ޕީޖީ ޝަމީމަށް ދިން ހަމަލާ: އިތުރު މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: އޭނާއަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން ދައްކާ ގޮތުގައި 22 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ތޫނު ހަތިޔާރު ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި އަމަން ނަގާލުމުގެ ތުހުމަތުގައެވެ.

އެ އަމުރުގައިވާ ގޮތުން، ޝަމީމަށް ދިން ހަމަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭނެ ހެކި ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެއެވެ. އެގޮތުން އޭނާއަކީ ޝަމީމަށް ފާރަލި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް އަމުރުގައިވެއެވެ.

އެ މައްސަލަ ބަލަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލައެއް ގޮތުގައި ކަމަށާއި ކުށް ކޮށްފައި ވަނީ ޖަމާއަތް ހަދައިގެން ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެއެވެ. އަދި ހެކީގެ ނިސްބަތަށް ބަލާއިރު، ސީސީޓީވީ ފުޓެޖާއި ސީންގެ ފޮޓޯ އާއި އަނިޔާގެ ފޮޓޯތަކުން ވެސް، ހަމަލާ ދީފައިވަނީ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެއެވެ.

މީގެ އިތުރުން، އެ މީހާ ވަނީ އޭނާ ކުށް ކުރުމުގައި ބައިވެރިވެފައިނުވާ ކަމަށް ކޯޓުގައި ބުނެފައި ކަމަށް ވެސް އަމުރުގައިވެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 22 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނެވެ. މިމަހުގެ އެކެއްގައި ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މިދިޔަ މަހުގެ 31ގައި ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ ހަމަލާގައި އޭނާގެ ވާއަތުގައި ރެނދުލާފައި ވުމުން ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

އެ ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް