މަސްވެރިންނަށް 70 މިލިއަން ދީފި، ހޯމަ ދުވަހުގެ ކުރިން އިތުރު 30 މިލިއަން ދެނީ

މެއި 14، 2020: ކޮވިޑް-19 ފެތުރޭތީ، ވެރިރަށް މާލެ ފުރަބަންދުގައި އޮތް އިރު މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން އެއްބަސްވީ ފަދައިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާރު 70 މިލިއަން ދީފައިވާ ކަމަށާއި އަންނަ ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ދީ ނިންމާނެކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަސްވެރިންނަށް ފައިސާ ނުލިބިގެން ގއ. ކޫއްޑޫއާއި އައްޑޫ ސިޓީގައި މަސްވެރިން ކުރި މުޒާހަރާ ނިންމާ އެ ތަންތަން އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ.

ކޫއްޑޫގައި މުޒާހަރާކުރި މަސްވެރިންނާ ބައްދަލުކުރައްވާ މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކުރި ކަމަށްޓަކާ އެ ވުޒާރާއިން ވަނީ މަސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

"މިފަދަ ދަނޑިވަޅުތަކުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮންނަ އޮތުމާއި ގުޅިގެން އެކަމުގެ ސަބަބުން މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި އަދި އެ ކުންފުނިތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަމީ ދިވެހި ދައުލަތާއި މި ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ފާހަގަ ކުރަމެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭތާ ތިން މަސްދުވަސް ވެފައިވާކަމަށް ބުނެ ގއ. ކޫއްޑޫގައި މަސްވެރިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަން ފަށާފައެވެ. އިހުތިޖާޖު ހޫނުވެ، މަސްވެރިން ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަސް ގެނައެވެ.

މި މުޒާހަރާ ހުއްޓާލީ ދެ ދުވަސް ފަހުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.

comment ކޮމެންޓް