އިންޑިއާގެ އާންމު އިންތިޚާބުގެ ދެ ވަނަ މަރުހަލާ ހުކުރު ދުވަހު

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިންޑިއާގެ އާންމު އިންތިހާބުގެ ދެވަނަ މަރުހަލާ އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމައިފައި. ފޮޓޯ/ޓައިމްސް އޮފް އިންޑިއާ

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިންޑިއާގެ އާންމު އިންތިޚާބުގެ ދެވަނަ މަރުހަލާ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ މަރުހަލާގައި 13 ސްޓޭޓަކުން 89 ދާއިރާއަކަށް ވޯޓުލުން ކުރިއަށް ގެންދާނެއެވެ.

ވޯޓުލުމަށް ހަމަޖެހިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އާސާމް، ބިހާރު، ޗައްޓީސްގަރް، ކަރްނާޓަކާ، ކެރެލާ، މަދްޔަ ޕްރަދޭޝް، މަހާރާޝްތުރާ، މަނިޕޫރު، ރާޖަސްތާން، ޓްރިޕޫރާ، އުއްތަރު ޕްރަދޭޝް، ހުޅަނގު ބެންގަލް، އަދި ޖަމްމޫ އެންޑް ކަޝްމީރު ހިމެނެއެވެ.

ނަވާރަ ވަނަ ދުވަހު ބޭއްވި ފުރަތަމަ މަރުހަލާގައި ވޯޓުލުމުގައި ވޯޓުލާން ނުކުމެފައި ވަނީ 64 އިންސައްތަ މީހުންނެވެ. އެ މަރުހަލާގައި 21 ސްޓޭޓާއި ޔޫނިއަން ޓެރިޓަރީ (ޔޫޓީ) ގެ 102 ދާއިރާއެއް ކަވަރުކޮށްފައިވެއެވެ.

ހަތް މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންތިޚާބުގެ ދެވަނަ މަރުހަލާ ކުރިއަށްގެންދިއުން ހުކުރު ދުވަހަށް ތާވަލުކޮށްފައިވާއިރު، ތިން ވަނަ މަރުހަލާ ކުރިއަށް ގެންދާނީ މެއި މަހުގެ ހަތް ވަނަ ދުވަހުއެވެ. ހަތަރު ވަނަ މަރުހަލާ މެއި 13 ވަނަ ދުވަހު، ފަސް ވަނަ މަރުހަލާ މެއި 20 ވަނަ ދުވަހު، ހަ ވަނަ މަރުހަލާ މެއި 25 ވަނަ ދުވަހު އަދި ހަތްވަނަ މަރުހަލާ ޖޫން އެއް ވަނަ ދުވަހު ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. އިންތިޚާބު ނިންމައި ވޯޓު ގުނުމުގެ މަސައްކަތް ފަށާނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ހަމަނުޖެހުން ހިންގުމުގެ ސަބަބުން އަލުން ވޯޓުލާން ތާވަލުކޮށްފައިވާ އަރުނާޗަލް ޕްރަދޭޝްގެ އަށް މަރުކަޒެއްގައި އަލުން ވޯޓުލުމުގެ މަސައްކަތް މިއަދު 6:00 އިން ފެށިގެން ކުރިއަށް އެބަގެންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް