މަޖިލީސް ގަވާއިދުގެ މައްސަލައިގެ އަޑުއެހުން މާދަމައަށް އަވަސްކޮށްފި

މަޖިލީހުގެ ރައީސް އަސްލަމް (ވ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ): މަޖިލީހުގެ ގަވާއިދާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ ހެނދުނު އޮންނާނެ -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދަށް ގެނައި ބަދަލަކީ ގާނޫނު އަސާސީއާ ހިލާފު ބަދަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މާދަމާ ހެނދުނަށް އަވަސްކޮށްފިއެވެ.

މަޖިލީހުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ. އަށް އެމްޑީޕީން އިސްވެ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދެއްވި މެންބަރުން ނުގުނައެވެ. އެކަމަކު، އެ މާއްދާތައް ބާތިލުކޮށްދޭން ސުޕްރީމް ކޯޓަށް ހުށެހެޅި ފަހުން އެމްޑީޕީން ވަނީ އަނެއްކާ ވެސް އެ މާއްދާތައް ބާތިލުކޮށް، އެހެން މާއްދާއަކަށް ހަމަ އެގޮތަށް އަކުރެއް އިތުރުކޮށްފައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުން މާދަމާ ހެނދުނު 9:45 އަށް އަވަސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ އާދިއްތަ ދުވަހުއެވެ.

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: މަޖިލީހުގެ ގަވާއިދާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު ސުޕްރީމް ކޯޓުގައި އޮންނާނެ -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ގަވާއިދަށް ގެނައި އިސްލާހާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނާނެއެވެ. އެހެންވެ، މި މަޖިލީހުން ސަރުކާރާ ގުޅިވަޑައިގަންނަވަން އިސްތިއުފާ ދެއްވި ހަތް މެންބަރުން ނުލައި، މި މަޖިލީހުގައި މިހާރު ތިއްބަވަނީ 80 މެންބަރުންނެވެ. އެއީ، މުއްދަތު ކުޑަކަމުން ބައި-އިލެކްޝަނެއް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައްސަލައިގައި ހިމެނޭ މާއްދާތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިންމަނީސް އެ މާއްދާތަކަށް އަމަލުކުރުން މަޑުޖައްސައިލަން ވެސް ސިޕްރީމް ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކުރި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެ މާއްދާތައް ގަވާއިދުން އުނިކުރަން ފާސްކޮށްފައެވެ. އިއްޔެ ތަޅުމުން ވެސް ވަނީ ކޮމިޓީން ނިންމި ގޮތަށް ގަވާއިދަށް ބަދަލު ގެންނަން ފާސްކޮށްފައެވެ.

https://sun.mv/188859

އިއްޔެ ގެނައި ބަދަލާ އެކު 49 ވަނަ މާއްދާއަށް އިތުރުކުރި ވާހަކަތައް އިތުރުކުރީ 242 ވަނަ މާއްދާއަށެވެ. އެހެންވެ، މިހާރު ގެނައި ބަދަލާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ގުނާނީ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން އާންމު އިންތިޚާބަކާ ދެމެދު ހަ މަސް ދުވަސް ނެތް ނަމައެވެ. އެއީ، ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަނެއް ބާއްވާނެތީއެވެ.

އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން 37 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް އިސްލާހުކުރުމާ ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުން މަޖިލީހުގެ ގަވާއިދު ބާތިލުކުރަން ސުޕްރީމް ކޯޓަށް ދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި އޮއްވައެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ގަވާއިދަށް ގެނައި ބަދަލާ އެކު މި ދައުރު ނިމެންދެން މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލާނަމަ، އެ ދެ ޕާޓީގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.

comment ކޮމެންޓް