ބަލާބެލުމަށް މިއީ މަސްދޯންޏެއްކަމެއް ނޭނގޭ، ސީޕްރޯ އެހާވެސް ފުރިހަމަ

ސީޕްރޯ ދޯނީގެ އެތެރެ -- ފޮޓޯ މުހައްމަދު ހައްޔާން

ސީޕްރޯ ދޯނީގެ އެތެރޭގެ ފޮޓޯތައް މުޅި ސޯޝަލް މީޑީއާގައި އާންމު ވާއިރު، ބަލާބެލުމަށް މިއީ މަސްދޯންޏެއް ކަމެއް ނޭނގެއެވެ. ސީޕްރޯ މިއީ ރާއްޖޭގައި މިހާތަނަށް ބަނދެފައިވާ އެންމެ ފުރިހަމަ މަސްދޯންޏެވެ.

މި މަސްދޯނީގެ ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި އާންމު ކޮށްފައި ވަނީ، ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)ގެ ސޯޝަލް މީޑިއާ އެކައުންޓުތަކުންނެވެ. ސީޕްރޯ ދޯނީގެ ވާހަކަ ވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.

މި ދޯންޏަކީ ހުވަދޫ އަތޮޅު އުތުރުބުތީ މާމެންދޫ ހަވީރީނާޒް، ރިފާޝް ހުސެއިން (35)ގެ ދޯންޏެކެވެ.

ސީޕްރޯ ދޯނީގެ އެތެރެ -- ފޮޓޯ މުހައްމަދު ހައްޔާން

ޒުވާން މަސްވެރިޔާ ވެބްސައިޓުގައި ލިޔެފައި ވާގޮތުން، ރިފާޝް ނިސްބަތް ވަނީ މަސްވެރި އާއިލާއަކަށެވެ. ބައްޕައަކީ މަސްވެރިއެކެވެ. ކެޔޮޅެކެވެ. އަދި އޮޑިވެރިއެކެވެ.

ފުރަތަމަ މާމެންދޫގައި ފައިބަރު މަސްދޯންޏެއް ބަނީ ވެސް ރިފާޝްގެ ބައްޕައެވެ. އެއީ އޭނާ ކިޔަވަން ސްކޫލުގައި އުޅުނު ދުވަސްވަރެވެ. އޭރު ދޯނީގެ މަސައްކަތްތައް ކުރުމަށް ބައްޕައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރިފާޝް ވެސް ލިބޭ ހުސްވަގުތުގައި ގޮސް އެ މަސައްކަތުގައި އުޅެ ފައިބަރު މަސައްކަތް ދަސްކުރި ކަމަށް ޒުވާން މަސްވެރިޔާއަށް އޭނާ ކިޔައިދީފައި ވެއެވެ.

އެ މަސައްކަތުގެ ތެރެއިން ރިފާޝްގެ ހިތުގައި މަސްވެރިކަމަށް ވަރަށް ބޮޑަށް ލޯބި ޖެހުނެވެ. އޭނާގެ ބައްޕަގެ ޞިއްޙީ ޙާލަތު ހުރި ގޮތުން ދޯނި ދުއްވުން ހުއްޓާލުމުން އެ ދޯނި މަރާމާތުކޮށް އަލުން މަސްވެރިކަން ފެށުމަށް ރިފާޝް ނިންމިއެވެ. ނަމަވެސް، ދޯނި މަރާމާތު ކުރުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ސީޕްރޯ ދޯނީގެ އެތެރެ -- ފޮޓޯ މުހައްމަދު ހައްޔާން

އެހެންކަމުން އޭނާ ބޭނުންވީ ޒަމާނާ ގުޅޭ، ޒުވާނުން ގަޔާވާކަހަލަ މަސްދޯންޏެއް ބަނުމަށެވެ. މިފަދަ ފުރިހަމަ މަސްދޯންޏެއް ބަންނަން ހިޔާލު އައީ އެހިސާބުންނެވެ. އޭނާ ބޭނުންވީ އެންމެ ފަހުގެ ވަސީލަތްތަކާއެކު މަހަށް ނުކުމެ އެއްވެސް ދަތިކަމެއް ނެތި އުޅެވޭނޭފަދަ ފުރިހަމަ މަސްދޯންޏެއް ތައްޔާރު ކުރާށެވެ.

ރިފާޝްގެ ލަގްޒަރީ ފައިބަގްލާސް މަސްދޯނި ގދ. ތިނަދޫގައި ބަންނަން ފަށާފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ކަމަށް ޒުވާން މަސްވެރިޔާ ލިޔެފައި ވެއެވެ. ބާރު ސްޕީޑުގައި މަސައްކަތް ގެންގޮސް ދޯނި ނިންމައި އިންޖީނު އަޅައި މިހާރު ވަނީ މޫދަށް ބާލާފައެވެ.

ސީޕްރޯ ދޯނީގެ އެތެރެ -- ފޮޓޯ މުހައްމަދު ހައްޔާން

މި ދޯނީގައި އަޅާފައިވަނީ 1138 ހޯސްޕަވަރު ޔަންމާ އިންޖީނެކެވެ. މިއީ ރާއްޖޭގެ މަސްދޯންޏެއްގައި މިހާތަނަށް އެޅި އެންމެ ބޮޑު ޔަންމާ އިންޖީނެވެ. މި އިންޖީނާއެކު މި ދޯނީގެ ދުވެލި ވެސް އެހާމެ ބާރެވެ. ގަޑިއަކު 16 ވަރަކަށް މޭލުދުވާއިރު މިއީ ހުވަދޫ އަތޮޅުގައި ވެސް އެންމެ ސްޕީޑް ރަނގަޅު ދޯނިތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭނެ ދޯންޏެކެވެ.

comment ކޮމެންޓް