ގެމަނަފުއްޓަށް ރައީސް ދެއްވީ ބޮޑު ބަނދަރަކާއި ހޯލެއްގެ އުންމީދު

ރައީސް ގެމަނަފުއްޓަށް ވަޑައިގެން، ރަށުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ގއ. ގެމަނަފުށީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކޮށް، ރަށުގައި ބޮޑު މަލްޓިޕާޕަސް ހޯލެއް އަޅުއްވައިދެއްވާނެކަމުގެ އުންމީދު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވަވައިފިއެވެ.

ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް މިއަދު އޮތް ޖަލްސާގައި ރައީސްވަނީ ގެމަނަފުށީ ކައުންސިލުގެ ފަރާތުން ހުށަހެޅި ކަންކަން، ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މަސްވެރިންނަށް ފަހިވާހެން ބަނދަރު ބޮޑުކޮށްދިނުމުގެ މަޝްރޫއު ހިންގަވާނެކަމަށް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ވަރަށް ފާހަގަކޮށްލެވޭ ރަށަކަށްވާއިރު މި ބަނދަރު އޭގެ ޒާތުގައި ހަމަ ސިނާއަތް ކުރިއަރައިގެންދާ ވަރަކަށް، ރައްޔިތުން ތަރައްގީވާވަރަކަށް، އާބާދީ ބޮޑުވާ ވަރަކަށް ބޮޑުކުރަން ޖެހޭނެކަން އަޅުގަނޑު ގަބޫލުކުރާއިރު ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އަނެއްކާ ވެސް އެ ބަނދަރު ތި ބޭފުޅުން ބޭނުންވާ ގޮތަށް ފުރިހަމަކޮށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ވެސް ރައްޔިތުން އެދޭ ގޮތަށް އިސްކަންދީގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި މިހާރު ފެށިފައިހުރި މަަޝްރޫއުތަކުގެ ތެރެއިިން ރަށުގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތާއި، އިވެންޓުތައް ބޭއްވޭ ފެންވަރުގެ މަލްޓިޕާޕަސް ހޯލެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ވަށާފާރު ރޭނުމަށްފަހު ހުއްޓިފައި އޮންނަތާ އަށް އަހަރުވެފައި އޮތް ރަށުގެ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގެމަނަފުށީގައި ބީއެމްއެލް ބްރާންޗެއް ގާއިމްކޮށްދީ ސިއްހީ މަރުކަޒަށް ބޭނުންވާ ޑޮޮކްޓަރުން ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް