މަޖިލީސް ގަވާއިދުގެ މައްސަލަ: ދެން އޮންނާނީ ހުކުމްކުރުން

މަޖިލީސް ގަވާއިދުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން: އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައި --

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ މެންބަރުން ނުލައި މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުގައި ނިންމާލައިފިއެވެ.

މަޖިލީހުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ. އަށް އެމްޑީޕީން އިސްވެ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދެއްވި މެންބަރުން ނުގުނައެވެ. އެކަމަކު، އެ މާއްދާތައް ބާތިލުކޮށްދޭން ސުޕްރީމް ކޯޓަށް ހުށެހެޅި ފަހުން އެމްޑީޕީން ވަނީ އަނެއްކާ ވެސް އެ މާއްދާތައް ބާތިލުކޮށް، އެހެން މާއްދާއަކަށް ހަމަ އެގޮތަށް އަކުރެއް އިތުރުކޮށްފައެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ވަނީ ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރަށް ދެމިގެންދިޔަ އަޑުއެހުމުގައި ވަނީ ސާފުކުރަން ހުރި ކަންކަން ސާފުކޮށް ނިންމައިލައިފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މަޖިލީހުގެ ގަވާއިދުގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުން ---

މި މައްސަލަ ކުރިއަށް ގެންދަނީ ރައްދުވާ ފަރާތެއް ނެތް ގޮތަށެވެ. އެއީ، މަޖިލީސް ތަމުސީލު ކުރާ ފަރާތަކީ ވެސް މައްސަލަ ހުށަހެޅި ބަންޑާރަނައިބުގެ އޮފީހަށް ވެފައި، ރައްދުވާ ފަރާތެއް ނެތް ގޮތަށް މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ވެސް އިއުތިރާޒެއް ނެތުމުންނެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ސުޕްރީމް ކޯޓުން މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާ ގޮތަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލަން އަމުރު ނެރުނު ފަހުން އެ އަމުރާ ހިލާފުވާ ގޮތަށް އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ސުވާލުކޮށްފައެވެ. އެހެންވެ، އެކަން ސާފުކޮށްފައި އަމުރު ނެރުނު ފަހުން ބޭއްވި ޖަލްސާތަކުގެ ޔައުމިއްޔާ ހުށަހަޅާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

އެހެންވެ، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ ހުށަހަޅާ ލިޔެކިޔުންތަކާ ގުޅިގެން އިތުރު ސުވާލެއް ނެތް ނަމަ ދެން އޮންނާނީ މި މައްސަލަ ނިންމުން ކަމަށެވެ.

"މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލާނަން. އެހެންނަމަވެސް ފަހުން، ތި ހުށަހަޅުއްވާ ލިޔެކިޔުންތަކަށް ބަލާފައި އިތުރު އަޑުއެހުމެއް ބާއްވަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނަމަ މި މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވާނަން،" ފަނޑިޔާރު ވިދާޅުވިއެވެ.

"އެހެން ނޫން ނަމަ ދެން އިރާދަކުރެއްވިއްޔާމުން މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާނީ މި މައްސަލަ ނިންމުމަށްޓަކައި،"

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަޒްމިރަލްދާ --

ގަވާއިދަށް ގެނައި އިސްލާހާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނާނެއެވެ. އެހެންވެ، މި މަޖިލީހުން ސަރުކާރާ ގުޅިވަޑައިގަންނަވަން އިސްތިއުފާ ދެއްވި ހަތް މެންބަރުން ނުލައި، މި މަޖިލީހުގައި މިހާރު ތިއްބަވަނީ 80 މެންބަރުންނެވެ. އެއީ، މުއްދަތު ކުޑަކަމުން ބައި-އިލެކްޝަނެއް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައްސަލައިގައި ހިމެނޭ މާއްދާތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިންމަނީސް އެ މާއްދާތަކަށް އަމަލުކުރުން މަޑުޖައްސައިލަން ވެސް ސިޕްރީމް ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކުރި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެ މާއްދާތައް ގަވާއިދުން އުނިކުރަން ފާސްކޮށްފައެވެ. ތަޅުމުން ވެސް ވަނީ ކޮމިޓީން ނިންމި ގޮތަށް ގަވާއިދަށް ބަދަލު ގެންނަން ފާސްކޮށްފައެވެ.

ގަވާއިދަށް ގެނައި ބަދަލާ އެކު 49 ވަނަ މާއްދާއަށް އިތުރުކުރި ވާހަކަތައް އިތުރުކުރީ 242 ވަނަ މާއްދާއަށެވެ. އެހެންވެ، މިހާރު ގެނައި ބަދަލާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ގުނާނީ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން އާންމު އިންތިޚާބަކާ ދެމެދު ހަ މަސް ދުވަސް ނެތް ނަމައެވެ. އެއީ، ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަނެއް ބާއްވާނެތީއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލީސް

އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން 37 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް އިސްލާހުކުރުމާ ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުން މަޖިލީހުގެ ގަވާއިދު ބާތިލުކުރަން ސުޕްރީމް ކޯޓަށް ދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި އޮއްވައެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގަވާއިދަށް ގެނައި ބަދަލާ އެކު މި ދައުރު ނިމެންދެން މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލާނަމަ، އެ ދެ ޕާޓީގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.

comment ކޮމެންޓް