓީގެ މެންބަރުންނަށް ރައީސް ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައެވެ.
ސަރުކާރުން ވަނީ މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއްޔެގެ ޝަރީއަތުގެ އަޑުއެހުން ނިންމައިލަމުން ވަނީ ބުނެފައެވެ.