އައިފޯނުން ފޭޝަލް ރިކޮގްނިޝަން މައުލޫމާތު ވަގަށް ނަގާ މަލްވެއާއެއް ފެނިއްޖެ

އޭޝިއާގެ އައިފޯން ޑިވައިސްތަކަށް އަމާޒުކޮށް ހަމަލާދޭ، ގޯލްޑްޑިގާ ނަމަކަށް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ އާ ޓްރޯޖަން މަލްވެއާއެއް ފެނިފައިވާ ކަމަށް ސައިބާ ސެކިއުރިޓީ ފާމް ގްރޫޕް-އައިބީގެ ރިޕޯޓެއްގައި ބުނެފިއެވެ.

"ގޯލްޑްޕިކްކޭކްސް.އައިއޯއެސް"ގެ ނަމުން ނަން ދީފައިވާ މި މެލިޝިއަސް ޕްރޮގްރާމަކީ މީގެ ކުރިން އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ބޭންކިން ޓްރޯޖަންތަކުގެ ކްލަސްޓާއެއްގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ.

މިއީ ފޭޝަލް ރިކޮގްނިޝަންއާ ގުޅުން ހުރި މައުލޫމާތާއި، އައިޑެންޓިޓީ ޑޮކިއުމެންޓްސް އަދި އައިފޯނުން އެސްއެމްއެސް މެސެޖް ފަދަ ސެންސިޓިވް ޑޭޓާތައް ވަގަށް ނެގުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އައިއޯއެސް ވޭރިއަންޓެއް ސައިންސްވެރިން ހޯދި ފުރަތަމަ ފަހަރެވެ. މިއީ އައިއޯއެސްގައި ސެކިއުރިޓީ ވަލްނަރަބިލިޓީސް ދެނެގަނެ، އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަޝްހޫރު އެޕަލްގެ ތާރީޚަށް ބަލާއިރު ވަރަށް އާދަޔާ ޚިލާފު ކަމެކެވެ.

ގްރޫޕް-އައިބީއިން ގޯލްޑްޑިގާ ޓްރެކް ކުރަމުން ދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ވިއެޓްނާމްގައި ފައިނޭންޝަލް އެޕްލިކޭޝަންތަކާއި އީ-ވޮލެޓް އަދި ކްރިޕްޓޯ ވޮލެޓްތަކަށް އަމާޒުކުރާ އާ އެންޑްރޮއިޑް ބޭންކިން ޓްރޯޖަންއެއް އެންމެ ފުރަތަމަ ދެނެގަތުމުންނެވެ.

ސައިބާ ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކުން އެންމެ ފަހުގެ ހޯދުންތަކުގައި ބުނެފައި ވަނީ މި މަލްވެއާއަކީ ފޭސް އައިޑީއިން ނަގާފައިވާ ފޭޝަލް ރިކޮގްނިޝަން ޑޭޓާ އާއި ޑިވައިސްތަކުގައި ރައްކާކޮށްފައި ހުރި އައިޑެންޓިޓީ ޑޮކިއުމަންޓްތައް ވަގަށް ނެގުމުގެ އިތުރުން އެސްއެމްއެސް މެސެޖުތައް އިންޓަސެޕްޓް ކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެއް ކަމަށެވެ.

ގުރޫޕް-އައިބީއިން ގަބޫލުކުރާ ގޮތުގައި، ވަގަށް ނަގާފައިވާ ފޭސް އައިޑީ ޑޭޓާގެ މައްޗަށް ބިނާކޮށް ޑީޕްފޭކް އުފެއްދުމަށް އޭއައި ފޭސް-ސްވެޕިން ޓޫލްސް ބޭނުން ކުރާނެއެވެ. އަދި މި މަލްވެއާ މެދުވެރިކޮށް، އައިޑެންޓިޓީ ޑޮކްސް އާއި އެސްއެމްއެސް އެކްސެސް އާ އެކު، ވިކްޓިމްގެ އައިފޯނާއި ބޭންކިން އެޕްލިކޭޝަންތަކަށް ވަދެ، ހުއްދަ ނޫން މުއާމަލާތްތައް ފަށައި، އެކައުންޓްތައް ހެކް ކުރެވޭނެއެވެ.

އައިއޯއެސް ޓްރޯޖަން އެންމެ ފުރަތަމަ ފެތުރުނީ އެޕަލްގެ ޓެސްޓްފްލައިޓް ބީޓާ ޓެސްޓިން ޕްލެޓްފޯމް މެދުވެރިކޮށެވެ.

ގޯލްޑްޕިކްކޭޒް.އައިއޯއެސް އަކީ މިހާތަނަށް ވިއެޓްނާމާއި ތައިލެންޑުގައި މައިގަނޑު ގޮތެއްގައި ފެތުރޭ މަލްވެއާއެއް ކަމަށްވާއިރު، މި މެލިޝިއަސް އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތެވެ.

ގްރޫޕް-އައިބީއިން ބުނީ އެ މަލްވެއާގެ މައުލޫމާތު އެޕަލްއަށް ދީފައިވާ ކަމަށެވެ. އައިފޯން ބޭނުންކުރާ މީހުންގެ ފޭޝަލް ރިކޮގްނިޝަން ޑޭޓާ އާއި މާލީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް ސޮފްޓްވެއާ އަޕްޑޭޓްތައް މެދުވެރިކޮށް މި ސެކިއުރިޓީ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރުވެސް އެޕަލްއިން ކުރަމުން އަންނަ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް