މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ދޫކޮށް، ހޯމަ ދުވަހު 30 މިލިއަން ދެނީ

29 އޭޕްރީލް 2022، މާލޭ މަސް މާރުކޭޓު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މިއަދާއި މާދަމާ ދޫކުރުމަށް ފަހު، އަންނަ ހަފުތާގެ ހޯމަ ދުވަހު ބާކީ 30 މިލިއަން ރުފިޔާ ދޭނެ ކަމަށް ފިޝާރީޒް މިނިސްޓްރީން ބުނެފިއެވެ.

މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން 100 މިލިއަން ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް ދެވޭނެ ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އިއްޔެ މަޖިލީހުގައި ވެސް ވަނީ ވިދާޅުވެފައެވެ.

"އޭގެ 100 މިލިއަން ރުފިޔާ، 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިއަށް ދެއްކޭނެ އިންތިޒާމުތަކެއް ގެނެވޭތޯ،" މަޖިލީހުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިއަދު މިފްކޯއިން ބުނީ، މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާކަމަށެވެ. އަދި ފައިސާ ދޫކުރާނެ ގޮތުގެ ތަފްސީލު ހިއްސާކޮށްފައި ވާގޮތަށް އެކަން ކުރިއަށް ދާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭތާ ތިން މަސްދުވަސް ވެފައި ވާކަމަށް ބުނެ ގއ. ކޫއްޑޫގައި މަސްވެރިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަން ފަށާފައެވެ. އިހުތިޖާޖު ހޫނުވެ، މިނިސްޓަރު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރެއްވިއެވެ.

ވަޒީރު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މިދިޔަ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް ހުރި ފައިސާގެ އަދަދު 250 މިލިއަނަށް އަރައެވެ. މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން އުޅެނީ އެހެންވެ ކަމަށް ވަޒީރު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމުތައް ދައުރުގެ ކުރީކޮޅު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް