އިންޑިއާގެ ވެރިންނަށް ކުޑައިމީސްކުރުމުން އެހެން ގައުމުތަކުގެ ގުޅުމަށް ވެސް ބުރޫ އަރާނެ: ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު --- ފޮޓޯ/ ސަރުކާރު

ސަރުކާރުން އިންޑިއާގެ ވެރިންނަށް ކުޑައިމީސްކުރުމުން ބުރޫ އަރާނީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އެކަނި ނޫންކަމަށާއި އެހެނިހެން ގައުމުތަކުގެ ގުޅުމަށް ވެސް ބުރޫ އަރާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖެއިން ގައުމުތަކަށް ކުޑައިމީސްކުރުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަން ކަމަށްވާއިރު، ވޭތުވެދިޔަ 50 ވަރަކަށް އަހަރު ރާއްޖޭން ސާބިތުކޮށްދިނީ ރާއްޖެއަކީ ހުރިހާ ގައުމަކާއެކު ގުޅިގެން މަސައްކަތް ކުރެވޭނެ ގައުމެއްކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ގައުމުތަކުގެ ވެރިންނަށް ކުޑައިމީސްކުރާ ބަޔަކު މި ސަރުކާރުގައި ތިބިކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

"އިންޑިއާގެ ވެރިންނަށް އެއްޗެއް ބުނީމަ އިންޑިއާއާ ރާއްޖެއާ އޮންނަ ގުޅުމެއް ނޫނޭ ކޫސަނިވެގެން ދާނީކީ. އެހެން ގައުމުތަކުން ވެސް އަޅުގަނޑުމެންނާ މެދު ދެކޭ މީ ވަރަށް އެހެން ކަހަލަ ބައެކޭ،" ޝާހިދު ވިދާޅުވިއެވެ.

ބޭރު ގައުމުތަކުން ރާއްޖެއާމެދު ދެކޭ ގޮތް ބަދަލުވުމުން އެ ގައުމުތަކުގެ ރައްޔިތުން ވެސް މި ގައުމާ މެދު ދެކޭ ގޮތް ބަދަލުވާނޭކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެކަމުގެ އެންމެ ފަހުގެ އާޚިރު ނަތީޖާއަކަށް ވާނީ ރާއްޖޭގެ ނިކަމެތި ރައްޔިތު މީހާއަށް އާމްދަނީގެ ގޮތުން އަސަރު ކުރުން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެއް ގައުމަކުން އަނެއް ގައުމަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ.

ޝާހިދުގެ ވާހަކައިގައި އޭނާ ވަނީ، މި ސަރުކާރުން ކުރާ ދަތުރުތަކުގެ މައުލޫމާތު ހާމަ ކުރައްވާނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ އެއްބަސްވުންތައް ވަނީ ސިއްރުކޮށްފައި ކަމަށެވެ. އަދި އެއްވެސް ދަތުރެއްގެ އެއްބަސްވުންތައް ހާމަ ނުކުރާ ކަމަށާއި ހުރިހާ ކަމެއް ސިއްރު ކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިއަދު ސަރުކާރުން އެކުރާ ކަމަކީ ހެސްކިޔާފަ ދަތުރު ކުރަނީ، އެއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރޭ،" ޝާހިދު ވިދާޅުވިއެވެ.

މިދިޔަ މަހުގެ ކުރީކޮޅު އިންޑިއާއިން އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާއެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަރައިރުންވިއެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާހެން އެކްސްގައި ވާހަކަދައްކަވައިފައެވެ.

މި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.

comment ކޮމެންޓް