ރައީީސްގެ ނިޔަތް ސާފު، ދުއްތުރާކުރަން ފުރުސަތު ދީގެން ނުވާނެ: އަބްދުއްރަހީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ފުވައްމުލަކުގައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިޔަތް ތެދުވެރިކަމަށާއި، އެ މަނިކުފާނަށް ދުއްތުރާ ކުރުމުގެ ފުރުސަތު ނުދީ، ޒިންމާ އަދައިކުރުމަށް ފުރުސަތު ދިނުމަށް ރައީސްގެ ޚާއްޞަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ގޮވައިިލައްވައިފިއެވެ.

ފުވައްމުލަކުގައި މިރޭ އޮތް ޖަލްސާގައި ވާހަަކަދައްކަވަމުން އަބްދިއްރަހީމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސްގެ 'ހަތަރެސް ފައި ބަނދެވޭ' ގޮތަށް ވެސް އެބައޮތް ކަމަށެވެ.

ނަމަވެސް އެއީ ރިޔާސީ ނިޒާމެއްގައި ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއިި އެ ފަދަ 'ދުއްތުރާ' ކުރަން ފުރުސަތު ދީގެން ނުވާނެކަމަށް ވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަދު ދިވެހި ރައްޔިތުން ރައީސް ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވައިފައިވަނީ ވަރަށް ބޮޑު ޒިންމާތަކެއްކަމަށާއި، ދެން ރައްޔިތުން ފަހިކޮށްދޭންވީ އެ ޒިންމާ އަދައިކުރުމުގެ ފުރުސަތުކަމަށް އޭނާ ފާހަގަކުރެއްވިިއެވެ.

އެ ކަމަށް ޓަކައި މިއަދު ރައްޔިތުން ކޮށްދޭންޖެހޭ ކަމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި، އަޣުލަބިއްޔަތު ވެރިކަން ކުރާ ޕީއެންސީއަށް ހޯދައިދިނުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ނިކުންނަވާ ރައީސަކަށް ދުއްތުރާ ކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަކަށް، އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީީ ބޭނުންވަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޒިންމާއެއް މީހަކާ ހަވާލުކުރާކަމުގައި ވަންޏާ އެ ޒިންމާ އަދައިކުރުމުގެ އިޚްތިޔާރު އެ މީހަަކަށް ދޭންޖެހޭނެ ކަމަށެވެ.

"ހަމަ މީހަކާ އަމާނާތެއް އަދައިކުރަށް ދިން ނަމަވެސް އެ އަމާނާތް އަދައިކުރުމުގެ ފުރުސަތު ނުދެންޏާ އެ މީހަކަށް އެ އަމާނާތް އަދައިނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ތެދުވެރި ނިޔަތެއްގައިކަން ހާމަވާ އެއް ކަމަކީ ކޮންމެ ރަށަކަށް ވެސް އެ މަނިކުފާނުގެ ވައުދުތައް ހިމެނޭ ފޮތް ދެއްވައި، އެ ވައުދުތަކަށް ފާރަވެރިވުމަށް އަންގަވާތީކަމަށެވެ.

ހަމައެއާއެކު ފުވައްމުލަކު ރައްޔިތުން ދައްކުވައިދިނީ ރާއްޖެއަށް ބަދަލެއް ގެންނަންޖެހޭކަން ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ އިހުސާސް ދަންނަ ވެރިއަކު ބޭނުންވާކަން ވެސް އަންގައިދިނީ މި ސިޓީއިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ފުވައްމުލަކުން ނެރެދިން ނަތީޖާއަށް އަބްދުއްރަހީމް ޝުކުރު އަދައިކުރެއްވިއެވެ.

comment ކޮމެންޓް